މަޖިލީހުގެ ރައީސް ރިޕޯޓު އެއްކޮށް ވިދާޅުނުވެ ޑރ.ޝަހީމު ބަދުނާމުކުރެއްވުމުން ހިތާމަކުރަން: އުމަރު

ޝަހީދު ޑރ.އަފްރާޝިމް އަލީގެ މަރުގެ ރިޕޯޓް ވިދާޅުނުވެ، ޑރ.މުހައްމަދު ޝަހީމު އަލީ ސައީދު ބަދުނާމުވާ ފަދަ ގޮތަކަށް މައްޗަންގޮޅި މެދު ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައިވުމުން އެކަމާ ހިތާމަކުރައްވާ ކަމަށް ކުރީގެ ހޯމު މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.އުމަރު ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޑރ.އަފްރާޝީމުގެ މަރާ ގުޅިގެން މަރުތައް ބަލާ ކޮމީޝަނުން ނެރުނު 121 ސަފްހާގެ ދިގު ރިޕޯޓު ވިދާޅުވެ ނިމުނުއިރުވެސް އެ ރިޕޯޓުގެ އެއްވެސް ހިސާބަކުން ޑރ.އަފްރާޝިމްގެ މަރާ ޑރ.ޝަހީމުއާ ގުޅުމެއްވާ ކަމަށް ތުހުމަތުތަކެއް ކޮށްފައި ނުވާ ކަމަށެވެ.އަދި އެ ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ ދޮގު މައުލުމާތު ދެއްވިކަމަށެވެ. ނަމަވެސް ޑރ.ޝަހީމު ދެއްވި މައުލޫމާތަކީ ތެދެއް ކަމުގައި ވިޔަސް އަދި ދޮގެއް ކަމުގައި ވިޔަސް އެކަމުގެ ސަބަބުން ތަހުގީގަށް އެކަމުގެ އެއްވެސް އަސަރެއް ނުކުރާނެ ކަމަށްވެސް އެބަޔާނުން އެނގިގެންދާ ކަމަށް އުމަރުވަނީ ވިދާޅުވެފައެވެ.އަދި އެ ދިގު ރިޕޯޓު އެއްކޮށް ކިޔާލުމުން އިސްލާމިކު މިނިސްޓަރެއްގެ ހައިސިއްޔަތުން ޑރ. ޝަހީމު އޭރު ކުރެއްވި މަސައްކަތްޕުޅު ވަރަށް ރަނގަޅަށް ފެންނަން ހުރި ކަމަށް އުމަރުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.އެގޮތުން ޑރ.ޝަހީމު މަސައްކަތްޕުޅު ކުރައްވާފައިވަނީ ރާއްޖޭގައި ތިބި ދީނީ އިލުމުވެރިންގެ މެދުގައި އުފެދިފައި އޮތް ދެބަސްވުންތަކާ ޚިޔާލު ތަފާތުވުންތައް ނައްތާލާ ހުރިހާ އިލުމުވެރިން އެކުވެރިކުރުވަން ކަމަށްވެސް އުމަރު ފާހަގަކުރައްވާފައިވެއެވެ.އަދި ޑރ.ޝަހީމުގެ އެ ބުރަ މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެއް ކަމަށްވެސް އެ ޕޯސްޓުގައި ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުޅި ރިޕޯޓު ވިދާޅުނުވެ، ޑރ. ޝަހީމު ބަދުނާމުވާގޮތަށް ވާހަކަ ދެއްކެވީތީ އެކަމާ ހިތާމަކުރައްވާ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.އަދި އެއްވެސް ރިޕޯޓަކާ މެދު ވާހަކަ ދެއްކެވުމުގެ ކުރިން، ރިޕޯޓެއް އެއްކޮޅުން އަނެއްކޮޅަށް ކޮންމެ ބޭފުޅަކުވެސް ރަނގަޅަށް ވިދާޅުވާން ޖެހޭނެ ކަމަށާއި، ޒިންމާދާރުކަން ކުޑަ ގޮތަކަށް އެއްވެސް ބޭފުޅަކު އަމަލުކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އުމަރުވަނީ ވިދާޅުވެފައެވެ.ރާއްޖޭގައި ދީނީ އިލުމު ފެތުރުމަށް ދީނީ އިލުމުވެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް އުމަރުވަނީ ޝުކުރު ވެސް އަދާކުރައްވާފައެވެ.ޑރ.އަފްރާޝިމުގެ މަރާ ގުޅިގެން މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ޑރ. ޝަހީމު އެކޮމިޝަނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް ޑރ.ޝަހީމުވަނީ އެކަން ދޮގު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ