ބްރޯޑްކާސްޓިން ދާއިރާގެ މައްސަލަތަކާ މެދު މަޝްވަރާކުރަން މަރުހަބާ ކިޔަން: ކޮމިޝަން

ބްރޯޑްކާސްޓިން ދާއިރާގައި ހުރި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރަން ތައްޔާރު ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން މިހެން ބުނީ އެ ދާއިރާގެ މައްސަލަތައް ހައްލުކުރަން ކޮމިޝަނުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ، ބްރޯޑްކާސްޓަރުން ގުޅިގެން އުފެއްދި ލޮބީ ގްރޫޕުން އެ ކޮމިޝަނަށް ފާޑު ކިޔާފައި ވަނިކޮށެވެ. ބްރޯޑްކާސްޓިން ކޮމިޝަނުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ ބްރޯޑްކާސްޓިން ދާއިރާގައި ހުރި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރަން އެ ކޮމިޝަނުން މަރުހަބާ ކިޔާނެ ކަމަށެވެ. އަދި އެ ލޮބީ ގްރޫޕުން އެ ކޮމިޝަނާ ބައްދަލު ކުރަން މިއަދު އެދިފައިވާތީ އެކަން އަންނަ ހަފުތާ ތެރޭގައި ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝަހީބް ވިދާޅުވި އެވެ. ޝަހީބް ވިދާޅުވީ ބްރޯޑްކާސްޓަރުންނާ ކުރިން މަޝްވަރާ ކުރަމުން އައި ނަމަވެސް އެކަން ހުއްޓާލަން ޖެހުނީ ބްރޯޑްކާސްޓަރުންގެ އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ކަމަށެވެ. ނަމަވެސް އެ ފުރުސަތު މިހާރު ވެސް ހުރިހާ ފަރާތްތަކަށް އޮންނާނެ ކަމަށް ވިދާޅުވި އެވެ. "ބްރޯޑްކާސްޓަރަކު ކޮމިޝަނާ ބައްދަލުކުރަން އެދުނު ކޮންމެ ފަހަރަކު ވެސް އެކަމަށް ކޮމިޝަނުން މަގުފަހިކޮށް ދީފައިވާނެ ކަމާއި ކުރިމަގުގައި ވެސް މި ފުރުސަތުތައް މިގޮތަށް ހުޅުވިފައި އޮންނާނެކަމުގެ ޔަގީންކަން ހުރިހާ ބްރޯޑްކާސްޓަރުންނަށް އަރުވަން،" ޝަހީބް ވިދާޅުވި އެވެ. ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގައި ބުނާ ލިސްޓެޑް އިވެންޓްސްތަކާ ބެހޭ ބައި ކޮމިޝަނުން ތަންފީޒު ނުކުރާތީ އެކަމުން ބްރޯޑްކާސްޓަރުންނާއި ސްޕޮންސަރުންނަށް ގެއްލުން ލިބެމުންދާ ކަމަށް ބުނެ އެކަމަށް ކޮމިޝަނުން ޒިންމާ ވާންޖެހޭނެ ކަމަށް ލޮބީ ގްރޫޕުން އިއްޔެ ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން ޝަހީބް ވިދާޅުވީ ލިސްޓެޑް އިވެންޓްސްތައް ގަވާއިދުގައި ހިމަނާފައިވަނީ އޭރު ބްރޯޑްކާސްޓަރުންގެ މެދުގައި ފުޅާކޮށް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. ނަމަވެސް މިއަހަރުގެ ވޯލްޑް ކަޕް ދުވަސްވަރު އައުމާ އެކު ލިސްޓެޑް އިވެންޓްސްތަކުގެ ހުރި ބައެއް މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ އެކަންކަން އިސްލާހުކޮށް އެކަމަށް އާ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. "މިހާތަނަށް ކުރެވިފައިވާ ތަޖްރިބާތަކުގެ އަލީގައި ކޮމިޝަނުން ޑްރާފްޓެއް އެކުލަވާލައި، އެ ޑްރާފްޓަށް ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމެޓީގެ ލަފާގެ އިތުރުން އާންމުންގެ ލަފާ ހޯދުމަށް ވަނީ ނިންމާފައި،" ޝަހީބް ވިދާޅުވި އެވެ. ޝަހީބް ވިދާޅުވީ ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ނެގިކަން މީޑިއާ ނެޓުން އެ ކޮމިޝަނަށް އަންގާފައި ނުވާތީ އެކަން މިހާރު ބަލަމުންދާ ކަމަށާއި ނަމަވެސް ތަހުގީގު ކުރިއަށް ދާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ. އަދި ޗެނަލްތައް މީޑިއާ ނެޓްގެ ވިއުގަ ތެރެއަށް ލުމަށް މިހާރު ނަގަމުންދާ ފީތައް ނަގަމުން ދަނީ އެ ކޮމިޝަނުން ފާސްކޮށްގެން ނޫން ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ވެސް މީޑިއާ ނެޓަށް މިހާރު އަންގާފައިވާ ކަމަށް ވެސް ޝަހީބް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ