ބްރިޖްގެ ތަނބުތައް އިތުރުވަމުންދަނީއެވެ. ބްރިޖްގެ ކޮންމެ ކަމަކާއި އެކީ ނޫސްތަކުގެ ފަލަ ސުރުޚީ އަޅާލައެވެ. ހައުސިން މިނިސްޓްރީން ވެސް ނޫސްވެރިން އެއްމެގިނައިން ދައްކަން ގެންދާ ތަނަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ. އުފާކުރުން ހައްގެވެ. ދިވެހި އެތައް ރައްޔިތުންނަށް ދެކެމުން އައި ބްރިޖްގެ ހުވަފެން ހަގީގަތަކަށްވާތީއެވެ. އެތައް މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓްގެ ‘ކްރެޑިޓް’ ނެގުން މި ސަރުކާރަށް ހައްގެވެ. އިންސާފަށް ވިސްނާ އެއްވެސް މީހަކު އެކަމާ ދެކޮޅެއް ނަހަދާނެއެވެ.
އެހެންނަމަވެސް މީ މިވަގުތުކޮންމެހެން ކުރަންޖެހޭ ކަމެއްތޯ ސުވާލު އުފެއްދުން މުހިއްމެވެ. އެއްމެ ފުރަތަމަ ކަމަކަށް މިހާރުވެސް ބްރިޖްހަދާތަން ވަރަށް ރީއްޗަށް އެބަފެނެއެވެ. ދެވަނަ ކަމަކަށް ވިސްނާލާއިރު މިއީ ސަރުކާރުގެ މުދަލާއި ވަސީލަތްތައް އެއްމެ ހެޔޮގޮތުގައި ބޭނުންކުރުންތޯ ސުވާލު އުފެދެއެވެ. ރަނގަޅު ވާހަކައެކެވެ. ބްރިޖް ބަލާލަށް ތިބޭނެ ޕްލެޓްފޯމެއް އެ ހަދަނީ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެނެވެ. އަމިއްލަ ފަރާތަކުން ޚަރަދުކޮށް ހެދި ނަމަވެސް ބޭކާރު ޚަރަދެއް ވާނީ ބޭކާރު ޚަރަދަކަށެވެ. ދިވެހި ސަރުކާރުގެ މާލީ ވަޒީރު ޚަރަދުކުޑަކުރުމަށް އަންގަވާފައިވާއިރު މި ދަނޑިވަޅުގައި މިއީ ވިސްނާލަންޖެހޭ ކަމެކެވެ.
ރާއްޖޭގެ ބައެއް ރަށްރަށަށް އަދިވެސް އަރާ ފައިބަންޖެހެނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ވަކިން ޚާއްސަކޮށް ކުދި އާބާދީތައް ހިމެނޭ ރަށްތަކަށް އަޅާނުލުމަކީ ހުރިހާ ސަރުކާރުކުން ގެންގުޅޭ ސިޔާސަތެކެވެ. ފަހަރެއްގައި އެ ރަށަށް ކަމެއް ކުރިޔަސް މާގިނަ ވޯޓެއް ނުލިބޭނެތީ ކަމަށް ވެސް ވެދާނެއެވެ. ނުވަތަ ކުރާ ކެމެއް ގިނަ ބަޔަކަށް ނުފެނިދާނެތީ ކަމަށް ވެސް ވެދާނެއެވެ. މިސާލަކަށް، އދ. މަންދޫގެ ރައްޔިތުން ރަށަށް އަރަންޖެހެނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ރަށުގެ ފާލަން އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގަބޫލުކުރައްވާ ގޮތުގައި ބްރިޖް މަޝްރޫއުއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއުއަށްވެފައި އެމަސައްކަތްތައް ބަލާލުމުގެ ފުރުސަތު ލިބުމަކީ ރައްޔިތުންނަށް ލިބެންޖެހޭ ހައްގެކެވެ. ރާއްޖޭގެ ރަށްރަށަށް އަރާފޭބުކީ ވެސް އަސާސީ ހައްގެކެވެ. މިކަހަލަ އަސާސީ ހައްގުތަކަށްވުރެ ސަރުކާރު ޕްރޮމޯޓްކުރަން ދޭ ހައްގު މާ މުހިއްމީ ހެއްޔެވެ؟
އދ. މަންދޫގައި އާބާދީ މަދަސް އެވެސް ދިވެހި ރައްޔިތުންނެވެ. ސަރުކާރުން ނަގާ ލޯނެއް ނަގަނީ އެ ރައްޔިތުންގެ ވެސް ނަމުގައެވެ. ލިބޭ ހިލޭ އެހީއެއް ލިބެނީ އެ ރައްޔިތުން ޝާމިލްވާގޮތަށެވެ. މަންދޫ ފަދަ އެހެންރަށްތައް ވެސް މިހާލުގައި އެބަހުއްޓެވެ. ކޮންމެ ކަމެއް ކުރުމުގައި ‘މެޑަލް’ ޖެހުމުގެ ވިސްނުން ދޫކޮށްލާ ކުދި ކުދި ރަށްތަކުގައި ތިބި ނިކަމެތި ދިވެހި ރައްޔޮތިތުންގެ ހައްގުތައްވެސް ދޭން އެބަޖެހެއެވެ. އެ ރަށްރަށުގެ ރައްޔިތުން ކައިރިއަށް ވޯޓަށް ސަލާންޖަހަންދާނެ ދުވަސް އެބައާދެއެވެ.
ބްރިޖް ބަލާ ޕްލެޓްފޯމަށް އަށް މިލިޔަން، ރައްޔިތުން ރަށަށް އަރަނީ ފުރާނަ އަތްމައްޗަށް ލައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ