ސުނާމީ ހާދިސާގެ ހަވީރު އޮންލައިން ކަވަރޭޖުގެ ފުރަތަމަ 18 ދުވަހުގެ ތެރޭގައި 5.2 މިލިއަން ހިޓްސް ލިބިފައިވޭ: ރިޕޯޓް

ސުނާމީ ހާދިސާގެ ހަވީރު އޮންލައިން ކަވަރޭޖުގެ ފުރަތަމަ 18 ދުވަހުގެ ތެރޭގައި 5.2 މިލިއަން ހިޓްސް ލިބިފައިވާ ކަމަށް އޮންލައިންގެ ޑޭޓާތަކުން ދައްކައިފި އެވެ. މިއީ ހަވީރު އޮންލައިނުގެ ތާރީހުގައި މިހާ ގިނަ ބަޔަކު އޮންލައިނަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.
ދިރާގު މެދުވެރިކޮށް ލިބިފައިވާ ހަވީރު އޮންލައިން ޑާޓާތައް ދައްކާ ގޮތުން ޑިސެމްބަރު 26 ގައި މުޅި ރާއްޖެ ދޮވެލި ސުނާމީގެ ހަބަރުތައް ކިއުމަށް އެންމެ ގިނަ ބަޔަކު ހަވީރު އޮންލައިނަށް ޒިޔާރަތްކޮށްފައި ވަނީ ޑިސެމްބަރު 27 ވަނަ ދުވަހު އެވެ. އެ ދުވަހު 611،634 ހިޓްސް ލިބިފައި ވެ އެވެ.
މިދިޔަ އަހަރުގެ ޑިިސެމްބަރު 26 ވީ އާދިއްތަ ދުވަހު ހެނދުނު، ކުއްލި ގޮތަކަށް މުޅި ރާއްޖެ އަށް ސުނާމީ އަރައި، މާލެ އަށާއި އަތޮޅުތަކަށް ގެއްލުން ލިބެން ފެށުމާއެކު މި ހާދިސާގެ ހަބަރުތަކާއި ފޮޓޯތައް ހިނދުންހިނދަށް ގެނެސްދިނުމަށްޓަކައި ހަވީރު އޮންލައިނުން ވަނީ މަސައްކަތް ފަށައިފަ އެވެ. އަދި ކަމާ ބެހޭ ކަންތައްތައް ވިލަރެސް ކުރެއްވުމަށް ހަމަ އެ ދުވަހު އިސްކަންދަރު ސްކޫލްގައި ޓާސްކްފޯސް އޮފީހެއް ގާއިމް ކުރެއްވުމުން ހަވީރު އޮންލައިންގެ ޑެސްކެއް އެ ސްކޫލްގައި ގާއިމްކޮށް، ހާދިސާގެ އެންމެ ފަހުގެ އަޕްޑޭޓްސް މެދުކެނޑުމެއް ނެތި 24 ގަޑިއިރު ގެނެސްދެމުން އައިސްފައިވެ އެވެ. އަދި ފަހުން، ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރު ސޯޝަލް ސެންޓަރަށް ބަދަލުކުރުމުން ވެސް، އެ ތަނުގައި ވެސް ވަނީ ހަވީރު އޮންލައިންގެ ޑެސްކެއް ގާއިމްކޮށްފަ އެވެ.
ސުނާމީ އެރި ދުވަހުގެ ކުރީ ދުވަހު، 25 ޑިސެމްބަރުގައި، ހަވީރު އޮންލައިނަށް ލިބިފައި ވަނީ 34،128 ހިޓްސް އެވެ. ނަމަވެސް ސުނާމީ އެރި ދުވަހު 392،857 ހިޓްސް ލިބިފައިވެ އެވެ. އަދި ޑިސެމްބަރު 27 ގައި 611،634 ހިޓްސް ލިބިފައި ވެ އެވެ. މިއީ މިހާތަނަށް އެންމެ ގިނަ ބަޔަކު ހަވީރު އޮންލައިން ބެލި ދުވަހެވެ. ޑިސެމްބަރު 28 ގައި ލިބިފައި ވަނީ 503،057 ހިޓްސް އެވެ.
ހަވީރު އޮންލައިނުން ބޮޑަށް މަސައްކަތް ކޮށްފައި ވަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް، ކަމާ ބެހޭ މައުލޫމާތު ވީހާ ވެސް ތާޒާކޮށް ގެނެސްދިނުމަށެވެ. އޭގެ ތެރޭގައި މި ހާދިސާގައި މަރުވެދިޔަ މީހުންގެ ތަފްސީލާއި ގެއްލިފައިވާ މީހުންގެ ތަފްސީލާއި ހަލާކުވެފައިވާ ގެދޮރާއި އިމާރާތްތަކުގެ ތަފްސީލް ހިމެނެ އެވެ. އަދި ހިތާމަ ލިބުނު އާއިލާތަކަށް ހަމްދަރުދީގެ މެސެޖް ފޮނުވުމަށް ހަވީރު އޮންލައިންގައި ޚާއްސަ ފޮތެއް ވެސް ހުޅުވި އެވެ. މި ފޮތުގައި ވެސް ވަރަށް ގިނަ ބަޔަކު ވަނީ އެ މީހުންގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި، ރާއްޖެއިން ބޭރުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ އިތުރުން ރާއްޖެ ޒިޔާރަތްކޮށްފައިވާ ޓޫރިސްޓުން ވެސް ވަރަށް ގިނަ އަދަދަކަށް ހިމެނެ އެވެ.
ސުނާމީ ކަވަރޭޖާ ގުޅިގެން ހަވީރު އޮންލައިންގެ މަގުބޫލްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ނަތީޖާ އެއްގެ ގޮތުން، އޮންލައިނަށް ދުވާލަކު އެވްރެޖްކޮށް 60،000 ހިޓްސް މިހާރު ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ