ކުންފުނިތަކުގެ ބިޑްތައް އަލުން އިވެލުއޭޓްކުރަން ކޯޓުން އަމުރުކޮށްފި

ހައްޖަށް މީހުން ގެންދަން ހުށަހެޅި ކުންފުނިތަކުގެ ބިޑްތައް އަލުން އިވެލުއޭޓްކުރަން ކޯޓުން އަމުރުކޮށްފި
މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ހުށަހެޅި ހަތަރު ކުންފުންޏެއްގެ ބިޑުތައް އަލުން އިވެލުއޭޓްކުރަން އިސްލާމިކް އެފެއާޒް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.
ބިޑުތައް އިވެލުއޭޓް ކުރަން އަމުރުކުރީ އަލްފަތުހު ހައްޖު ޕްރައިވެޓް ލިމިޑެޓާއި އަލް މަނާސިކް ޕްރައިވެޓް ލިމިޑެޓާއި އަލް ސަފާ ހައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޑެޓުގެ އިތުރުން ކްލެސިކް ހައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޑެޓުން ހުށަހެޅި ބިޑްތަކެވެ.
ސިވިލް ކޯޓުން މި ގޮތަށް އަމުރު ނެރުނީ މިހަތަރު ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ހަތަރު ކުންފުނިން މިމައްސަލަ ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ކުރިން ނެރުނު ވަގުތީ އަމުރެއްގައި ބުނެފައި ވަނީ ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވާ ފަރާތްތަކާ ގުޅޭ ގޮތުން އެއްވެސް ނިންމުމެއް އަދި ކަމެއް ވެސް ނުކުރުމަށެވެ.
އަދި ހުއްދަ ދީފައިވާ ކުންފުނިތަކަކީ ހުއްދަ ލިބިފައިވާ ފަރާތްތަކެއްގެ ގޮތުގައި ނުދެކުމަށާއި އަދި އެއްވެސް ބަޔަކީ ހުއްދަ ލިބޭނެ ފަރާތްތަކެއްގެ ގޮތުގައި ބަލައިގެން އެއްވެސް ކަމެއް ނުކުރުމަށް މި ކަމުގެ މަސްލަހަތު އޮތް ހުރިހާ ފަރާތްތަކާއި ދައުލަތުގެ މައްޗަށް ކުރިން ސިވިލްކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ނުލިބުނު ހަތަރު ކުންފުނި ކަމުގައިވާ ހުށަހެޅި ޕްރޮޕޯސަލްތައް ހައްޖަށް މީހުން ގެންދާ އުސޫލާ އެއް ގޮތަށް އިވެލުއޭޓް ކުރުމަށްފަހު ހަމަޖެހިފައިވާ އުސޫލުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އެ ހަތަރު ކުންފުންޏަށް ދިނުމަށް ވެސް އިސްލާމިކް މިނިސްޓްރީގެ މައްޗަށް މިހުކުމުގައި ވަނީ އަމުރު ކޮއްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ