އިސްލާމީ ޔުނިވާސިޓީއެއް ހެދުމުގެ ގާބިލްކަމެއް ނެތް: ބައެއް މެމްބަރުން

ރާއްޖޭގައި ގައުމީ ޔުނިވާސިޓީއެއް ހިންގަމުންދާ މި ދަނޑިވަޅުގައި އިސްލާމީ ޔުނިވާސިޓީއެއްގެ ނަމުގައި އިތުރު ޔުނިވާސިޓީއެއް ހަދައިގެން ހިންގުމުގެ ގާބިލްކަން އެބަހުރިތޯ، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ސުވާލު އުފައްދަވައި އެ ކަމާ ދެކޮޅު ހައްދަވައިފި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް ހުށަހެޅުއްވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ބިލް މަޖިލީހަށް ބަލައިގަތުމާ މެދު މިއަދު ކުރި ބަހުސްގައި އެ ބިލާ ދެކޮޅުހައްދަވައި އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވީ ރާއްޖޭގައި އެއްފަހަރާ ގައުމީ ފެންވަރުގެ ދެ ޔުނިވާސިޓީ ހިންގުމުގެ ފޯރުންތެރިކަން ނެތް ކަމަށެވެ. މާލީ ގާބިލުކަން ނެތުމުގެ އިތުރުން އިސްލާމީ ޔުނިވާސިޓީއެއްގައި ކިޔަވައިދޭނެ ޓީޗަރުން ހޯދާނީ ކިހިނެއްތޯ ވެސް އެ މެމްބަރުން ސުވާލު އުފެއްދެވި އެވެ.
ނަމަވެސް އެ ބިލަށް ތާއީދުކުރެއްވި އިދިކޮޅު ޑީއާރްޕީ އާއި ޕީއޭ އަދި ބައެއް މިނިވަން މެމްބަރުން ވިދާޅުވީ، ރާއްޖޭގައި އެ ގާބިލުކަން އެބަހުރި ކަމަށެވެ. އަދި އިސްލާމް ދީނާ ގުޅުން ހުރި ކަމެއްކުރަންވުމުން ފޯރުންތެރިކަން ނެތިފައި ސިޔާސީ މަގާމުތައް އުފައްދަންވީމާ ފޯރުންތެރިކަން ހުރުމުން މި ސަރުކާރުން ދީނީ ކަންކަމަށް ދޭ ސަމާލުކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
މި ބިލް ހުށަހަޅުއްވަމުން ޑރ. އަފްރާޝީމް ވިދާޅުވީ ރާއްޖޭގައި އިސްލާމީ ޔުުނިވާސިޓީއެއް އުފެއްދުމުގެ މަގްސަދަކީ ރާއްޖޭގެ އިސްލާމިއްޔަތާއި ގައުމިއްޔަތާއި އެއްބައިވަންތަކަން ދީނީ ގައުމީ ގިއުގަނޑުގެ ތެރޭގައި ރާއްޖޭގެ ތައުލީމާއި ސަގާފަތު ރައްކާތެރިކޮށް ދެމެހެއްޓުމާއި ގައުމުގެ ތަރައްގީ އާއި ހޭލުންތެރިކަމަށް ބޭނުންވާ ތައުލީމާއި ތަމްރީން ލިބިފައިވާ ޒިންމާދާރު ބަޔަކު އުފެއްދުން ކަމަށެވެ. އަދި މަތީ ތައުލީމުގެ އެންމެހައި ދާއިރާތަކައި އިސްލާމީ ތައުލީމާއި ތަމްރީން ދިނުމާއި އިސްލާމީ ދިރާސާތައް ކުރުމާއި މިފަދަ ދިރާސާތަކަކީ ގައުމީ އިޖްތިމާއީ މަންފާތަކަށް ޝާއިއުކުރެވޭ ދިރާސާތައް ކަމުގައި ހެދުމެވެ.
މި ބިލަށް އެމްޑީޕީގެ ގިނަ މެމްބަރުން ދެކޮޅު ހެއްދެވި ނަމަވެސް އޭގެ ތެރެއިން ބައެއް މެމްބަރުން، އިސްލާމީ ޔުނިވާސިޓީއެއް އުފެއްދެވުމަށް ތާއީދުކުރައްވައި މިހާރުގެ ކުއްލިއްޔާ ގައުމީ ޔުނިވާސިޓީގެ ތެރެއަށް ބަދަލުކޮށްފިއްޔާ މާ ރަނގަޅަށް އިސްލާމީ ތަރުބިއްޔަތު ދެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ގައުމީ ޔުނިވާސިޓީގެ ނަން އިސްލާމީ ގައުމީ ޔުނިވާސިޓީގެ ނަމަށް ބަދަލުކުރުމަށް ވެސް އެ މެމްބަރުން ހުށަހެޅުއްވި އެވެ.
މި ބިލަށް ތާއީދުކުރެއްވި މެމްބަރުން ވެސް އަދި ދެކޮޅުހެއްދެވި މެމްބަރުން ވެސް ފާހަގަކުރެއްވި އެއް ކަމަކީ އިސްލާމީ ތައުލީމް ހާސިލުކުރާ މީހުންގެ އަޚުލާގާއި ތަރުބިއްޔަތު ރަނގަޅުވެ، މުޖްތަމައަށް އެ މީހުންގެ ބޭނުން ބޮޑު ކަމެވެ. އަދި މުޖްތަމައު އެ މީހުން ބަލައިގަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ބިލްގެ ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ގާނޫނު ފާސްކުރި ދުވަސްވަރު، އެ ޔުނިވާސިޓީގައި އިސްލާމިކް ފެކަލްޓީއެއް ހެދުމަށް ވަކާލާތުކުރުމުން ޑީއާރްޕީން އެ ކަމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ. ނަމަވެސް އިދިކޮޅު މެމްބަރުން ވިދާޅުވީ ޑީއާރްޕީން މަސައްކަތްކުރީ އިސްލާމީ ތައުލީމް ހަނިކުރަން ނޫން ކަމަށާއި އެ ތައުލީމް ފުޅާކުރަން ކަމަށެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ ވިދާޅުވީ މިއީ މުހިންމު ބިލެއް ކަމަށާއި މި ބިލަށް ތާއީދުކުރައްވާ ކަމަށެވެ. އަދި މި ބިލާ މެދު ގޮތެއް ނިންމުގައި ޕާޓީން މެމްބަރުންނަށް ވަކި ގޮތަކަށް ވޯޓު ދިނުމަށް ނުއެންގުމަށް ވެސް އެދިވަޑައިގަތެވެ. އަދި ގައުމީ އިސްލާމީ ޔުނިވަސިޓީއެއް ރާއްޖޭގައި ހުރުމަކީ މުހިންމު ކަމެއް ކަމަށާއި އިސްލާމް ދީން ރަމްޒުކޮށްދޭ ތަނެއް ހުރުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދު ވިދާޅުވީ މި ސަރުކާރު އައުމާ އެކު އިސްލާމީ ތައުލީމަށާއި އިސްލާމް ދީނަށް ވެސް ދިން ސަމާލުކަން ކުޑަވެފައިވާ ކަމަށާއި ކޮންމެ ދުވަހަކު އެތައް ބައިވަރު ކުންފުނިތައް ހެދިޔަސް އެކަން ކަމަކަށް ނުވެ، އިސްލާމީ ޔުނިވަސިޓީ ހަދަންވީމާ ހަރަދު ބޮޑުވާ ވާހަކަ ދެއްކީމާ ސުވާލު އުފެދޭ ކަމަށެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ މިއީ ކުރަން ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް މި ކަންކުރެވޭ ވަރުގެ މާހައުލެއް ވެސް ގާއިމުކުރަންޖެހޭ ކަމަށެވެ. އަދި މި ވަގުތަށް މި ބިލްގެ ކަންތައް ހުއްޓާލާފައި ސަރުކާރާ އެކު ވާހަކަ ދައްކައިގެން އަލުން މި ބިލް ހުށަހެޅުމަށް އޭނާ އެދިވަޑައިގަތެވެ. އަދި އެކަން ކުރަންވީ ޓެކްސްގެ ބިލްތައް ނިންމައި ޓެކްސް ނަގައިގެން ދަރަނިތައް ހުސްކޮށްފައި އޭގެ ފަހުން ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް އެ ގައުމަަކަށް ނިސްބަތްވާ ޔުނިވާސިޓީއެއް ހުރުމަކީ އެ ގައުމަކަށް ލިބޭ ފަޚުރެއް ކަމަށެވެ. އެހެން ނަމަވެސް އެއް ފަހަރާ ދެ ޔުނިވާސިޓީ ހިންގުމަށް ބޭނުންވާ ވަރަށް ދަރިވަރުންގެ އާބާދީ ރާއްޖޭގައި އެބައޮތްތޯ ސުވާލު އުފެއްދެވި އެވެ. އަދި މި ޔުނިވަސިޓީގައި ކިޔަވައިދެނީ ކޮން ބަހަކުން ކޮން މާއްދާތަކެއް ކަން އެނގެން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ އަލްހާން ފަހުމީ ވިދާޅުވީ މި ބިލަށް އޭނާ ކަނޑައެޅިގެން ދެކޮޅު ހައްދަވާ ކަމަށެވެ. އަދި ރާއްޖޭގައި މި އިސްލާމީ ޔުނިވާސިޓީ ހަދަން ޖާގައެއް ނުދެއްވާނެ ކަމަށާއި އެފަދަ ތަނެއް ހަދަން ބޭނުންވި ނަމަ 30 އަހަރުގެ ސަރުކާރުން އެކަން ނުކުރެއްވީ ކީއްވެތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ވެއަތުވެ ދިޔަ ސަރުކާރުން ތައުލީމު ފުޅާނުކުރި ނަމަ މިއަދު ޔުނިވާސިޓީ ތައުލީމްގެ ވާހަކަ ދައްކާނެ ފުރުސަތު ވެސް ނުލިބުނީސް ކަމަށެވެ.
ބިލް ހުށަހެޅުއްވި ޑރ. އަފްރާޝީމް ވިދާޅުވީ ގައުމީ ޔުނިވާސިޓީ އާއި އިސްލާމީ ޔުނިވާސިޓީގެ މުގައްރަރު ވެސް ވަރަށް ތަފާތުވާނެ ކަމަށެވެ. އަދި އިސްލާމީ ނޫން ޔުނިވާސިޓީއެއްގައި ކިޔަވައިދޭ އިރު އިސްލާމީ ފަލްސަފާއެއް ނޯންނާނެ ކަމަށާއި ނަމަވެސް އިސްލާމީ ޔުނިވާސިޓީގައި މީހަކު ކޮންމެ މާއްދާއެއް ކިޔެވިޔަސް، އޭގައި އިސްލާމީ ނަޒަރުން އެކަން ދެކޭ ގޮތް ކިޔަވައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ގިނަ މީހުން ދީނީ ކަންކަން ކުރަނީ މައިންބަފައިން ދަސްކޮށްދިނީމާ އެކަން ކުރާ އުސޫލުން ކަމަށާއި ނަމަވެސް އިސްލާމީ ޔުނިވާސިޓީއަކުން އިސްލާމީ ފިކުރާ އެކު އުނގެނިގެން އެކަން އެނގިގެން ކުރުމާ ވަރަށް ތަފާތުވާނެ ކަމަށެވެ.
އެއް ފަހަރާ ދެ ޔުނިވާސިޓީ ހިންގުމުގެ ބޭނުމެއް ނެތް ކަމަށް ބައެއް މެމްބަރުން ވިދާޅުވުމުން އަފްރާޝީމް ޖަވާބުގައި ވިދާޅުވީ، އެކަން އެ ގޮތަށް ފުދޭ ނަމަ، ގައުމީ ޔުނިވާސިޓީ ހުންނަ އިރު އިތުރު ކޮލެޖްތައް އުފައްދައިގެން ހިންގުމުގެ ހުއްދަ ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި މި ބިލް ނަފީކުރެވޭ ވަރުގެ ވާހަކައެއް އެއްވެސް މެމްބަރަކު ދައްކަވާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބިލްގެ ބަހުސް މިއަދު ނިމުނު ނަމަވެސް، ވޯޓު ނެގުމުގެ ވަގުތު ފާއިތުވެފައި އޮތުމުން ބިލް މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓަށް އެހުން އޮންނާނީ ދެން އޮންނަ ޖަލްސާއެއްގައި ކަމަށް ވެސް ރިއާސަތުން ވިދާޅުވި އެވެ.
މީގެ އިތުރުން، ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވެސް މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަތެވެ. މި ބިލް ބަލައިގަތީ ހާޒިރުވެ ތިއްބެވި 69 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓުދެއްވީ އެންމެ ފަސް މެމްބަރުންނެވެ.
މި ބިލް މަޖިލީހަށް ބަލައިގަތުމާ އެކު މުޅި މަޖިލީހުގެ ކޮމިޓި އަށް ފޮނުވީ ކަމަށް ރިއާސަތުން ނިންމައި އެ ބިލްގެ މަސައްކަތް ގެންދާނެ ގޮތެއް ނިންމުމަށް ހުޅުވައިލި ފުރުސަތުގައި އިހަވަންދޫ ދާއިރާގެ އަހްމަދު އަބްދުﷲ ހުށަހަޅުއްވައި ތިނަދޫ ދާއިރާގެ މުހައްމަދު ގަސަމް ތާއީދުކުރެއްވީ، އިއްޔެ ފާސްކުރި މުޅި މަޖިލީހުގެ ކުޑަ ކޮމިޓީ އަށް މި ބިލް ވެސް ފޮނުވުމަށެވެ. އަދި އެ ކޮމިޓީ އަށް ފޮނުވަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި އެ ގޮތަށް ފާސްވީ ހާޒިރުވެ ތިއްބެވި 65 މެމްބަރުންގެ ތެރެއިން 48 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ކަމަށް އެންމެ މެމްބަރަކު ދެކޮޅުހެއްދެވި އިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް ހަތް މެމްބަރުން ވޯޓުދެއްވި އެވެ.
މި ބިލް މަޖިލީހަށް ބަލައިގަތީ، ބިލާ މެދު ބަހުސްކުރުމަށް ހުޅުވައިލި ފުރުސަތުގައި ބަހުސްކުރާނެ މެމްބަރަކު ނެތުމުންނެވެ. ބިލް ހުށަހެޅުއްވި ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒް ފަހު ބަސް އިއްވަމުން ވިދާޅުވީ ޓެކްސް ނެގުމަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ