ރެއާއި މިއަދު ވެސް މާލޭގެ ތިން ސަރަހައްދެއްގައި ތިން މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

ރެއާއި މިއަދު ވެސް މާލޭގެ ތިން ސަރަހައްދެއްގައި މާރާމާރީ ހިންގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމްކޮށްލައިފި އެވެ.
ފުލުސް އޮފީހުން ބުނި ގޮތުގައި ރޭ 30: 9 ހާއިރު އަތަމާ ޕެލަސް ހޮޓާ ކައިރީގަ އާއި މާފަންނު ސްޓޭޑިއަމް ކައިރީގައި އެއް ވަގުތެއްގައި ހިންގި ދެ މާރާމާރީގައި ޒަހަމްވި ދެ މީހުންނާއި މިއަދު މެންދުރު ފަހު ސިނަމާލެ ސަރަހައްދުގައި ހިނގި މާރާމާރީގައި ވަޅި ހަރައި، ޒަހަމްވި މީހާ ވެސް ވަނީ ސީރިއަސް ހާލަތެއްގަ އެވެ. އެހެން ނަމަވެސް، އެ ތިން މީހުންނަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަދި ކޮންކަހަލަ ޒަހަމްތަކެއް ކަމެއް ފުލުހުން ނުބުނެ އެވެ.
"މިއަދު ހަވީރު ހިނގި މާރާމާރީގައި ޒަހަމްވި މީހާ އަށް ފަރުވާ ދެމުން އެބަދޭ. އޭގެ ތަފުސީލެއް ނޭނގެ. އެކަމަކު އޭނާ އަށް ސީރިއަސް ޒަހަމްތަކެއް ވަނީ ލިބިފައި،" ޕޮލިސް މީޑިއާއިން ބުންޏެވެ. "އަނެއް ދެ މީހުންނަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައި."
އެ މީހުންގެ ހާލު އައިޖީއެމްއެޗުން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ވޭތުވެދިޔަ 18 ވަރަކަށް ގަޑިއިރުގެ ތެރޭގައި ހިންގި މި ތިން މާރާމާރީއަކީ ފުލުހުން ބުނި ގޮތުގައި އެއް ގުރޫޕުތަކަކުން ހިންގި މާރާމާރީތަކެކެވެ. މި ތިން މާރާމާރީގެ އިތުރުން އިއްޔެ ރޭ ކާނިވާ ސަރަހައްދުގައި މީހަކަށް ގުރޫޕަކުން ދިން ހަމަލައެއްގައި އެ މީހާގެ ބުރަކަށީގެ ނާރަކަށް ވަރަށް ބޮޑަށް ގެއްލުން ލިބި، އޭނާގެ ފަޔަށް ވެސް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފައި ވެ އެވެ. އަދި އޭގެ ކުރީ ރޭ 14 އަހަރުގެ ސްކޫލު ކުއްޖެއްގެ ގައިގެ އަށް ތަނަކަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފަ އެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާ އަށް ހަމަލާދީފައިވަނީ އެހެން މީހެއް ކަމަށް ހީކޮށް އޮޅިގެންނެވެ.
މާލޭގައި އަނެއްކާ ވެސް ސިލްސިލާކޮށް މާރާމާރީތައް ފެށުމާ ގުޅިގެން ރޭ ފުލުހުން ވަނީ އޮޕަރޭޝަނެއް ހިންގައި 40 އަށް ވުރެ ގިނަ މީހުން އަތުލައިގެންފަ އެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ރޭ އިތުރު މާރާމާރީތަކެއް ހިންގުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލު މިއަދު ވިދާޅުވީ، މާރާމާރީތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ފުލުހުން ރޭ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި މާލެ އިން ބޭރުގައި ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުދިން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުސް އޮފީހުން ބުނީ މާރާމާރީ ހިންގާ މީހުން ހައްޔަރުކުރި ނަމަވެސް އެކަން ނުހުއްޓުވޭނެ ކަމަށާއި އެކަން ހުއްޓުވޭނީ ހަމައެކަނި އެ މީހުންނަށް ބޮޑެތި އަދަބުތައް ދީގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ