މިދިޔަ ރިޔާސީ އިންތިހާބުގައި ދިވެހިން ދުށް ހުވަފެން އަދިވެސް ހަގީގަތަކަށް ހެދޭނެ ކަމަށާއި ދިވެހި ގައުމީ ޕާޓީން ކުރާ މަސައްކަތަކީ އެއީ ކަމަށް އެ ޕާޓީގެ އާ ރައީސް ޑރ. ހަސަން ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ގައުމީ ޕާޓީގެ ފުރަތަމަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ހަސަން ވިދާޅުވީ ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހެދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ވެރިންނަކީ އަބަދު ގޮސް ޔޫރަޕް ނުވަތަ މެދުއިރުމަތީ ގައުމުތަކުގައި ސަލާންޖަހަން ދާން ޖެހޭ ވެރިންނަކަށެއް ވާން ނުޖެހޭ. އަދި ފަހުރުވެރިކަމާ އެކީގައި ތިމަންނާ ކުރީގެ ވެރިކަމަށް ވުރެ ގިނައިން ސަލާން ޖަހައިގެން ލާރި ހޯދީމޭ ބުނާކަށެއް ނުޖެހޭނެ،" މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވައި ލިބިވަޑައިގެންނެވި ނާކާމިޔާބީއާ އެކު ރައީސް މުހައްމަދު ނަޝީދަށް އެއްވެސް ޝަރުތަކާ ނުލައި ބައިއަތު ހިއްޕެވި ރައީސް ނަޝީދުގެ ކުރީގެ އެޑްވައިޒަރު ޑރ. ހަސަން ވިދާޅުވި އެވެ. "ގައުމީ ޕާޓީން ގަބޫލުކުރާ ގޮތުގައި ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހަދަންޖެހޭނެ، ހެދޭނެ. ދިވެހިންނަކީ ވަރަށް ގާބިލް، ހުނަރުވެރި ބައެއް."
ރިޔާސީ އިންތިހާބަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން އާންމުންނާ ދުރުގައި ހުންނެވުމަށް ފަހު ފުރަތަމަ ފަހަރަށް އާންމު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޑރ. ހަސަން ވިދާޅުވީ ދިވެހި ވިޔަފާރިވެރިން ބަނގުރޫޓް ވެގެންދާއިރު ދިވެހި ސަރުކާރުން ބޭރުގެ އެކި ފަރާތްތައް ގެނެސް ވަރަށް ލުއި ގޮތްގޮތަށް ރަށްތަކާއި އެއްޗެހި ތަރައްގީ ކުރުމަށް ދެމުން ގެންދާއިރު ދިވެހިންގެ ބުރަ މަސައްކަތުން އަޅާފައި ހުރި ސްކޫލުތަކާއި ބޭރު ގައުމުތަކުން ދިވެހިންނަށް ވެދުން ކޮށްފައިވާ ސްކޫލު އިމާރާތްތައް ވެސް ބޭރުގެ ފަރާތްތަކަށް ހިލޭ ދެމުން ގެންދާ ކަމަށެވެ.
"[އެ ތަންތަން] ދެއްވާއިރު ސަރުކާރަކުން ނުވިސްނާ އަޅުގަނޑުމެންގެ ދިވެހިންނަށް ދެވޭނީ ކޮން ފުރުސަތުތަކެއްތޯ؟ ދިވެހިންގެ މުއްސަނދިކަން އިތުރަށް މުއްސަނދި ކުރާކަށެއް ނުވިސްނާ. މެދުފަންތީގެ ވިޔަފާރިވެރިންތަކެއް އުފައްދާކަށެއް ނުވިސްނާ. ނިކަމެތިވެ ބަނގުރޫޓްވެގެންދާ ވިޔަފާރިވެރިން ފައިމައްޗަށް ނަގާނެ ގޮތަކާ މެދު ނުވިސްނާ. ދިވެހިންނަކީ ހުނަރުވެރި ބައެއް، ތައުލީމީ ބައެއް، ޒުވާން ބައެއް، މަސައްކަތްތެރި ބައެއް. ދިވެހިންނަށް ބޭނުންވަނީ ހަމަ ކުޑަކުޑަ ފުރުސަތެއް. ދިވެހިންނަށް ބޭނުންވަނީ ކޮންމެ ވެރިކަމެއް ބަދަލުވާއިރަށް މަޖުބޫރުވެގެން ގޮސް އެ އަލަށް އަންނަ ސަރުކާރަކަށް ފޯމް ނުފުރާ ދުވަހެއް. ކޮންމެ ސަރުކާރެއް ބަދަލުވާއިރަށް ތިމާ ނިސްބަތްވާ ޕާޓީ ބަދަލުކޮށް ވިޔަފާރި ބަނގުރޫޓް ވެދާނެ ކަމަށް ބިރުން ނޫޅޭ ދުވަހެއް ދިވެހިންނަށް ބޭނުންވަނީ. ﷲގެ ރަހުމަތްފުޅާއެކު ދިވެހި ގައުމީ ޕާޓީން އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ އެ ދުވަސް ދިވެހިންނަށް ގެނެސްދިނުން. އަޅުގަނޑުމެން އެ ދުވަސް ގެނެސްފައި ނޫނިއްޔަ ހުއްޓައެއް ނުލާނަން މި ކުރާ މަސައްކަތް،" ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގެ ބަންޑާރަ ނާއިބުކަން ކުރައްވާފައިވާ ޑރ. ހަސަން ވިދާޅުވި އެވެ.
ގައުމީ ޕާޓީގެ އިއްޔެގެ ކޮންގްރެސްގައި ބައިވެރިވި 137 މަންދޫބުންގެ ތެރެއިން 132 މީހުންގެ ވޯޓާ އެކު އެ ޕާޓީގެ ރައީސަކަށް އިންތިހާބުވެ ވަޑައިގެންނެވި ޑރ. ހަސަން ވިދާޅުވީ ދިވެހިންގެ އުއްމީދުތައް ހާސިލް ކޮށްދިނުމަށްޓަކައި ގައުމީ ޕާޓީން ގުޅެން ޖެހޭ ހުރިހާ ފަރާތްތަކާ ގުޅޭނެ ކަމަށެވެ.
"އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އަދި އެއަށް ފަހު ރިޔާސީ އިންތިހާބުގައި ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދާނަން. އެ ކާމިޔާބީގައި އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތްފުޅާ އެކު އަޅުގަނޑުމެން ދިވެހިރާއްޖެ މުޅިން އެހެން މަންޒިލަކަށް ގެންގޮސްދޭނަން،" ޑރ. ހަސަން ވިދާޅުވި އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގައި އިއްޔެ ކުރިއަށް ގެންދިޔަ ގައުމީ ޕާޓީގެ ކޮންގްރެސްގައި އެ ޕާޓީގެ ނާއިބު ރައީސަކަށް އިންތިހާބުވެ ވަޑައިގެންނެވި މި ސަރުކާރުގައި ކޮމިއުނިކޭޝަން މިނިސްޓަރުކަން ވެސް ކުރެއްވި އަދި ފަހުން ރައީސް ނަޝީދު މަގާމުން ވަކި ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވާހަކަ ދެއްކެވި އެވެ.
އޭނާ ވިދާޅުވީ ވެރިކަން އެއްވެސް ގޮތަކަށް ބޭނުންވެ ވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ބޭފުޅުންނަށް އެ މަގާމަށް ވަޑައިގެންނެވުމުން މިއަދު ހުރިހާ ކަމެއް ދޫކުރައްވައި މަސައްކަތް ކުރައްވަނީ ތާއަބަދަށް އެ މަގާމުގައި ދެމިތިއްބެވޭތޯ ކަމަށާއި އެކަން "ހިލާ" ވިޔަ ނުދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ބޭފުޅަކު ވެރިކަމަށް ވަޑައިގެން ކޮންމެ ގޮތަކަށް ވެރިކަން ހިންގައިގެން ކަންކަން ނުކުރެވޭނެ ކަމުގެ ފިލާވަޅު މިއަދު ދިވެހިންނަށް ލިބިގެން ހިނގައްޖެ ކަމަށާއި ގައުމެއް ހިންގުމަށްޓަކައި ރަނގަޅު ސިޔާސަތެއް ނެތް ނަމަ އެކަމުގެ ހިތި ނަތީޖާ ތަހައްމަލު ކުރަން ޖެހޭނީ ރައްޔިތުންކަން މިއަދު ފެންނަމުންދާ ކަމަށެވެ.
ރައީސް މައުމޫންގެ ސަރުކާރުގައި ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. ޖަމީލް އަދި ވިދާޅުވީ ހަރަދު ކުޑަކުރާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން އަމަލު ކުރައްވަނީ އެ ގޮތަކަށް ނޫން ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މިހާރު ސިޔާސީ މަގާމުތަކަށް ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ބަލާއިރު މަގާމުތައް އުފެދެނީ މަސައްކަތަކަށް ނޫން. މީހާ އަށް މަގާމު އުފެދިގެން މި ދަނީ. މަސައްކަތެއް ނެތް ކަމުގައި ވިޔަސް މީހާ އަށް މަގާމު ދޭން އެބަޖެހޭ. ނުވިތާކަށް ނާއިބުންނާއި ނާއިބުންގެ ފެންވަރުގެ މަގާމުތައް އެމްބަސީތަކުން ފެށިގެން ހުރިހާ ދިމާލެއްގައި އިތުރުވަމުން މިދަނީ،" ޑރ. ޖަމީލް ވިދާޅުވި އެވެ. "މީގެ ކުރީގައި، އަޅުގަނޑުމެން މި ދައްކަނީ ވެރިކަމަކަށް ވަރަށް ދިގު މުއްދަތެއް ވީ ވާހަކަ. ތިރީސް އަހަރުގެ ވާހަކަ އަޅުގަނޑުމެން ދެއްކީ. ތިރީސް އަހަރުގެ ހަރަދުތަކުގެ ވާހަކަ ދެއްކީ. ތިރީސް އަހަރުގެ ތެރޭގައި ސިޔާސީ މަގާމުތަކަށް ހަރަދު ކުރެވުނީ އެންމެ 4.8 މިލިއަން ރުފިޔާ މަހަކު. މިއަދު އެ އަދަދު ވަނީ 9.1 އަށް ބަދަލުވެފައި. ހާދަހާވާ ހެޔޮ ވެރިކަމެކޭ މި ކުރެވެނީ. މި ގޮތަށް ދާ ކަމަށް ވަންޏާ ޖަނާޒާ ނުކުންނާނީ އެމްޑީޕީގެ އެކަންޏެއް ނޫން. މުޅި ގައުމުގެ ޖަނާޒާ މިވެރިން ނެރޭނެ."
ގައުމީ ޕާޓީގެ ކޮންގްރެސް ރޭ ނިމުނުއިރު އެ ޕާޓީގެ ކައުންސިލް މެމްބަރު ކަމަށް ފިޔަވައި އެހެން އިސް މަގާމުތަކަށް ކުރިމަތިލައްވާފައި ވަނީ އިންތިހާބު ކުރަން ޖެހޭ ބަރާބަރު އަދަދަށެވެ. އެހެން ނަމަވެސް ޕާޓީގެ އިންތިހާބު ކުރާ މަގާމަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެ އިތުރަށް ކުރިމަތި ނުލައިފި ނަމަ އެ ފަރާތަކަށް ގައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބަލަން ވޯޓަށް އަހަން ޖެހޭތީ އެ މަގާމުތަކަށް ގައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ވޯޓު ނެގި އެވެ.
އެގޮތުން ޕާޓީގެ ރައީސަކަށް ޑރ. ހަސަން އިންތިހާބުވެ ވަޑައިގެންނެވިއިރު ނާއިބު ރައީސުންނަށް އިންތިހާބުވެ ވަޑައިގަތީ 121 ވޯޓާ އެކު ޑރ. ޖަމީލް، 102 ވޯޓާ އެކު އިމާދު ސޯލިހު، 92 ވޯޓާ އެކު އަބްދުލް މަތީން މުހައްމަދެވެ. އެއާއެކު ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާލަމެންޓްރީ ގުރޫޕުގެ ރައީސް ވެސް އޮޓަމެޓިކުން ގައުމީ ޕާޓީގެ ނާއިބު ރައީސަކަށް ވާތީ އެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ތ. ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ ހޮވި ވަޑައިގެންފަ އެވެ.
ގައުމީ ޕާޓީގެ އަމީން އާންމުގެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ 129 ވޯޓާ އެކު އަބްދުﷲ އަމީނެވެ. މިއީ ޕާޓީގެ އަސާސީ ގަވާއިދަށް ކޮންގްރެސްގައި ގެނައި އިސްލާހުގެ ދަށުން އިންތިހާބު ކުރަންޖެހޭ މަގާމެކެވެ. މީގެ އިތުރުން ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސަކަށް އިންތިހާބުވެ ވަޑައިގަޔީ މުހައްމަދު މަލީހު ޖަމާލެވެ. ޒުވާނުންގެ ގޮފީގެ ނާއިބު ރައީސަކަށް އިންތިހާބުވެ ވަޑައިގަތީ އަބްދުލް ގާދިރު ޔޫސުފެވެ. އަންހެނުންގެ ގޮފީގެ ރައީސަކަށް އައިޝަތު ވަހީދާ އިންތިހާބު ކުރިއިރު އަންހެނުންގެ ގޮފީގެ ރައީސާއަކަށް އިންތިހާބު ކުރީ ފާތުމަތު ސައީދާ އެވެ.
ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ދުށް ހުވަފެން އަދިވެސް ހަގީގަތަކަށް ހެދޭނެ: ޑރ. ހަސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ