ރާއްޖޭގައި ފެތުރެމުންދާ ތަފާތު ފިކުރުތަކުގެ ތެރޭގައި ދިވެހި ބިމުން އެހެން ދީންތަކަށް ޖާގަ ދިނުމުގެ ފިކުރުގެ މީހުން ވެސް އުޅެމުންދާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕީޕީއެމްގެ އާއްމު ގޮފިތަކުގެ ހަރަކާތްތައް ހިންގަން ފައިސާ ދޫކުރަން ފެށުމަށް ޝީ ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި މައުމޫން ވިދާޅުވީ ރާއްޖޭގައި ތަފާތު ފިކުރުތައް ފެތުރެމުންދާ ކަމަށާއި އޭގެ ތެރޭގައި ލާދީނީ ފިކުރު ވެސް ހިމެނޭ ކަމަށެވެ. އަދި އިސްލާމް ދީނާއި ދިވެހިންގެ ސަގާފަތާއި ނުގުޅޭ ކަންތައްތަކެއް ވެސް ފަތުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް ދުނިޔޭގެ ސިޔާސީ މަސްރަހުގައި، ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ހިނގަމުންދޭ. އެހެންވީމަ ރާއްޖޭގައި ވެސް މި އިސްތިނާއެއް ނުވާނެ. އެހެން ތަންތަނުގައި ހިނގާ ހަރަކާތްތައް ރާއްޖޭގައި ވެސް ހިނގަމުންދާނެ. އަޅުގަނޑުމެންގެ ވާޖިބަކަށް ވާންޖެހޭނީ އަޅުގަނޑުމެންގެ ގައުމު ރައްކާތެރިކުރުން،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިސްލާމް ދީނާ ތައާރަޒްވާ، ދީނާ ހިލާފު އެއްވެސް ކަމަކަށް ރާއްޖެ އިން ޖާގަ ނުދިނުމަކީ ކުރަން ޖެހޭ ކަމެކެވެ. އަދިި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ ވެސް ހޯދައިދޭންޖެހޭ ކަން ފާހަގަކުރައްވަމުން ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯގައިވާ ކަންކަން ކޮށްދޭން ޕާޓީ ހަރުދަނާކޮށް ސިޔާސަތުތައް ވަރުގަދަކުރަން ޖެހޭ ކަމަށެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމްގައި މެމްބަރުން އިތުރުކުރަންވީ ރެކޯޑެއް ހަދަން ނޫން ކަމަށެވެ. އޭގެ ބޭނުމަކީ އެ ޕާޓީން ގެންގުޅޭ ހަމަތަކާއި އުސޫލްތަކުގެ ތެރެއިން ރައްޔިތުންގެ ފައިދާ އާއި މަންފާ އަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ތެރެއިން ރަށްތަކުގައި އުފައްދާފައިވާ ޕާޓީގެ ގޮފިތަކަށް ފައިސާ ދޫކުރަން ފެށި ހަމައެކަނި ޕާޓީ އަކީ ޕީޕީއެމް ކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވީ އެ ޕާޓީ އަކީ ކުރު މުއްދަތެއްގެ ތެރޭގައި "ވަރަށް ގިނަ އެއް ވަނަތައް" ހާސިލްކޮށްފައިވާ ޕާޓީއެއް ކަމަށެވެ. އެގޮތުން ޕާޓީ އުފެއްދުމަށް ކުރު މުއްދަތެއްގެ ތެރޭގައި 3،000 މެމްބަރުން ހަމަކުރި ޕާޓީ އަކީ ވެސް ޕީޕީއެމް ކަމަށް މައުމޫން ވިދާޅުވި އެވެ.
" އެންމެ ގިނަ އިންތިހާބުތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބުކުރި ޕާޓީ އަކީ ވެސް މި ޕާޓީ. މިހާތަނަށް ކުރިއަށް ގެންދިޔަ 24 އިންތިހާބަކުން 21 އިންތިހާބެއް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ވާނީ ކާމިޔާބުކޮށްފައި. ހަމައެހެންމެ ޕާޓީ އުފެދުނުތާ ދެ އަހަރު ވެސް ނުވަނީސް އަޅުގަނޑުމެން މިވަނީ އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރަކު ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުކޮށްފައި،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމަކީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ވެސް ހޯދާފައިވާ ހަމައެކަނި ޕާޓީ އެވެ.
މައުމޫން ވިދާޅުވި ގޮތުގައި އެ ޕާޓީ އަށް ސަރުކާރުން ދޭ ފައިސާގެ 50 ޕަސެންޓް އެ ޕާޓީގެ ގޮފިތަކަށް ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ. އެއީ ޕާޓީ ކުރިއެރުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ޕީޕީއެމުން މިފަހަރު ފައިސާ ދޭން ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ގޮފިތަކަށެވެ. އެގޮތުން ފައިސާ ދޫކުރާނީ އެ ގޮތްޕެއްގައި ތިބި މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ.
އެހެން ދީންތަކަށް ރާއްޖޭގެ ބިމުން ޖާގަ ދިނުމުގެ ފިކުރު އެބައުޅޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ