ހަވީރު ވޮލީ މެޗް ބަލަން ގޮސްގެން ބަންގްލަދޭޝްއަށް ދިއުމުގެ ފުރުސަތެއް

ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ގައުމީ ވޮލީ ޓީމާއި އިންޑިޔާގެ ހައިދަރުއާބާދު ސްޕައިކާސްރ ވާދަކުރާ މެޗްގެ ބެލުމަށް ޒުވާނުންގެ މަރުކަޒަށް ދާ ފަރާތްތަކުގެ ތެރެއިން ދެ ފަރާތަކަށް ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެ ކުޅޭ މެޗް ބަލާލުމަށް ދިއުމުގެ ފުރުސަތު މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަނުން ދީފިއެވެ. ގައުމީ ވޮލީ ޓީމް މިހާރު ތައްޔާރުވަމުންދަނީ މިމަހުގެ 22ވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނެވެ. މިމުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގެ ވޮލީ ޓީމުން ކުޅޭ އެކުވެރިކަމުގެ ފަހު މެޗްގައި ރާއްޖެއިން އިންޑިޔާގެ ހައިދަރުއާބާދު ސްޕައިކާސްރ ވާދަކުރާއިރު، މިމެޗުގެ ފޯރިގަދަ ކުރުމަށް ގިނަ ކަންތައްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢުލުމާތު ދިނެވެ.
އެގޮތުން މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗް ބަލާލުމަށް ޒުވާނުންގެ އެތެރޭ ކޯޓަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ކޫޕަނެއް ދިނުމަށް ހަމަޖެހިފައިވާކަމަށާއި އެކޫޕަން ފުރުމަށްފަހު، އެކަމަށް ޚާއްސަ ކުރެވިފައިވާ ފޮށީގެ ތެރެއަށް ލުމުން، ގުރުއަތުން ހޮވޭ ދެ ފަރާތަކަށް މިމަހުގެ 23ވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެ ކުޅޭ މެޗެއް ބަލާލުމަށް ދެ ފަރާތްކަށް ފުރުސަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ގައުމީ ޓީމްގެ ޖޯޒީއެއްވެސް ދެ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢުލުމާތު ދިނެވެ. މިއާއެކު ވީހާވެސް ގިނަ ބޭފުޅުން މިމެޗް ބަލާލުމަށް ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްއަށް ވަޑައިގަތުމަކީ ވީއޭއެމްގެ ވަރަށް ބޮޑު އެދުމެކެވެ.
ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިންވަނީ އަވައްޓަރި ސްރީލަންކާއާއި ދެކޮޅަށްވެސް އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ. ތިން މެޗުންވެސް ރާއްޖެ ބަލިވެފައިވާއިރު، އެމެޗްތަކުގެ ސަބަބުން ޓީމަށް ކުރިއެރުންތަކެއް އައިސްފައިވާކަމަށް ގައުމީ ޓީމްގެ ކޯޗް މުޙައްމަދު ސާޖިދު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ