ކަރަންޓް ސަބްސިޑީ ދޭނެ އުސޫލުތައް މާލިއްޔަތު ކޮމެޓީން ކަނޑައަޅައިފި

ދައުލަތުގެ މި އަހަރުގެ ބަޖެޓްގައި، ކަރަންޓުގެ ހިދުމަތުގެ އަގު ހެޔޮ ކުރުމަށޗޓަކައި ސަބްސިޑީގެ ގޮތުގައި ދިނުމަށް ފާސްކޮށްފައިވާ 22 މިލިއަން ރުފިޔާ ރައްޔިތުންގެ އިންޖީނުގެތަކަށާއި ޔުޓިލިޓީޒް ކުންފުނިތަކަށް ދޭނެ އުސޫލު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ނިންމަވައިފި އެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ނިންމާފައި ވަނީ 22 މިލިއަން ރުފިޔާގެ ތެރެއިން 18.3 މިލިއަން ރުފިޔާ ރަށްރަށުގައި ރައްޔިތުން ހިންގާ އިންޖީނުގެތަކަށް ދިނުމަށެވެ. އަދި ޔުޓިލިޓީޒް ކުންފުނިތަކަށާއި ރައްޔިތުންގެ އިންޖީނުގެ ނެތް ރަށްރަށުގައި އެ ރަށަކަށް ކަރަންޓުގެ ހިދުމަތް ދޭ ފަރާތަކަށް ހަތަރު މިލިއަން ރުފިޔާ ދިނުމަށް ވެސް މާލިއްޔަތު ކޮމެޓީން ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.
ސަބްސިޑީ ފައިސާގެ ތެރެއިން ރަށްރަށުގެ އިންޖީނުގެތަކަށް ދޭ ފައިސާއިން އެ ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށާއި ހިދުމަތުގެ އަގު ހެޔޮ ކުރުމަށް ބޭނުން ކުރުމަށް ވެސް މާލިއްޔަތު ކޮމެޓީން ނިންމި އެވެ. އަދި ޔުޓިލިޓީ ކުންފުނިތަކަށް ދޫކުރާ ސަބްސިޑީ ފައިސާ ހަރަދު ކުރާނީ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓާކައި ކުރަންޖެހޭ ކެޕިޓަލް ހަރަދު ކުރުމަށް ކަމަށް ވެސް މަޖިލީހުން ވަނީ ނިންމައިފަ އެވެ. އަދި އެ ހަރަދުތައް ކުރާއިރު ކަރަންޓުގެ ހާލަތު އެންމެ ދަށް ރަށްރަށަށް އިސްކަންދިނުމަށް ވެސް މާލިއްޔަތު ކޮމެޓީން ވަނީ ނިންމައިފަ އެވެ.
މަޖިލީހުން ބުނީ ކަރަންޓް ސަބްސިޑީ ދިނުމުގައި މާލިއްޔަތު ކޮމެޓީން ބެލީ މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން ކަރަންޓުގެ ސަބްސިޑީ ދިނުމުގައި އަމަލުކުރި އުސޫލަށް ކަމަށެވެ.
މަޖިލީހުން ބުނީ މިދިޔަ އަހަރުގެ ބަޖެޓުން ކަރަންޓް ސަބްސިޑީގެ ގޮތުގައި 39 މިލިއަން ރުފިޔާ ޔުޓިލިޓީޒް ކުންފުނިތަކަށް ދީފައިވާއިރު، ރައްޔިތުންގެ އިންޖީނުގެތަކަށް އެ ސަބްސިޑީ ދީފައި ނެތްކަން މާލިއްޔަތު ކޮމެޓީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންވެ މި އަހަރުގެ ބަޖެޓުން ކަރަންޓް ސަބްސިޑީ ދޭއިރު އެކަންކަން ބެލުމަށް ކޮމެޓީން ނިންމި ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ