ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ދިރިއުޅުއްވި ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގެ ބަޖެޓުން ޤާނޫނާއި ޤަވައިދާއި ޚިލާފަށް އެއްވެސް ޚަރަދެއްކޮށްފައި ނުވާނެ މައުމޫންގެ ވަކީލު މުޙައްމަދު ވަހީދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ތީމުގެ ބަޖެޓުން ޤާނޫނާއި ޤަވައިދާ ޚިލާފަށް ޚަރަދުކޮށްފައިވާކަން މާލިއްޔަތު ކޮމިޓީގައި ދިރާސާ ކުރާ ތީމުގެ އޮޑިޓް ރިޕޯޓުން ހާމަވަމުންދާ ކަމަށް ވިދާޅުވެ ޑީއާރްޕީގެ ތުލުސްދޫ ދާއިރާގެ މެންބަރު އަދި މާލިއްޔަތު ކޮމިޓީގެ މެންބަރު ރޮޒައިނާ އާދަމް ދެއްކެވި ވާހަކަތަކށް ރައްދު ދެއްވައި މައުމޫންގެ ވަކީލު މިއަދު ނެރުއްވި ބަޔާނުގައި ބުނަނީ ތީމުގޭ ބަޖެޓުން ޚަރަދުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓްގެ އެކިއެކި އައިޓަމް ތަކުން ޤަވައިދާ އެއްގޮތަށް ކަމަށެވެ. އަދި ރައީސް މައުމޫން ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު، އެ ހުރިހާ ލިޔެކިޔުންތަކެއް ތީމުގޭގައި ފައިލް ކޮށްފައި ހުންނާނެ ކަމަށެވެ.
ޑީއާރްޕީއަށާއި ރޮޒެއިނާއަށް އަމާޒުކޮށް ވަހީދު ނެރުއްވި ބަޔާނުގައި ސިޔާސީ ކަންކަމުގައި އެމްޑީޕީއަށް އެއްބާރުލުން ދޭ އެހެން ޕާޓީއަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، ރައީސް މައުމޫނާއި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ ވާހަކަތައް ހަގީގަތާ ހިލާފަށް ދައްކަމުން ގެންދާ ކަމަށާއި އެއީ ދޮގު ވާހަކަތަކެއްކަން ޔަގީންކޮށްދޭ ކަމަށް ބުނެފައި ވެއެވެ.
"ރައީސް މައުމޫނާއި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން ގަވާއިދާ ހިލާފަށް ދައުލަތުގެ ފައިސާ ބޭނުން ކުރައްވާފައިވާ ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ، ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ދައްކަމުން ގެންދާ ބުހުތާނު ދޮގު ވާހަކަތަކެއް،" ބަޔާނުގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހާއި މާލިއްޔަތު ކޮމިޓީގައި ތީމުގޭގެ އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ތީމުގޭ ބަޖެޓުން ޤަވައިދާއި ޚިލާފަށް ޚަރަދު ކުރައްވާފައިވާތީ އެކަމާއި ހިތާމަކުރައްވާ ކަމަށެވެ. ތީމުގޭ ބަޖެޓުން ޤާނޫނާއި ޤަވައިދާއި ޚިލާފަށް ޚަރަދުތަކެއްކޮށްފައިވާކަން ހާމަކޮށްދިނުމަށް ރޮޒެއިނާ ވަނީ އޭނާގެ އަމިއްލަ ޓްވީޓާ ޕޭޖްގައި ތީމުގެއިން ކޮށްފައިވާ ބައެއް ޚަރަދުތަކަށް އެކިއެކި ފަރާތްތަކުން ހަދާފައިވާ އިންވޮއިސްތަކެއް ހާމަކުރައްވާފަ އެވެ.
އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީން މައުމޫންގެ ހަގު ދަރިކަލުން އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހަންމަދު ޣައްސާން މައުމޫންގެ އުފަން ދުވަހުގެ ޕާޓީއަށް ތީމުގެ ބަޖެޓުން ޚަރަދުކޮށްފައިވާކަން ތީމުގެ އޮޑިޓް ރިޕޯޓުން ފާހަގަވި ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.
ވަކީލު ވަހީދުގެ ބަޔާނުގައި ވިދާޅުވީ މައުމޫނާ ގުޅޭގޮތުން ހަގީގަތާއި ޚިލާފު ވާހަކަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދައްކަވަނީ އޭނާ ނިސްބަތްވާ ޕާޓީގެ ތާއީދު ވަރަށް ބޮޑަށް ކުޑަވެ ޕީޕީއެމްގެ ތާއީދު ވަރަށް ބޮޑަށް އިތުރުވާތީ ކަމަށެވެ.
"އެ ގޮތަށް ވާހަކަ ދައްކަވަނީ ދިވެހި ރައްޔިތުން، ޕީޕީއެމް އަށް ކުރާ ތާއީދު އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން ދާތީ، އެއީ މެންދުރު އިރު ފަދައިން ފެންނަން އޮތް ބޮޑު ހަގީގަތެއް،"
ކުރީގެ ރައީސް މުހަންމަދު ނަޝީދު އުފެއްދެވި ރިއާސީ ކޮމިޝަނުން ސަރުކާރުގެ ހުރިހާ އޮފީސްތަކުގެ ލިޔެކިޔުންތަކާއި ރެކޯޑްތަކާއި ފައިލްތަކާއި ހިސާބުތައް ގެންދަވައިގެން ތަކުރާރުކޮށް ބެލިބެލުމުން ވެސް މައުމޫން ޤާނޫނައި ޤަވައިދާއި ޚިލާފަށް ކުރައްވާފައިވާ އެއްވެސް ކަމެއް ފެނިފައި ނުވާ ކަމަށް ވެސް ވަހީދުގެ ބަޔާން ބުނެ އެވެ.
"ރައީސް މައުމޫނުގެ ސިޔާސީ ހަތުރުން، އެ މަނިކުފާނުގެ އަބުރުފުޅާއި އިހުލާސްތެރިކާ މެދު ސުވާލު އުފައްދަން ކެނޑިނޭޅި ނާކާމިޔާބު މަސައްކަތްތަކެއް ކުރަމުން ގެންދާކަން ދިވެހި ރައްޔިތުންނަށް އޮޅިވަޑައިގެންފައެއް ނުވާނެ އެވެ. އަދި މިފަދަ އަމަލުތައް ހިންގަމުން ގެންދިޔައީ ނިމިދިޔަ ރައީސް ނަޝީދުގެ ސަރުކާރުންކަން ވެސް ދިވެހި ރައްޔިތުން ދެނެވަޑައިގަންނަވާނެ އެވެ،" މައުމޫނުގެ ވަކީލުގެ ބަޔާނުގައި ވެއެވެ.
ތީމްގޭ ބަޖެޓުން ގަވައިދާ ހިލާފަށް އެއްވެސް ހަރަދެއް މައުމޫން ނުކުރައްވާ: ވަކީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ