އޮމިކްރޯން ވޭރިއެންޓުގެ ފުރަތަމަ ދެކޭސް ޔޫކޭއިން ފެނިއްޖެ

އިނގިރޭސިވިލާތް (ޔޫކޭ) އިން އޯމައިކްރޯން ވޭރިންޓްގެ ފުރަތަމަ ދެ ކޭސް ފެނިއްޖެ އެވެ.
މިއާއެކު އިނގިރޭސިވިލާތުގެ ޓްރެވަލް ރެޑް ލިސްޓަށް އިތުރު 4 ޤައުމެއް އިތުރުކުރިކަން އެ ގައުމުގެ ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ. އެއީ އެންގޯލާ، މަލާވީ، ޒެމްބިއާ، އަދި މޮޒަމްބީކް އެވެ.
އޯމައިކްރޯން ކޮވިޑް-19 ވޭރިއަންޓްގެ އިނގިރޭސިވިލާތުގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިއަދު އެވެ.
އެހެންވެ، މި ވޭރިއެންޓް ފެނިފައިވާ އިތުރު ގައުމުތަކަށް ވެސް ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ކުރިމަތިކުރުމަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުން މަޝްވަރާ ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
ޔޫކޭގެ އެސެކްސް އާއި ނޮޓިންހަމްޝަޔަރގެ ދެމީހަކު އާ ވޭރިއަންޓަށް ޕޮޒިޓިވް ވެފައިވާކަން މިއަދު ޔާގީންވެފައި ވާއިރު، ސިއްހީ ވުޒާރާގެ އޮފިޝަލުން ވަނީ އިތުރު ކޭސްތައް ދެނެގަތުމަށް، ބަލި ފެނުން ސަރަހައްދު ތަކުގައި މާސް ޓެސްޓްތައް ކުރިއަށް ގެންދާކަމަށް ވިދާޅުވެފައެވެ.
ޕޮޒިޓިވްވި ދެމީހުން އަލުން ޓެސްޓުކޮށް ސެލްފް އައިސޮލޭޓްވާން އަންގާފައި ވާއިރު، އެ ދެމީހުންގެ ގޭބިސީގެ ހުރިހާ މެމްބަރުންނަށް ވެސް ވަނީ ސެލްފް އައިސޮލޭޓްވާން އަންގާފައެވެ. އަދި ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެއެވެ.
އޮފިޝަލުން ވިދާޅުވަނީ މި ދެކޭސް ގުޅިފައިވާ ކަމަށާއި "ދެކުނު އެފްރިކާއަށް ދަތުރުކުރުމުގެ ރެކޯޑެއް" ވެސް އެބައޮތް ކަމަށެވެ.
ކޮރޯނާވައިރަހުގެ އައު ވޭރިއަންޓާ ގުޅިގެން އިންޒާރުތައް ނެރެފައިވަނިކޮށް އެފްރިކާގެ ބައެއް ގައުމުތަކުން އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން ކަރަންޓީން ވާން ޖެހޭގޮތަށް ހަދައި، ރެޑް ލިސްޓަށް ގައުމުތަކެއް ފުރަތަމަ ލާފައިވަނީ ހުކުރު ދުވަހުއެވެ.
އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ ސާޖިދު ޖާވިދު ވިދާޅުވީ ހުކުރު ދުވަހުގެ މެންދުރު 12:00 އިން ފެށިގެން 6 ގައުމެއް އެ ގަައުމުގެ ރެޑް ލިސްޓަށް އިތުރުކުރާނެ ކަމަށާއި، މިއާއެކު އެ ގައުމުތަކާއި އިނގިރޭސިވިލާތާއި ދެމެދުގައި ވައިގެ މަގުން ދަތުރުކުރުން ވަގުތީ ގޮތުން މަނާވާނެ ކަމަށެވެ.
އެ 6 ގައުމަކީ ދެކުނު އެފްރިކާ، ނެމީބިއާ، ޒިމްބާބްވޭ، ބޮޓްސްވާނާ، ލެސޯތޯ އަދި އެސްވަތީނީއެވެ.
މި ވޭރިއަންޓަކީ "މިހާތަނަށް ފެނުނު އެންމެ ނުރައްކާ ވޭރިއަންޓް" ގެ ގޮތުގައި ސިއްހީ ތަޖުރިބާކާރުން ސިފަކުރައްވާފައި ވާއިރު، މިހާރު އުފައްދާފައިވާ ކޮވިޑް-19 ވެކްސިންތަކުން މި ވޭރިއަންޓުން ދިފާއު ނުވާނެކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.
ޖާވިދު ވިދާޅުވާ ގޮތުގައި، އާ ވޭރިއަންޓާމެދު ސައިންސްވެރިން "ވަރަށް ބޮޑަށް ކަންބޮޑުވާ" ކަމަށާއި، ނަމަވެސް އެކަމާ ބެހޭގޮތުން އިތުރަށް މައުލޫމާތު ހޯދަންޖެހޭ ކަމަށެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި މި ވޭރިއަންޓުގައި ވަރަށް ގިނަ މިއުޓޭޝަންތައް އެބަހުރި ކަމަށާއި އެއީ "ޑެލްޓާ ވޭރިއަންޓްގައި ފެނުނު މިއުޓޭޝަންތަކުގެ އަދަދު ދެގުނައަށް އިތުރުވެދާނެ" ކަމަށެވެ.
އޭނާ ވިދާޅުވީ، މީގެ ސަބަބުން މިހާރު ހުރި ވެކްސިންތަކުން އެ ވޭރިއަންޓަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ