ޑރ. ޝަހީދު އެމްޑީޕީ އަށް ސޮއި ކުރައްވައިފި

ފޮރިން މިނިސްޓަރު އަދި ދިވެހި ގައުމީ ޕާޓީގެ އެއް މުއައްސިސް ޑރ. އަހުމަދު ޝަހީދު މިއަދު އެމްޑީޕީ އަށް ސޮއި ކުރައްވައި އެ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު ސިޔާސީ މައިދާނުގައި ޑރ. ހަސަން ސައީދާއި ޑރ. މުހައްމަދު ޖަމީލު އަހުމަދާ އެކު މަސައްކަތް ކުރައްވަމުން ޑރ. ހަސަންގެ ރަނިންމޭޓުގެ ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި، އެ ދެ ބޭފުޅުންނާ އެކު ގައުމީ ޕާޓީ އުފެއްދެވި ޝަހީދު ވިދާޅުވީ އޭނާ އެމްޑީޕީ އަށް ސޮއި ކުރެއްވީ މިއަދު 00: 1 ހާއިރު ކަމަށެވެ.
ޝަހީދު ވިދާޅުވީ އެމްޑީޕީއާ ގުޅިވަޑައިގަތީ އެ ޕާޓީގެ ސަރުކާރެއް ގެނައީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުން ވެގެން ކަމަށް ވާއިރު އެ ސަރުކާރު ދެމެހެއްޓުމަކީ ޑިމޮކްރެސީއަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ. އަދި ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޑިމޮކްރެސީ ހަރުދަނާ ކުރުމަށް އޭނާ މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.
ގައުމީ ޕާޓީން ބުނީ ޑރ. ޝަހީދު އެ ޕާޓީން ވަކިވެވަޑައިގެންނެވި ނަމަވެސް "ގައުމީ ޕާޓީ ކުރިއަށް ދިއުމަކަށް އެއްވެސް ހީނަރު ކަމެއް ނާންނާނެ" ކަމަށެވެ.
އެ ޕާޓީގެ އަމީން އާއްމު އަބްދުﷲ އަމީން ވިދާޅުވީ ޝަހީދު އެމްޑީޕީ އަށް ސޮއި ކުރެއްވި އިރު ގައުމީ ޕާޓީން ރަސްމީކޮށް ވަކިވެވަޑައިގެންފައި ނުވާ ކަމަށާއި އެހެން ނަމަވެސް އޭނާ އެހެން ޕާޓީއަކަށް ސޮއި ކުރުމުން އެ ޕާޓީން ވަކިވެވަޑައިގެންނެވުނީ ކަމަށެވެ.
"ޕާޓިން ކެނޑެން ސިޓީއެއް ފޮނުއްވާ، އެކަހަލަ ކަމެއް ކުރައްވާފައެއް ނެތް. އެކަމަކު އެމްޑީޕީ އަށް ވެންނެވީމަ އެ ހިސާބުން އެ ހުންނެވި ޕާޓީއަކުން ވަކިވީ،" އަމީން ވިދާޅުވި އެވެ.
ޝަހީދު މިއަދު އެމްޑީޕީ އަށް ސޮއި ކުރެއްވި އިރު، ޑީއާރުޕީ-ޕީއޭގެ މަޖިލިސް މެމްބަރުން ހިމެނިވަޑައިގަންނަވާ އިދިކޮޅު "އިހުތިޖާޖު" ގްރޫޕުން ވަނީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލިހުގައި ނެގުމަށް ޕެޓިޝަނެއް ތައްޔާރު ކުރަމުން ގެންދާ ކަން ރޭ ބޭއްވި މުޒާހަރާއެއްގައި އިއުލާން ކޮށްފަ އެވެ. ޝަހީދު މައުމޫންގެ ސަރުކާރުގެ ވަޒީރު ކަމުން އިސްތިއުފާ ދެއްވި އިރު އޭރު އޮތް މަޖިލިހުން ވެސް އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ތައްޔާރު ވަމުން ދިޔަ އެވެ.
ޝަހީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކަމަކަށް އެ ޕާޓީން މިއަދު މެންދުރާ ހަމައަކަށް ނުބުނެ އެވެ. އެމްޑީޕީގެ ސްޕޯކްސްޕާސަން އަހުމަދު ހަލީމް (ދޮން ބިލެތް) ވިދާޅުވީ ޝަހީދު އެ ޕާޓީއާ ގުޅިވަޑައިގެންނެވި ކަމެއް އެނގަވަޑައި ނުގަންނަވާ ކަމަށެވެ.
ގައުމީ ޕާޓީން ބުނީ އެ ޕާޓީގެ އުސޫލުތަކާ އެއްގޮތަށް ޕާޓީ ދެމިއޮންނާނެ ކަމަށާއި ޝަހީދުގެ ސިޔާސީ ހަޔާތުގައި ކާމިޔާބީ އަށް އެދޭ ކަމަށެވެ.
"ރާއްޖޭގެ ޕާޓީތަކުގެ ތާރީހަށް ބަލާ އިރު އެނގިވަޑައިގަންނަވާނެ ޕާޓީތަކުން މީހުން ވަކިވުމާއި މީހުން ވަނުމާއި އެއީ ހިނގާ ކަމެއް ކަން،" އަމީން ވިދާޅުވި އެވެ.
"ޑރ. ޝަހީދު ނެންގެވި ޑިސިޝަން އަކީ އަމިއްލަފުޅު ޑިސިޝަންއެއް. އެހެން ވީމާ އެ މަނިކުފާނުގެ ސިޔާސީ ކެރިއާ އާއި ސިޔާސީ ކުރިއެރުން އޮތް މަގަކީ އެއީ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވާނަމަ އެ މަގުން ކުރިއަށް ވަޑައިގަތުމަކީ އެ މަނިކުފާނުގެ އަމިއްލަފުޅު އިޚްތިޔާރުގައިވާ ކަމެއް."
ރާއްޖެ އަށް ދަމާ ހަލާފައި ޑިމޮކްރެސީ ގެނައީ އެމްޑީޕީން ކަމަށް ޝަހީދު ވަނީ މިދިޔަ މަހު ވިދާޅުވެފަ އެވެ. އެހެން ނަމަވެސް މައުމޫން ސަރުކާރުގައި މަސައްކަތް ކުރެއްވި އިރު ޝަހީދު ވިދާޅުވެފައި ވަނީ އެމްޑީޕީން މަސައްކަތް ކުރަނީ ޑިމޮކްރެސީގެ އިމުން ބޭރުން އެހެން ގޮތްގޮތުން ވެރިކަން ހޯދުމަށް ކަމަށާއި އެމްޑީޕީން ގެންނަން ބޭނުންވަނީ ހަގީގީ އިސްލާހެއް ނޫން ކަމަށެވެ.
19: 13
ފޮރިން މިނިސްޓަރު އަދި ދިވެހި ގައުމީ ޕާޓީގެ އެއް މުއައްސިސް ޑރ. އަހުމަދު ޝަހީދު މިއަދު އެމްޑީޕީ އަށް ސޮއި ކުރައްވައި އެ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.
ސަރުކާރު ހިންގާ ޕާޓީއާ ގުޅިވަޑައިގެންނެވިކަން ހަވީރަށް ކަށަވަރު ކޮށްދެއްވަމުން ޝަހީދު ވިދާޅުވީ އެމްޑީޕީ އަށް ސޮއި ކުރެއްވީ މިއަދު 00: 1 ހާއިރު ކަމަށެވެ.
ޝަހީދު ވިދާޅުވީ އެމްޑީޕީއާ ގުޅިވަޑައިގަތީ އެ ޕާޓީގެ ސަރުކާރެއް ގެނައީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުން ވެގެން ކަމަށް ވާއިރު އެ ސަރުކާރު ދެމެހެއްޓުމަކީ ޑިމޮކްރެސީއަށްޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.
ޝަހީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކަމަކަށް އެ ޕާޓީން އަދި ނުބުނެ އެވެ. އެމްޑީޕީގެ ސްޕޯކްސްޕާސަން އަހުމަދު ހަލީމް (ދޮން ބިލެތް) ވިދާޅުވީ ޝަހީދު އެ ޕާޓީއާ ގުޅިވަޑައިގެންނެވި ކަމެއް އަދި އެނިގަވަޑައިގެންފައި ނުވާ ކަމަށެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ