ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބުރާހީމު ކަލޭފާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އިންކާރުކޮށްފިއެވެ.
މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ތޮލްހަތު އިންކާރު ކުރުމުން ދައުލަތުންވަނީ 30 ހެއްކެއް ތޮލްހަތާއި ދެކޮޅަށް ހުށަހަޅާފައެވެ. ތޮލްހަތުވަނީ ޖަވާބުދާރީ ވުމަށް އެއްމަސްދުވަހުގެ މުހުލަތަކަށް އެދިވަޑައިގެންފައެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެހާގިނަ ދުވަސް ދެވެން ނެތްކަމަށާއި 23 ދުވަސް ދެވިދާނެ ކަމަށެވެ. އެހެންކަމުން ތޮލްހަތުގެ ޝަރީއަތެއް ދެންއޮންނާނީ 13 މާރޗް 2013 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖާހާއިރުއެވެ.
ތޮލްހަތުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނަނީ ކުށެއް ނުކުރާ މީހަކު ހިފާހައްޔަރު ކޮށްފައިވާތީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ތޮލްހަތު ކުއްވެރިވާކަމަށެވެ. ނަމަވެސް ތޮލްހަތު ދައުވާއަށް އިންކާރުކުރަމުން ވިދާޅުވީ ޑިފެންސް މިނިސްޓަރު ކަމުގައި އޭނާ ހުރިއިރު އަމިއްލަ ފައިދާއަށްޓަކައި މީހަކު ހައްޔަރުކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް އޭނާ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވިއިރު ދައުލަތުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ އަމުރުމައުރޫފް ތަންފީޒު ކުރަންޖެހޭ ކަމަށެވެ.
ތޮލްހަތު އިތުރަށް ވިދާޅުވީ މިދައުވާއަކީ އޭނާގެ މައްޗަށް އުފުލަންޖެހޭ ދައުވާއެއްނޫން ކަމަށާއި އެދައުވާ އުފުލަން ޖެހޭނީ އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފު އާއި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހުގެ މައްޗަށް ކަމަށެވެ. އަސްކަރިއްޔާގެ ވާޖިބަކަށް ވާނީ ގައުމަށް ނުރައްކާވާ ކަންކަމުގައި އަސްކަރިއްޔާގެ އެންމެމަތީވެރިޔާ އަންގާގޮތެއްގެ މަތީން ވަގުތުން އަމަލުކުރަން ކަމަށްވެސް ތޮލްހަތު ވިދާޅުވިއެވެ. ތޮލްހަތު އެވިދާޅުވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރީ ހޯމް މިނިސްޓަރުގެ އެދުމަގެ މަތީން ކަމަށެވެ.
އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ތޮލްހަތުގެ މައްޗަށް އުފުލި ދައުވާއަށް އިންކާރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ