އިންޑިއާ އިން އައި މީހުންގެ ތެރެއިން ކިޑްނީ ބަލިތަކަށް ފަރުވާ ހޯދާ ފަސް މީހަކު އައިޖީއެމްއެޗްގައި ކަރަންޓީނުކޮށްފި

އިންޑިއާ އިން އައި މީހުންގެ ތެރެއިން ކިޑްނީ ބަލިތަކަށް ފަރުވާ ހޯދާ ފަސް މީހަކު އައިޖީއެމްއެޗްގައި ކަރަންޓީނުކޮށްފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒް ވިދާޅުވީ އެ ފަސް މީހުންގެ ތެރެއިން ތިން މީހުންނަކީ ކޮންމެ ދުވަހަކު ޑަޔަލަސިސް ހަދަން ޖެހޭ މީހުން ކަމަށެވެ.
"އިންޑިއާ ފުލައިޓުން ރާއްޖެއަށް އައި މީހުންގެ ތެރެއިން ފަސް ޕޭޝަންޓުން، އެއީ ކިޑްނީގެ ބަލިތަކަށް ބޭސްކުރަމުންދާ ފަސް ޕޭޝަންޓުން ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވަކި ސަރަހައްދެއް ކަނޑައެޅި، އެ ސަރަހައްދުގައި ކަރަންޓީނު ކުރެވިފައި. މި މީހުންނަކީ ކިޑްނީގެ ބަލިތައް މީހުންނަށް ވެފައި، އަދި އޭގެ ތެރެއިން ތިން މީހުންނަކީ ކޮންމެ ދުވަހަކު ޑަޔަލަސިސް ހަދަން ޖެހޭ މީހުންނަށް ވާތީވެ މިގޮތަށް ކަން ކުރެވުނީ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އެމީހުންގެ އިތުރުން ދެ ކުޑަކުދިންނާއި އެއިން ކޮންމެ ކުއްޖަކާއެކު ބެލެނިވެރިޔަކު ވެސް އައިޖީއެމްއެޗްގައި ބޭތިއްބިފައިވާ ކަމަށެވެ.
އިންޑިއާގެ ބެންގަލޫރާއި ކޮޗިންގައި ނާދެވި ތިބި 159 ދިވެއްސަކު ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުލައިޓެއްގައި މިއަދު ވަނީ ރާއްޖެ ގެނެސްފައެވެ. އެ އެންމެންނަކީވެސް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ގޮސް ތިބި މީހުންނާއި އެމީހުންގެ އެހީތެރިން ކަމަށް ސަރުކާރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ