މާލެ-ހުޅުމާލެ ކަރަންޓް ވިއުގަ ގުޅާލާ ޓެސްޓް ކޮށްފި

މާލެ- ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު ވިއުގައަކުން ގުޅާލައި އެ ވިއުގަ ފުރަތަމަ ފަހަރަށް ޓެސްޓު ކޮށްފި އެވެ.
ސްޓެލްކޯއިން މިއަދު ވަނީ މާލެ އާއި ހުޅުމާލޭގެ އިންޖީނުގެ ސިންކްރޮނައިޒްކޮށް ނުވަތަ ގުޅުވާލައި ފުރަތަމަ ފަހަރަށް ޓެސްޓް ކޮށްފަ އެވެ. ސްޓެލްކޯ އިން ބުނީ، ކަރަންޓު ގްރިޑަށް ކާމިޔާބުކަމާ އެކު ދެ އިންޖީނުގެ މިހާރު ގުޅާލާފައިވާ ކަމަށެވެ. އަދި މާލެ އިން ހުޅުމާލެ އަށް އަދި ހުޅުމާލެއިން މާލެއަށް ދެން ކަރަންޓު ފޮނުވޭނެ ކަމަށެވެ.
"ހަކަތައިގެ ސިނާއަތުގައި އާ ހަރުފަތަކަށް މި ވަނި ދެވިފައި. އެކަމުގެ ފައިދާ ރައްޔިތުންނަށް ކުރާނެ،" ސްޓެލްކޯއިން ބުނެ އެވެ.
އެއް ވިއުގައަކުން ގްރޭޓާ މާލެ ސަރަހައްދަށް ކަރަންޓް ދޭން ކުރިއަށް ގެންދާ މަޝްރޫއު އިފްތިތާހު ކުރީ ޖުލައި 23، 2016 ވަނަ އަހަރު އެވެ. ސްޓެލްކޯއިން އެ މަޝްރޫއު ކުރިއަށް ގެންދިޔައީ 104 މިލިއަން ޑޮލަރު (މިހާރު އަގުން ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.
'ސްޓެލްކޯ ފިފްތް ޕަވާ' ގެ ނަމުގައި ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ނުވަ މެގަވޮޓްގެ ހަ އިންޖީނުގެ މައްޗަށް އެކުލެވޭ 50 މެގަވޯޓްގެ ޕަވާ ސްޓޭޝަނެއް ގާއިމުކޮށްފައި ވެއެވެ. މީގެ އިތުރުން ފިއުލް ފާމް އަދި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ހިމެނޭ އިރު ފިއުލް ފާމްގައި 2،300 މެޓްރިކް ޓަނުގެ ކެޕޭސިޓީ ސްޓޯރޭޖެއް ހުންނާނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ޗައިނާގެ ޑޮންފަން ކުންފުނިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ