އުމަރު ނަސީރުގެ ބަހުގެ ހަމަލާތަކެއް ރައީސް ނަޝީދަށާއި ޔާމީނަށް!

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދަށާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޖުމްހޫރީ ގުޅުމުގައި ހިމެނިވަޑައިގަންނަވާ އުމަރު ނަސީރު މިރޭ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ޖުމްހޫރީ ގުޅުމުގެ ފަރާތުން ވިލިމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ރައީސް ނަޝީދަށް މީގެކުރިން ވޯޓު ދީފައިވާ ކަމަށާއި ދެން ރައީސް ނަޝީދަށް ވޯޓުދޭން ނުޖެހޭނެ ކަމަށެވެ.
ރައީސް ނަޝީދަށް ވޯޓު ދީގެން "ގަރުދިޔަ ފެކްޓަރީ" އެއް ވެސް އެޅިފައިނުވާ ކަމަށާއި ރައްޔިތުންނަށް އެއް ކަމެއް ވެސް ރައީސް ނަޝީދަށް ކޮށްދެވިފައިވާ ނުވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ހުރިހާ އެންމެން ވާ ވައްދާފައި، އެންމެން ހައްދާފައި، އެންމެ ފަހުން އަޅުގަނޑުމެން ކަހަލަ މީހެއް ހަޅޭއްލަވައި ގަންނައިރަށް އިސްތިއުފާ ދީފަ ދުވެ ނިކުމެގެން ހިނގައްޖެ، ނިކުމެގެން ގޮސް އަނެއްކާ މީހުން ވާ ވައްދައިގެން އަނބުރާ އައިސް ބަޣާވާތޭ ބަޣާވާތޭ ކިޔާފައި އިހަށް ރޭ ޓީވީގައި ވިދާޅުވަނީ އަދި ބަޣާވާތެއްކަން އެނގޭނީ ތިމަންނަމެން ތަހުގީގުކޮށް ބަލައި ޝަރީއަތްކޮށް ނިންމީމަތާއޭ، ދެން ރިޕޯޓަރު އަހައިފި ކީއްވެތޯއޭ މަނިކުފާނު ބަޣާވާތޭ ކިޔަނީ، އެހެން މީހުން ކިޔާތީ ތިމަންނާވެސް ކިއީޔޭ، އަޅެ ދެން މިއީ ތަންކޮޅެއް ބޮޑުވަރު ނޫންތޯ." އުމަރު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި އުމަރު ނަސީރު އެންމެ ބޮޑަށް ފާޑު ވިދާޅުވެފައިވަނީ ޔާމީނަށެވެ. އުމަރު ވިދާޅުވީ 13 އަހަރުވަންދެން ނ.އަތޮޅުގައި މަޖިލިސް މެންބަރުކަން ކުރައްވާފައިވާއިރު އެ އަތޮޅު ގޮނޑިއަށް އިންތިހާބުވުމަށްފަހު ނ.އަތޮޅަށް ޔާމީން އަރައިވަޑައިގެންފައިވަނީ އެންމެ 4 ފަހަރު ކަމަށެވެ.
އެހެންކަމުން ދިވެހި ގައުމުގެ ވެރިކަން ފަސް އަހަރަށް ޔާމީނަށް ދީފިނަމަ މިރާއްޖޭގެ ހަތަރު ރަށަށް ނޫނީ އެއްވެސް ރަށަކަށް ނާރާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އުމަރު ވަނީ ޔާމީންގެ ކެމްޕެއިނަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މިރޭ ވާހަކަދައްކަވާފައެވެ.
"މި ބޭފުޅާގެ ކެމްޕެއިންގައި މިބޭފުޅާއަށް ނޭރޭ ރަށަކަށް، އެބޭފުޅާގެ ކެމްޕެއިންގައި ވެސް އުޅުއްވަނީ އެބޭފުޅާގެ ރަނިންމޭޓު ފަކީރު، އެ ފަކީރު އެކަނިމައިއެކަނި ތަންތަނަށް އަރައި އެބައުޅޭ، ދެން ވެސް ކެމްޕެއިނަށް ވަޑައިނުގަންނަވައިގެން ރައީސް މައުމޫން އެކަމާއި ކަންބޮޑުވެވަޑައިގެން މީނައަށް ފޯނުކުރައްވާ އެތައް ވާހަކައެއް ދެއްކީމަ ރައީސް މައުމޫންގެ ފަހަތުން ބޮނދަ ބޮނދައިގެން ރަށްރަށް މިހާރު އެއަރަނީ." އުމަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ ޔާމީން އެސްޓީއޯގެ ޗެއާމަނަކަށް ހުންނެވިއިރުގައި 2 މިލިއަން ޑޮލަރަށް ސައިފަތް ދަނޑެއް ބައްލަވައިގެންފައި 1 އަހަރު ނުވަނީސް 1 މިލިއަން ޑޮލަރަށް ސައިފަތް ދަނޑު ވިއްކާލާފައިވާ ކަމަށެވެ.
މީގެއިތުރުން ޔާމީން އަންގަވައިގެން އެންމެ ފުރަތަމަ ދެމި ދިދަތައް ހަފްތާއެއް ނުވެ ވިއްސާރަކޮޅެއް ވެހުނީމަ ދިދަ ތައް ހުދު ދިދައަށް ބަދަލުވެފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި މިކަމުން ވެސް ޔާމީނަކީ ކަންކަން ކުރަން ނޭންގޭ ލީޑަރެއް ކަމަށް ވެސް އުމަރު ތުހުމަތުކުރެއްވި އެވެ.
އުމަރު ވިދާޅުވީ ފުށިދިއްގަރުފަރު 50 އަހަރަށް ވިއްކާލުމުގައި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ސޮއިކުރެއްވީ ޔާމީން ވިދާޅުވެގެން ކަމަށާއި ފުށިދިއްގަރުފަރު ވިއްކާލީ ޓްރޭޑާސް ހޮޓަލުގައި މިދިޔަ ޖެނުއަރީ 18 ވަނަ ދުވަހު ކަމަށެވެ.
"މ.އަތޮޅުގެ މެންބަރުކަން ކުރެއްވި، އެންމެ ފަހަރަކު ވަޑައިގެންނެވީ، ނ.އަތޮޅު ރައްޔިތުން ފައިންޕުޅު ދެކެން އައީމަ ބޫޓު ބާލާފައި ދެއްކީ ފައި، ޓްރޭޑް މިނިސްޓަރުކަން ކުރެއްވިއިރު ރާއްޖޭގެ ކަނޑުތައް ބިދޭސީންނަށް ވިއްކާލި، ޓްރޭޑް މިނިސްޓަރުކަން ކުރެއްވިއިރު މިފްކޯގެ ތިޖޫރިއަށް 500 ރުފިޔާގެ ވަގު ނޫޓު ވެސް އެޅި. މިހިރަ މިހިރަ ކަންތައްތަކަކީ އެނގެން ޖެހޭ ކަންކަން." އުމަރު ވިދާޅުވި އެވެ.
"މިގައުމުގެ ތޮށިގަނޑު ވެސް ނީންނާނެ މިބޭފުޅުންނަށް ލިބިއްޖެއްޔާ، ތޮށިގަނޑު ވެސް ނީންނާނެ." އުމަރު އިތުރަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިގައުމު ސަލާމަތްކުރުމަށާއި މިގައުމު ހެޔޮ މަގުގައި ހިންގަން ބޭނުންނަމަ އާއި އިސްލާމް ދީން ހިމާޔަތްކޮށް ކަށަވަރުކުރަން ބޭނުންނަމަ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވޯޓުދޭން ޖެހޭ ކަމަށާއި ގާސިމަށް ވޯޓުދެއްވައިފިނަމަ އިސްލާމް ދީން ދަމަހައްޓާނެ ކަމާއި ދައުލަތުގެ ފައިސާ ފޮއްޗެއްގައި ނުޖެހޭނެކަން ޔަގީންކޮށްދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ