އިންމުގެ ވީޑިއޯއާއެކު ރައީސްގެ ނަސޭހަތެއް ؛ ނާޖައިޒް ފައިދާ ނަގަން ވީޑިއޯ އާއްމު ނުކުރޭ

ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖުތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށް ވެސް އެޅޭ ހުރަހަކަށް ނޫނީ ނުވޭ
މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާންމުންގެ ތެރޭގައި ފަލީހަތްކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުށް ކުރާ މީހުންގެ ވީޑިއޯ އާންމުކޮށް އެމީހުން ފަލީހަތް ކުރުމަކީ އަހުލާގީ ގޮތުންނާއި އިޖްތިމާއީގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
އަދި، ކުށް ކުރާ މީހުންނާމެދު ކަންކުރާނޭ ގޮތްތައް ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ކަމަށާއި އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމް ވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.ރައީސްގެ މި ޕޯސްޓް ގުޅުވާލެވެނީ ދާދިފަހުން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކާރުކޮޅުގައި ޕިކަޕަކުން ޖެހި ހިނގައިދިޔަ އެކްސިޑެންޓާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) ނުކުންނަވާ އެކަން ހައްލު ކުރައްވަން މަސައްކަތް ކުރައްވާ ވީޑިއޯއާ އެވެ. "ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖުތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށް ވެސް އެޅޭ ހުރަހަކަށް ނޫނީ ނުވޭ،" ރައީސް ވިދާޅުވި އެވެ.
އެ ވީޑިއޯގައި އިންމު ބާރު އަޅުއްވަނީ އިމްރާން އެ ޕިކަޕު ޑްރައިވަރަށް މާފުކޮށް އެކަން ނިންމާލުމަށެވެ. އަދި ކާރު ހަދަން ފައިސާ ބޭނުންވާނަމަ އޭނާ އެކަން ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެ އެވެ. އެ ވީޑިއޯގައި އިމްރާން އަދި އޭނާގެ އަނބިކަނބަލުން އެއްވެސް ބަހެއް ވިދާޅުނުވެ ތިއްބަވާ މަންޒަރު ފެނެ އެވެ.މި ހާދިސާ ހިނގިތާ ދެ ދުވަސް ފަހުން ރައީސް އާންމު ކުރެއްވި މި މެސެޖުގައި ވިދާޅުވެފައި ވަނީ ހުރިހާ އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވުމަށެވެ.މީހުންގެ ކުރާ އަމަލުތަކުގެ ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. މިފަދަ ވީޑިއޯތައް ދައުރުވާލެއް ވެސް އަވަހެވެ. ހާދިސާއެއް ހިނގާ ވަގުތު ކޮންމެ މީހަކު ވެސް އެންމެ ފުރަތަމަ ކުރާ ކަމަކީ ފޯނު ނަގައި ވީޑިއޯ ކުރުމެވެ. ރައީސްގެ މިއަދުގެ މެސެޖުގައި ވަނީ އެގޮތަށް ކަން ނުކުރުމަށް ގޮވާލައްވާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ