ލަވަކިޔުންތެރިޔާ ޝާން ”މިއުޒިކް ސްކޫލް“ އަށް؟

”ޗާންދު ސިފާރިޝް“ އާއި ”ޖަބް ސެ ތެރެ ނެއިނާ“ ފަދަ މަޝްހޫރު ރީތި އެތައް ލަވައެއް ކިޔާފައިވާ އިންޑިއާ ލަވަކިޔުންތެރިޔާ ޝާން ފިލްމަކަށް ސޮއިކޮށްފިއެވެ.
ޝަރްމަން ޖޯޝީއާއި ޝްރިޔާ ސަރަން ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް ޝާން ސޮއިކުރިއިރު މިއީ 2014 ގެ ފިލްމު ”ބަލްވިންދަރް ސިންގ ފޭމަސް ހޯ ގަޔާ“ އަށްފަހު ޝާން ބޮޑު ރޯލެއް ކުޅޭ ފުރަތަމަ ފިލްމުކަން ފާހަގަކޮށްލެވެއެވެ. އޭގެ ކުރިން އޭނާ ވަނީ ރަވީނާ ޓަންޑަންއަށް ނެޝަނަލް އެވޯޑް ލިބުނު 2001 ގެ ފިލްމު ”ދާމަން: އަ ވިކްޓިމް އޮފް މެރިޓަލް ވަޔޮލެންސް“ ގައި މުހިންމު ރޯލެއް ކުޅެފައެވެ.
”މިއުޒިކް ސްކޫލް“ އަކީ ތަޢުލީމީ ނިޒާމުގެ ތެރެއިން ޑޮކްޓަރުންނާއި އިންޖިނިއަރުންނަށް ވުމަށް ކުރާ ޕްރެޝަރާއި އާޓާއި ކުޅިވަރުގެ ދާއިރާއިން މީހުން ބިނާނުކުރުމުގެ މައްޗަށް އުފައްދާ ފިލްމެކެވެ.
ޝަރްމަންއާއި ޝްރިޔާއާއި ޝާންގެ އިތުރުން މި ފިލްމުން ސުހާސިނީ މުލާއީ، ބެންޖާމިން ގިލާނީ، ޕްރަކާޝް ރާޖް އަދި ތެލުގޫ ކޮމޭޑިއަން ބްރާމަނަންދަމްއާއި ގްރޭސީ ގޯސްވާމީ ފަދަ ތަރިން ފެނިގެންދާނެއެވެ.
ޔާމިނީ ފިލްމްސްއިން ޕްރޮޑިއުސްކޮށް ޕާޕާ ރާއޯ ބިޔާލާ ލިޔެ ޑައިރެކްޓްކުރާ ”މިއުޒިކް ސްކޫލް“ އަކީ 12 ލަވަ ހިމެނޭ މިއުޒިކަލްއެކެވެ. ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ