މަޝްހޫރު އޯގަސްޓް 13،12 ގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހީމް ބަންދުން ވީއްލަވައިދެއްވައި އެ މައްސަލަ ޝަރީއަތަށް ނުފޮނުއްވުމަށް އެދިވަޑައިގެން އާދޭހުގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމުގެ އަރިހަށް ފޮނުއްވި ކަމަށް އޭނާ މިއަދު އެއްބަސްވެވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް އަދި ކުރީގެ ފައިނޭންސް މިނިސްޓަރު ގާސިމަށް އަދާލަތު ޕާޓީ އާއި މޯލްޑިވިއަން ނޭޝަނަލް ކޮންގްރެސް ޕާޓީން ތާއީދުކުރާކަން އާންމުކުރުމަށް ދަރުބާރުގޭގެ ފަންސަވީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ގާސިމް ވިދާޅުވީ "މަރުން ސަލާމަތްވުމަށް ޓަކައި" ވަރަށް އާދޭހާ އެކު ރައީސް މައުމޫނަށް ސިޓީއެއް ފޮނުއްވި ކަމަށެވެ.
ކޮން ބަޔަކު ނެރޭ ވެބްސައިޓެއްކަން ނޭނގޭ ވެބްސައިޓެއްގައި މީގެ ދުވަސްކޮޅެއް ކުރިން ޖަހައިފައިވާ އެ ސިޓީއާ ބެހޭ ގޮތުން ގާސިމް ވިދާޅުވީ އޭނާ އެ ސިޓީގައި އެދިވަޑައިގަތް ދެ ކަންތަކުގެ ތެރެއިން އެންމެ ކަމެއް ވެސް ރައީސް މައުމޫން ކޮށްދެއްވައިފައިނުވާތީ، ސިޓީގައި އޭނާ ވެވަޑައިގެންފައިވާ ވައުދަށް އިހުތިރާމްކުރަން އޭނާގެ މައްޗަށް ލާޒިމުނުވާ ކަމަށެވެ.
އެ ސިޓީގައި ގާސިމް އެދިވަޑައިގެންފައި ވަނީ ބޭސްފަރުވާ އަށް ޖަރުމަނު ވިލާތަށް ވަޑައިގަތުމުގެ ހުއްދައަށާއި މައްސަލަ ޝަރީއަތަށް ނުފޮނުއްވުމަށެވެ.
އޯގަސްޓް ،12 13ގެ މައްސަލަގާއި ހިމެނޭ ބައެއް މީހުންގެ މައްސަލައިގައިގެ ދައުވާ ފޯމް ކޯޓަށް ފޮނުއްވި އެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ މައްޗަށް ޝަރީއަތެއް ނުހިންގަ އެވެ.
"ރިޔާސީ 2008" ވެބްސައިޓުން މީގެ ދުވަސްކޮޅެއް ކުރިން ލީކްކޮށްފައިވާ ތިން ސަފުހާގެ ސިޓީގެ ނަކަލުގައި، ﷲ ފިޔަވައި އޭނާ އަށް އެހީތެރިކަމެއް ދެއްވޭނެ ފަރާތަކީ ރައީސް މައުމޫން ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އޭނާ އަށް ރައީސް މައާފު ދެއްވައިފި ނަމަ "ދެން އޮތްހާ ދުވަހަކު އަޅުގަނޑު ހުންނާނީ ސިޔާސީ ހުރިހާ ކަމަކާ ވަކިވެގެން" ކަމަށާއި "އަޅުގަނޑުގެ އާއިލާގެ މީހުންނާއި ތިމާގެ މީހުންނާއި އަޅުގަނޑުގެ މުވައްޒަފުން ވެސް ސިޔާސީ ކަންކަމުގައި ބައިވެރިވުން މަނާކުރާނެކަމުގެ ޔަގީންކަން ވެސް މަނިކުފާނަށް އަރުވަން" ކަމަށް ވިދާޅުވެފައިވެ އެވެ.
ގާސިމްގެ ސިޓީގައި، އޭނާގެ ވިޔަފާރީގެ މަސައްކަތުގައި ރަސްމީ ގޮތުން ރައީސް މައުމޫން ވެދެއްވައިފައިވާ އެހީފުޅުތަކުގެ އަގުވަޒަންކުރައްވާ ކަމަށާއި އާއިލާގެ މީހެއްގެ ގޮތުގައި ބަހައްޓަވާ ގާތްކަން ހިތުގައި އޮންނަ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑުގެ ވިޔަފާރީގެ މަސައްކަތުގައި ރަސްމީ ގޮތުން ވެދެއްވަމުން ގެންދަވާ އެހީފުޅުތައް ވެސް އަބަދު ވެސް އަޅުގަނޑަށް ވަޒަންކުރެވެ އެވެ." 22 ނޮވެމްބަރު 2004 ގައި އޭނާ ފޮނުއްވި ސިޓީގައިވެ އެވެ.
އޯގަސްޓް 13،12 ގެ ބަންދުން ސަލާމަތްކޮށްދެއްވުމަށް އެދި އާދޭހުގެ ސިޓީއެއް ރައީސް މައުމޫނަށް ފޮނުއްވި ކަމަށް ގާސިމް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ