އޭރުވެސް މިހާރުވެސް އަޅުގަނޑަށް ރައްޔިތުން ތާއީދު ބޮޑު: މައުމޫން

ވެރިކަމުގައި ހުންނެވި އިރުވެސް އަދި މިހާރުވެސް ރައްޔިތުން ކުރާ ތާއީދު ވަރަށް ބޮޑުކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އުފައްދަވަން މަސައްކަތްކުރައްވާ ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއި ހޯދުމަށް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލޭ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވީ ރާއްޖެތެރޭގެ އެއްވެސް ރަށަކުން އެ މަނިކުފާނަށް ދެކޮޅަށް ކަމެއް ނުކުރާކަމަށާއި އޭރުވެސް އަދި މިހާރުވެސް އެމަނިކުފާނައް އޮތް ތާއީދު ބޮޑުކަމަށެވެ.
"އަޅުގަނޑަށް މުޅިންވެސް ފެނުނީ ތާއީދު. އެއްވެސް ބަޔަކު އަޅުގަނޑާ ދެކޮޅަށް އެއްޗެއް ބުނާތަނެއް ކަމެއް ކުރާތަނެއް ނުފެނޭ. ރައްޔިތުން ދަންނަވާނީ ކޮންމެ ގޮތެއްގައިވެސް އަޅުގަނޑޭ. މިހެން ބުންޏަސް 100 އިން 100 ކައޭ ދަންނަވާކަށް ނުވާނެ. ނޭނގޭ ބަޔަކުވެސް ތިބެދާނެ. އަޅުގަނޑަށް ފެނުނު ތާންގައި ވަރަށް ގިނަ ބަޔަކު އަޅުގަނޑަށްވެސް އަދި އަޅުގަނޑު އުފައްދަން މިއުޅޭ ޕީޕީއެމްއަށްވެސް ތާއީދު ކުރައްވާ އޭރުވެސް އަދި މިހާރުވެސް ބޮޑު،" މައުމޫން ވިދާޅުވި އެވެ.
~
މައުމޫން ވަޑައިގެން ހުރިހާ ރަށަކުންވެސް އިވެނީ މި ސަރުކާރާއި މެދު ރައްޔިތުންގެ "ޝަކުވާ" ކަމަށާއި މި ސަރުކާރާ މެދު އެއްވެސް މީހަކު ރަނގަޅު އެއްޗެކޭ ނުބުނާ ކަމަށެވެ.
"އެ ނޫން އަޑެއް ނީވެ. އަޅުގަނޑު ދާންތަނަކުން ޝަކުވާގެ އަޑު ނޫނީ ނީވޭ. އެއީ ކަންތައްތައް ނުވާ ވާހަކަ އާމްދަނީ ނުލިބޭ ވާހަކަ. މަސައްކަތްތައް ހުއްޓިފައި އޮތް ވާހަކަ. ހޮސްޕިޓަލްތަކުގެ ހިދުމަތް ނުލިބޭ ވާހަކަ. މިހެން ގޮސްފައި ދައްނަވާފައި ނުދަންނަވާނެ ވާހަކައެއް ނޭންގެ. ރަނގަޅު އެއްޗެއް ބުނާ ވާހަކައެއް ނީވެ،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމް އުފައްދަވަނީ ރާއްޖޭގައި ސަރުކާރު ޒިންމާދާރު ކުރެވޭ ވަރުގެ "ވަރުގަދަ ޕާޓީއެއް ނެތިގެން" ކަމައްވެސް މައުމޫން ވިދާޅުވި އެވެ. ޑީއާރުޕީން އެމަނިކުފާނަށް ފާޑު ކިޔާ ނޫސްބަޔާން ނެރުނު މައްސަލައިގައި މައުމޫން ވިދާޅުވީ ދަވަހަކުވެސް ކަމެއްގެ ހަގީގަތް އޮޅޭގޮތަށް ވާހަކަދައްކަވާފައި ނޯންނާނެ ކަމަށާއި އަބަދުވެސް ދައްކަވަނީ ކަންހިނގާފައިވާ ގޮތުގެ ވާހަކަ ކަމަށެވެ.
"ފަހަރެއްގައި އަޅުގަނޑު ބުނި އެއްޗެއް ބައެއް ބޭފުޅުންނަށް އޮޅިވަޑައިގެން އެއްޗެއް ވިދާޅުވި ކަމަށް ވެދާނެ. އޭގައި ދެން އަޅުގަނޑުގެ މައްސަލައެއް ނެތް." މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކައްވެސް ދަތުރުތައް ކުރައްވަން ބޭނުންފުޅުވާކަމައްވެސް ވިދާޅުވި އެވެ. އަދި ޕީޕީއެމް އުފައްދަން ބާއްވާ ޖަލްސާވެސް ދާނީ ވަރަށް ރަނގަޅަށް ކަމައްވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ