ގައުމުގައި އޮތް މައްސަލަތަކުގެ އަސްލަކީ ޔާމީން ކަމަށް އުމަރު ވިދާޅުވެއްޖެ

މިގައުމުގައި އޮތް ހުރިހާ މައްސަލަތަކުގެ އަސްލަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އަދި ފަހުން ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރައްވާފައިވާ އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑީއާރުޕީގެ ނައިބު ލީޑަރުކަން ވެސް ކުރެއްވި އުމަރު ވިދާޅުވީ މިގައުމުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 40،000 ބިދޭސީން އެތެރެވެފައިވަނީ ޔާމިންގެ "ނޭފަތް" ދަށުން ކަމަށެވެ.
އަދި ދިވެހި ރާއްޖޭގެ މަގުތަކުގައި ވިއްކާ މަސްތުވާތަކެއްޗާއި ޔާމީނާއި ގުޅުން ހުރި ކަމަށް މީހުން ބުނެ އުޅޭތީ އެފަދަ މީހަކަށް، ޕީޕީއެމްގައި ތިބެ، މި ގައުމު ދެކެ ލޯބިވާ އެއްވެސް މީހަކު ވޯޓު ދިނުމަކީ މި ގައުމަށް ވެވޭ ހިޔާނާތަކަށް ނޫނީ ނުވާނެ ކަމަށް ވެސް އުމަރު ނަސީރު ވިދާޅުވި އެވެ.
"ރައީސް މައުމޫންގެ ކޮއްކޯފުޅަކީ (ޔާމީން) މި ގައުމުގައި މިއޮތް ހުރިހާ މައްސަލަތަކުގެ އަސްލު. ގަވާއިދާ ހިލާފަށް ރާއްޖެ އަށް އެތެރެވެފައި ތިބި 40،000 މީހުންނަކީ އެމަނިކުފާނުގެ ނޭފަތް ދަށުން އެތެރެވެފައި ތިބި މީހުން. ދިވެހި ރާއްޖޭގެ މަގުތަކުގައި ވިއްކާ މަސްތުވާތަކެތީގެ އެއްޗިއްސާ އެމަނިކުފާނާ ގުޅުން ހުރި ކަމަށް މީހުން ބުނެ އުޅޭ." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރާއްޖޭގެ ރައީސް ކަމަށް ޔާމީން ވަޑައިގެންފިނަމަ ދައުލަތުގެ ތިޖޫރީއެއްވެސް ނުހުންނާނެ ކަމަށާއި އެހެންކަމުން ކޮރަޕްޓް "ބައިގަނޑެއްގެ" އަތްމައްޗަށް ގައުމުގެ ވެރިކަން ދިއުމަށް ނޭދޭ ކަމަށެވެ.
ޔާމީނަށް ވަރަށް ބޮޑަށް ބަހުގެ ހަމަލާތަކެއް ދެއްވާ އުމަރު ރޭ ވިދާޅުވީ ސެޕްޓެމްބަރު 7 ވަނަ ދުވަހުބާއްވާ ރިޔާސީ އިންތިހާބު ޔާމީން ނެރެގެން ކާމިޔާބު ކުރުމަކީ ޔަގީނުން ވެސް ނުކުރެވޭނެ ކަމެއް ކަމަށާއި ކުރީގެ ރައީސް ނަޝީދަށް ކާމިޔާބުވިޔަ ނުދޭ ބޭނުން ނަމަ ޖުމްހޫރީ ގުޅުމާ ގުޅުމަށް ޕީޕީއެމް މެންބަރުންނަށް ގޮވާއްލައްވާ ކަމަށެވެ.
"އަޅުގަނޑު ޔަގީންކަމާއިއެކު ދަންނަވަން ޕީޕީއެމްގެ މެންބަރުންނަށް އަބްދުﷲ ޔާމިން ގޮވައިގެން 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެކަން" އުމަރު ވިދާޅުވިއެވެ.
ޔާމިނަށް ފާޑު ވިދާޅުވި ނަމަވެސް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް ކުޑައިމީސްކޮށް އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށާއި "އަޅުގަނޑުމެންނަކީ ރައީސް މައުމޫންގެ ސަޕޯޓަރުން" ކަމަށްވާތީ ރައީސް މައުމޫނަކަށް ބޭ އިހުތިރާމެއް ނުކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"ޕީޕީއެމް އުފެއްދީ އަޅުގަނޑުމެން. އަޅުގަނޑު މެންނަކީ ރައީސް މައުމޫންގެ ސަޕޯޓަރުން. އަޅުގަނޑުމެން ރައީސް މައުމޫންއަށް ބޭ އިހުތިރާމެއް ނުކުރާނަން. އެކަމަކު ޔާމީން ނެރެގެންނެއް ޕީޕީއެމްއަށް ރިޔާސީ އިންތިހާބެއް ކާމިޔާބެއް ނުވާނެ." ރައީސް މައުމޫނަކީ ތަރައްގީގެ ބާނީ ކަމަށް ސިފަކުރައްވާ އުމަރު ވިދާޅުވި އެވެ.
ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށާއި ރަނިންމޭޓް ޑރ. ޙަސަން ސައީދަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ މިގައުމަށް މިއަދު ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ގެނެސްދެވޭނެ ބޭފުޅުންނަކީ ގާސިމާއި ހަސަން ސައީދު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ