ޓެކުހަށް ނުވާ ފައިސާގެ މައްސަލަތައް ޓްރައިބިއުނަލަށް ނުބެލޭނެ: ހައި ކޯޓު
ޓެކުހަށް ނުވާ ފައިސާގެ މައްސަލަތައް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ. އެ ކޯޓުން އެގޮތަށް ނިންމީ އަމާނާ ތަކަފުލް މޯލްޑިވްސްއިން ފޮރިން އިންވެސްޓްމަންޓް ރޯޔަލްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ކުރިއަށް ގެންދެވޭނެ ކަމަށް އެ ޓްރައިބިއުނަލުން ނިންމުމުން، އެ ނިންމުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ކުރި ހުކުމުގައިވަނީ ފޮރިން އިންވެސްޓްމަންޓް ރޯޔަލްޓީއަކީ ޓެކްސްގެ ތެރޭގައި ހިމެނޭ ބާވަތުގެ ފައިސާއަކަށް ނުވާ ކަމަށާއި އެ ފައިސާއަކީ އަމާނާ ތަކަފުލް އާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ނެގޭ އަގެއް ކަމަށެވެ. އަދި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ސާފުބަހުން ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެނިހެން ކަންކަމަކީ ޓްރައިބިއުނަލަށް ބެލުމުގެ އިހްތިސާސް ލިބިގެންވާ މައްސަލަތަކެއް ނޫން ކަމަށް ހައި ކޯޓުގެ އެ ހުކުމުގައިވެ އެވެ. ހުކުމުގައި އިތުރަށް ވަނީ ރޯޔަލްޓީއަކީ ޓެކުހެއް ކަމަށް ބައެއް ހާލަތްތަކުގައި ދުނިޔޭގެ ބަސް ފޮތްތަކުގައި މާނަ ކުރެވުނު ނަމަވެސް ޓެކްސް އެޕީލް ޓްރައިބިއުނަލަށް އެ ބާވަތުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންދަނީ ގާނޫނެއްގެ ދަށުން އެ ބާރު ދިނުމުން ކަމަށެވެ. އެގޮތަށް ސާފު ބަހުން ބުނެފައި ނެތް ހާލަތްތަކުގައި އެއީ ޓްރައިބިއުނަލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ނުބެލެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ އިހްތިސާސް ޓްރައިބިއުނަލަށް ލިބޭ ކަމަށް ބުނާ އެއްވެސް މާއްދާއެއް ރާއްޖޭގައި އަމަލުކުރަމުންދާ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ބުނެފައި ނެތްކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުގެ މަތިން އެ މައްސަލަ ޓްރައިބިއުނަލަށް ބެލޭނެ ކަމަށް އެ ޓްރައިބިއުނަލުން ނިންމި ނިންމުން ބާތިލްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ. އެ މައްސަލަ ބެއްލެވީ ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ދައުލަތަށް ލިބެންޖެހޭ ޓެކުހަށް ނުވާ ފައިސާގެ ހޯދުމުގެ ބާރު ވެސް މީރާއަށް ލިބިގެންވާ ކަމަށް ވެސް ހައި ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ