މިނިވަން އިންތިހާބެއް ބޭއްވުމަށް ރައީސް ވަހީދު އިސްތިއުފާ ދެއްވާކަށް ނުޖެހޭނެ: ރައީސް މައުމޫނު

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް މިހާރުގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އިސްތިއުފާ ދެއްވާ ވަގުތީ ސަރުކާރެއް ގާއިމު ކުރަން ނުޖެހޭނެ ކަމަށް ޕީޕީއެމްގެ ލީޑަރު ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ސީއެންއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ އިންތިހާބުގެ ވަގުތުތަކުގައި ވެސް އެނޫން ވަގުތުތަކުގައި ވެސް އަމަލު ކުރަން ޖެހޭ ގޮތް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ރައީސް ވަހީދު އިސްތިއުފާ ދެއްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
މައުމޫނު ވިދާޅުވީ އެގޮތް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ކޮންމެ ރައީސަކު ވެސް އެބޭފުޅެއްގެ މުއްދަތު ހަމަވަންދެން ރައީސްކަން ކުރައްވާނެ ކަމަށެވެ.
އަދި އިންތިހާބު ބާއްވަނީ މިނިވަން މުސްތަގިއްލު މުއައްސަސާއަކުން ކަމަށާއި އިންތިހާބުގެ މިނިވަންކަމާމެދު ސުވާލު ނުއުފުދޭނެ ކަމަށެވެ. އަދި މިނިވަން އިންތިހާބަކަށް ވަގުތީ ސަރުކާރެއް ގާއިމު ކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އިންތިހާބުގެ ކުރިން ރައީސް ވަހީދު އިސްތިއުފާ ދެއްވަން ނުޖެހޭނެ ކަމަށައި ވަގުތީ ސަރުކާރެއް ގާއިމު ކުރަން ނުޖެހޭނެ ކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވާ އިރު ރައީސް ވަހީދު އެމަގާމުން ފައިބާވަޑައިގެން ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ރައީސް މުހައްމަދު ނަޝީދުދަނީ ގޮވާލައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ