މިއީ އޮށްވަޅު ގޮނޑިއާއި ތާސްބައިން ދުރުވެ އަޅުކަމުގައި ހޭދަކުރަންވީ ވަގުތު!

މިއަދަކީ މިއީ ޙިޖްރައިން 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.
މިއަދު އަޅުގަނޑުމެންނާ ބައްދަލު ކުރިއިރު މުޅި ދުނިޔެ މިވަނީ ބަލިމަޑުކަމެއްގެ ހާޔެއްގައެވެ. މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް19ގެ ބަލިމަޑުކަމުގެ އަސަރުކޮށް މުޅި ރާއްޖެ މިވަނީ ފުރަބަންދެއްގައެވެ. ކަންމިހެން އޮތުމާއެކު މުނިފޫހިފިލުވުމަށްޓަކައި ގިނަ ބަޔަކު ގޭގައިވެސް އެކިކަހަލަ ކުޅިވަރުތައް ކުޅެ ނުދާނެކަމީ ނާދިރުކަމެކެވެ.
ކުޅިވަރު އެއްކިބާގައި ބާއްވާ މިވަގުތަކީ ތިކުޅޭ އޮށްވަޅުގޮޑިއާއި ތާސްބައި އެއްލާލާ އަޅުކަމުގައި ހޭދަކުރަންވީ ވަގުތެވެ. ބަލިމަޑުކަމުން އަރައިގަނެ ފާގަތި ދުވަސްތަކަކަށް އެދި އެކަލާނގެ ހަޒްރަތުގައި ދުޢާ ދަންނަވާ އިސްތިޣުފާރުވާންވީ ވަގުތެވެ.
އަޅުގަނޑުމެންގެ ޙަޔާތުގައި ދުވަހަކުވެސް ދެކިފައިނުވާ އެތައް އަދި ދުވަހަކު ވެސް ދެކެން ބޭނުންނުވާ މަންޒަރުތަކެއް މި ބަލިމަޑުކަމާއެކީ މިވަނީ ފެނިގެންގޮސްފައެވެ.
އިސްލާމްދީނުގެ އެނެމް މާތް ބިންކަމުގައިވާ ގެކޮޅު ބަންދުކުރެވި މިސްކިތުގައި ޖަމާޢަތުގައި ނަމާދުނުކުރެވި ތަރާވީސް ނުކުރެވި މިވަނީ ވަގުތީގޮތުން ހުއްޓާލަންޖެހިފައެވެ. މިއީ ކޮންފަދަ ހިތާމަވެރި ހަބަރެއްތޯ؟ އެހެން ނަމަވެސް އެއްވެސް ބޭފުޅަކު އުއްމީދު ކަނޑާނުލާށެވެ.
ކެތްތެރިކަމާއި ސާބިތުކަމާއެކީ އެކަނލާގެއަށް ދުޢާކުރާށެވެ. ދުޢާ ނޫން އެހެން ގޮތެއް އަޅުގަނޑުމެންނަކަށް ނެތެވެ. ތި ކުޅޭ ތާހާއި،ކެރަމްބޯޑް ތައް އެއްފަރާތްކޮށް ގޭގަ ސިޓިންރޫމްގައި އާއިލާއެކީ ޤުރުޢާން ކިޔަވާލާށެވެ. މިސްކިތުގައި ޖަމާޢަތުގައި ނަމާދު ނުކުރެވުނެއްކަމަކު އާއިލާ އެކީ ގޭގައި ޖަމާޢަތުގައި ނަމާދުކޮށް ތަރާވީސްކޮށްލާށެވެ. ގިނަ ގިނައިން ރޭ އަޅުކަމުގައި މި މަތިވެރި މައްސަރު ހޭދަކުރާށެވެ.
އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ބަލިމަޑުކަމުން އަޅުގަނޑުމެން މިންޖުކުރައްވާނެތެވެ. އާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ