ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމަށް 26 ފަރާތަކުން ކުރިމަތިލައިފި

19:00ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށް 26 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.ސިވިލް ސަރވިސް ކޮމިޝަން ނުވަތަ ސީއެސްސީއަށް ކުރިމަތިލުމަށްޓަކައި ނަން ހުށަހެޅުމަށް މަޖިލީހުގެ އިދާރާއިން ހުޅުވާލި ފުރުސަތު މިދިޔަ ބުރާސްފަތު ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި މިކަމަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުއްވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.ސިވިލް ސަރވިސް ކޮމިޝަން ނުވަތަ ސީއެސްސީގެ މެމްބަރުކަމަށް ފަސް ބޭފުޅަކު އައްޔަންކުރުމަށްޓަކައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނަން ހުށަހެޅުމަށް މަޖިލީހުގެ އިދާރާއިން އާދީއްތަ ދުވަހު އިއުލާންކޮށްފައި މިވަނީ، އެ ކޮމިޝަނަށް މެމްބަރުން އައްޔަންކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ބާރު ހަނިވާ ގޮތަށް އޮތް ކަމަށް ބުނާ ސިވިލް ސަރވިސް ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރެއްވުމުންނެވެ.މީގެ ކުރިން ސީއެސްސީގެ މެމްބަރުކަމަށް އައްޔަންކުރުމަށް މަޖިލީހަށް ނަންތައް ފޮނުއްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްވާ މެމްބަރުން ރައީސް ކޮމިޝަނަށް އައްޔަންކުރައްވަ އެވެ. ނަމަވެސް، ސިވިލް ސަރވިސްގެ ޤާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުގެ ސަބަބުން ރައީސްގެ ކިބައިން އެ ބާރު ވަނީ އުނިވެގެން ގޮސްފަ އެވެ. އެގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހަށް ހުށަހަޅާ ނަންތަކުގެ ތެރެއިން މަޖިލީހުގެ ފާސްކުރާ ފަސް ބޭފުޅަކު ސީއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ މިހާރު އައްޔަންކުރައްވަންޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ