ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތްރީ ލައިން ވިޕާ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހިލާފުވި މައްސަލާގައި އޭނާއާމެދު ފިޔަވަޅު އަޅައިދިނުމަށްއެދި ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިވަނީ އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ސިޓީއެއް ފޮނުއްވާފަ އެވެ. އަދި ފޮނުއްވި އެ ސިޓީގެ ކޮޕީއެއް ރައީސް މައުމޫނަށްވެސް ފޮނުއްވާފައިވާއިރު އެ ސިޓީގެ ރައްދުގައި ރައީސް މައުމޫންވެސް މި ވަނީ ސިޓީފުޅެއް ފޮނުވާފަ އެވެ.
މި ދެ ސިޓީގެ ކޮޕީއެއް ދުވަހަށް ލިބިފައިވާއިރު ނިހާން ފޮނުވި ސިޓީގައި ބުނެފައިވަނީ ވޯޓަށް އެހިވަގުތު ތަޅުމުގައި ހާޒިރުވެ ތިއްބެވި މެމްބަރުންގެ ތެރެއިން ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު ފާރިޝް މައުމޫން ވަނީ ތްރީލައިން ވިޕް އާއި ހިލާފަށް ވޯޓު ދެއްވާފައި ކަމަށެވެ. އަދި މިއީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދުގެ 21 ވަނަ މާއްދާއާއި ކަނޑައެޅިގެން ހިލާފު އަމަލަކަށްވެފައި، އަދި މި ދެންނެވުނު ބިލަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯއްދެވުމަށް ފޮނުއްވާފައިވާ ބިލެއް ކަމަށާއި، އެހެންކަމުން ސަރުކާރަށް އެހީތެރިވެދެއްވާ ބިލު ފާސްކުރުމަށް ވޯޓުދެއްވުމަށް އެދި ޕާޓީގެ މުޝްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމް މެމްބަރުންގެ އަރިހުން ތަކުރާރުކޮށް އެދިވަޑައިގެންފައިވަނިކޮށް ފާރިސް މައުމޫން އަމަލުކުރެއްވި ގޮތުގެ ސަބަބުން މި މައްސަލައާއިމެދު ގޮތެއް ނިންމުމަށް 30 ޖޫން 2016 ވަނަ ދުވަހުގެ 4:00 ގައި ޕާލިމެންޓްރީ ޕްރޫޕްގެ ބައްދަލުވުމެއް މަޖިލީހުގެ ގޭގައި ކުރިއަށް ގެންދެވުނު ކަމަށެވެ. އަދި މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 30 މެމްބަރުންގެ އިއްތިފާގުން ނިންމުނީ ފާރިސް މައުމޫން ޕާޓީން ވަކި ކުރުމަށްޓަކައި ސުލޫކީ ކޮމިޓީއަށް ފޮނުވުމަށްކަމުގައިވެސް ނިހާން ފޮނުއްވި ސިޓީގައި ވެ އެވެ.
“މީގެ ކުރިންވެސް ފާރިސް މައުމޫން 3 ލައިން ވިޕާ ހިލާފުވި މައްސަލައެއް ޕާލިމެންޓްރީ ގްރޫޕްގައި ވަނީ ބެލިފަ އެވެ. ވީމާ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން، ހާއްސަކޮށް ތްރީލައިން ވިޕާ ހިލާފުވުމުގެ މައްސަލަތަކުގައި ސުލޫކް ކޮމިޓީއަށް މީގެ ކުރިން ހުށަހެޅުނު މައްސަލަތަކުގައި އެފަދަ މެމްބަރުން ޕާޓީން ވަކިކޮށްފައިވާތީ، އަދި މި މައްސަލައިގާ ފާރިސް އަމަލު ކުރެއްވިގޮތް ވަރަށް ސާފުކޮށް ފެންނަން އޮތުމާއެކު، ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ނިންމުމާއު އެއްގޮތަށް ސްލޫކީ ކޮމިޓީން ފާރިސް މައުމޫންގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށްއެދި މި ސިޓީ ހުށަހަޅަމެވެ” ނިހާން ފޮނުއްވި ސިޓީގައި ވެ އެވެ.
ނިހާން ފޮނުއްވި ސިޓީއަށް ރައްދުދެއްވައި ރައީސް މައުމޫން ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ “އެ ސިޓީގައި ޕާލިމެންޓްރީ ގްރޫޕްގެ ގަވާއިދަށް އިޝާރާތް ކުރައްވާފައިވާއިރު ޕާޓީގެ ގައުމީ ޖަލްސާއިންވެސް އަދި ކައުންސިލުންވެސް ފާސްކޮށްފައިވާ އެފަދަ ގަވާއިދެއް ނެތް ވާހަކަ ދަންނަވާ” ކަމަށެވެ.
އަދި މީގެ ކުރިން ތްރީލައިން ވިޕާ ހިލާފުވެގެން މެމްބަރުންނާއިމެދު ފިޔަވަޅު ނާޅުއްވައި، ޕާލިމެންޓްރީ ގްރޫޕްގެ ވަކި މެމްބަރަކު ތްރީލައުން ވިޕާއި ހިލާފުވީމާ ފިޔަވަޅު އަޅުއްވަން ސުލޫކީ ކޮމިޓީއަށް ފޮނުއްވުމަކީ އިންސާފުގެ ހަމަތަކާ އުސޫލުތަކާއި ހިލާފަށް ކުރައްވާކަމެއްގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް މައުމޫންގެ ސިޓީފުޅުގައި ވެ އެވެ.
އެ ސިޓީފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ ހުށަހަޅުއްވާފައިވާ މައްސަލައިގާ މަނިކުފާނު(ނިހާން)ގެ ސިޓީގައި ވިދާޅުވެފައިވާ ޕާލިމެންޓްރީ ޕްރޫޕްގެ މެމްބަރު އަމަލު ކުރައްވާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާއަށް ރިއާޔަތްކޮށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް މި މައްސަލައިގާ އަމަލުކުރެއްވުމަށް އަޅުގަނޑު ދަންނަވާފައިވާ ގޮތަށް ކަމަށްވާތީ މިއީ މައްސަލައެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ފާރިޝް ވަކި ކުރަން އެދި ނިހާން ފޮނުއްވި ސިޓީއާއި ރައްދުދެއްވައި ރައީސް މައުމޫން ފޮނުއްވެވި ސިޓީފުޅު !
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ