ހިލޭ ކިޔަވައިދެވެން އޮއްވާ ފީ ނަގާ ފަރާތަކާ ގެމަނަފުށީ ޕްރީ ސްކޫލް ހިންގަން ހަވާލުކުރި ބިޑް ކޯޓުން ބާތިލްކޮށްފި
ގއ. ގެމަނަފުށީ ޕްރީ ސްކޫލްގެ ބެލެނިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގައި 10 އަހަރު ވަންދެން ހިލޭ އެ ސްކޫލް ހިންގަން ހުށަހެޅުމުން އެ ފަރާތާ އެތަން ހަވާލުނުކޮށް ފީ ނަގާ ގޮތަށް ސްކޫލް ހިންގަން ހުށަހެޅި ފަރާތަކަށް އެތަން ހަވާލުކުރި ބިޑް ގެމަނަފުށީ ކޯޓުން ބާތިލްކޮށްފި އެވެ. ގެމަނަފުށީ ކޯޓުން އެ ބިޑް ބާތިލްކުރީ އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ފީ ނަގައިގެން ސްކޫލް ހިންގަން ހުށަހެޅި ފަރާތަށް އެތަން ހަވާލުކުރަން ބިޑް އިވެލުއޭޝަން ކޮމެޓީން ނިންމުމުން އެތަން ހިލޭ ހިންގަން ހުށަހެޅި ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ. އެ މައްސަލައިގައި މި މަހުގެ އަށް ވަނަ ދުވަހު އެ ކޯޓުން ކުރި ހުކުމުގައިވަނީ އެއްވެސް ފީއެއް ނުނަގައި އެ ތަން ހިންގަން އެރަށު ރަންކޮކާގޭ، ހަސަން ޝާހިދު ހުށަހެޅުމުން އެތަން އޭނާއާ ހަވާލުނުކޮށް، 50ރ. ގެ ފީއެއް ނަގައިގެން އެތަން ހިންގަން ހުށަހެޅި އެރަށު ހުސްނޫގޭ، ޟަމީރު އަހުމަދަށް ދިނުމަކީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތް ނޫން ކަމަށެވެ. އަދި އެންމެ ގިނައިން ޕޮއިންޓް ދޭންޖެހެނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށްވާއިރު ހިލޭ އެކަން ކުރަން ހުށަހެޅި ފަރާތަށް އެތަން ހަވާލު ނުކުރުމަކީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް އޭގައިވެ އެވެ. އެހެންކަމުން ފީ ނަގައިގެން އެ ސްކޫލް ހިންގަން ހުށަހެޅި ފަރާތާ އެތަން ހަވާލުކުރުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާ ކަމަށް އެ ހުކުމުގައިވެ އެވެ. އެތަން ހިލޭ ހިންގަން ހަވާލުކުރަން ހުށަހެޅުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އެންގީ އެ ޕްރޮޕޯޒަލްގެ އަގުގެ ބަޔަށް އެއްވެސް ޕޮއިންޓެއް ނުދިނުމަށެވެ. އެކަމާ ގުޅިގެން ކޯޓުގެ ހުކުމުގައިވަނީ އޭސީސީގެ އެ އެންގުމަކީ ރައްޔިތުން މާލީ ތަކުލީފެއް އުފުލަންޖެހޭ ފަދަ އެންގުމެއް ކަމަށާއި އެހެންކަމުން އެގޮތަށް ދޭ ލަފައަށް އަމަލުކުރަންޖެހޭނެ ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ