މުނިހޯމްކެއާ އިން ދޮޅު ލައްކަ ރުފިޔާ ފޭރިގަތް މައްސަލަ: ކުޑަ ކުއްޖަކާއި އިތުރު މީހަކު ހައްޔަރުކޮށް ބައެއް ފައިސާ ހޯދައިފި

އަމީނީމަގުގައި ހުންނަ މުނިހޯމްކެއާ ފިހާރަ ބަންދުކޮށްފައި ކޭޝިއަރު ނުކުތް ވަގުތު އޭނާގެ އަތުގައި އޮތް ދޮޅު ލައްކަ ރުފިޔާގެ ފައިސާ ދަބަސް މިދިޔަ ހަފުތާގައި ފޭރިގަނެގެން ފިލި މައްސަލައިގައި ކުޑަ ކުއްޖަކާއި އިތުރު މީހަކު ހައްޔަރުކޮށް ބައެއް ފައިސާ ފުލުހުން ހޯދައިފި އެވެ.
ފުލުހުން ތަހުގީގުކުރަމުން އަންނަ ބައެއް މައްސަލަތަކާ ބެހޭ މައުލޫމާތު މީޑިއާ އަށް ހާމަކުރުމަށް ފުލުހުންގެ މައި މަރުކަޒުގައި ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ބްރީފިންގައި ޖެނެރަލް އިންވެސްޓިގޭޝަން ޔުނިޓުގެ އިންޗާޖު، ސަބް އިންސްޕެކްޓަރު އަބްދުﷲ ނަވާޒު ވިދާޅުވީ އެ ފިހާރައިން 156،939ރ. ފޭރިގަނެގެން ފިލި މައްސަލައިގެ ތަހުގީގައި ފުރަތަމަ ހައްޔަރުކޮށްފައި ވަނީ 17 އަހަރުގެ ކުއްޖެއް ކަމަށެވެ.
"އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި ސުވާލުކުރި ކުރުމުން އަޅުގަނޑުމެންނަށް އެއްބާރުލުންދީ އެކަން ހިނގި ގޮތް ވަނީ ކިޔައިދީފައި،" ނަވާޒު ވިދާޅުވި އެވެ.
އިމާރާތްކުރުމުގެ ސާމާނާއި ފަރުނީޗަރުގެ އިތުރުން ވެސް ބަދިގޭ ސާމާނު ވިއްކާ މުނިހޯމްކެއާގެ ފައިސާ ދަބަސް ފޭރިގަތް މައްސަލައިގައި ކުޑަ ކުއްޖާގެ އިތުރުން ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ، މާދުނި، އާދަމް ޒިޔާދު، ،19 ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށް، ފޭރިގަތް ފައިސާގެ ތެރެއިން 15،000ރ. މިހާރު ހޯދައިފައިވާ ކަމަށެވެ.
ނަވާޒު ވިދާޅުވި ގޮތުގައި އެ ފައިސާތައް ފޭރިގަނެފައި ވަނީ އެ ފިހާރަ އަށް ފާރަލައި އެކަން ކުރާ ގޮތް ވަރަށް ބޮޑަށް ބަލައި، ރާވައިގެން ކަމަށް ލަފާކުރެވެ އެވެ.
"މި މައްސަލައިގައި ޝާމިލް ވަނީ ހަމައެކަނި މި ދެ މީހުންނެއް ނޫން. އިތުރު ބަޔަކު ވެސް މިކަމުގައި ބައިވެރިވާ ކަމަށް އަޅުގަނޑުމެންނަށް ބޮޑަށް ބެލެވެނީ. އެހެންވެ އެ ބަޔަކު ވެސް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މި ދަނީ ކުރަމުން،" ނަވާޒު ވިދާޅުވި އެވެ. "އެ މީހުން ހޯދުމަށް މި (ހައްޔަރުކޮށްފައި ތިބި) ދެ މީހުންގެ ފަރާތުން އެއްބާރުލުން ވެސް ލިބެމުން ދަނީ."
އޭނާ ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް މީގެ ކުރިން ވައްކަމާ ގުޅޭ ޒާތުގެ މައްސަލަތަކުގައި ފުލުސް އޮފީހުގެ ރެކޯޑް އޮތް ބައެއް ކަމަށެވެ.
މުނިހޯމްކެއާ އިން ބުނެފައިވާ ގޮތުގައި އެ ފިހާރައިގެ ފައިސާ ދަބަސް ޖަހައިގަތީ ސޭލްސް ނިންމައި ފައިސާތައް އޮފީހުގެ ތިޖޫރީއަށް ލާން ގެންދަން އުޅެނިކޮށެވެ. ފައިސާތައް ފޭރިގަތް މީހާ ހިފެހެއްޓުމަށް ކޭޝިއަރު މަސައްކަތްކުރި ކަމަށާއި އެހެން ނަމަވެސް އޭނާ ބިންމައްޗަށް ކޮއްޕާލައި ވައްޓާލުމަށްފަހު ސައިކަލެއްގައި ފިލީ ކަމަށް ވެސް އެ ފިހާރައިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ