މައުމޫން ވާދަ ނުކުރައްވަންޏާ ޕްރައިމަރީގައި ވާދަކުރާނަން: އުމަރު ނަސީރު

އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ ޕީޕީއެމްގެ ރިއާސީ ޕްރައިމަރީގައި ވާދަކުރައްވާނީ، އެ ޕާޓީގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވާދަނުކުރައްވާ ނަމަ ކަމަށް ޕާޓީގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
"ހަވީރު"ން ކުރި ސުވާލެއްގެ ޖަވާބުގައި އުމަރު ވިދާޅުވީ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރިމަތިނުލައްވާ ނަމަ ޕްރައިމަރީ އަށް ނުކުމެވަޑައިގަންނަވާނެ ކަމަށާއި ޕްރައިމަރީ ކާމިޔާބުކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.
"ކޮންމެ ބޭފުޅަކު ޕްރައިމަރީ އަށް ކުރިމަތި ލެއްވިޔަސް އަޅުގަނޑަށް ވިންކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް. ސަބަބަކީ އެއީ ގްރާސް ރޫޓް ވޯޓެއް. ރައީސް މައުމޫން ފިޔަވައި ޕީޕީއެމްގެ ގްރާސް ރޫޓުގެ ތާއީދު އެންމެ ބޮޑަށް އޮތީ އަޅުގަނޑަށް. އެހެންވީމާ ވިންވާނެ ކަމުގެ ކޮންފިޑެންސް ވަރަށް ބޮޑަށް އެބައޮތް،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕްރައިމަރީ އަށް ވާދަކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއިރު އޭނާ ފިޔަވައި އެހެން ފަރާތަކުން މިހާތަނަށް އެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނަކީ ވެސް ޕްރައިމަރީގައި ވާދަކުރައްވާނެ ބޭފުޅެކެވެ. އެކަމަކު ޔާމީން އަދި ރަސްމީކޮށް އެކަމަ ގުޅޭ ގޮތުން އެއްޗެއް ވިދާޅެއްނުވެ އެވެ.
އުމަރު ވިދާޅުވީ އަންނަ އަހަރުގެ ރިއާސީ އިންތިހާބު ކާމިޔާބުކުރެވޭނީ ވަރަށް އުނދަގޫ މަރުހަލާގެ ތެރެއިން ކަމަށާއި އެއީ ވަރަށް މުރާލި، ޖެހިލުން ކުޑަ މީހަކަށް ވާންޖެހޭ ކަމަށެވެ.
"ޑޯޓު ޑޯ ޖައްސަން ޖެހޭނެ. ރަށްރަށަށް އަރަން ޖެހޭނެ. މި އެމްޑީޕީގެ ދާދާގިރީގެ ސްޓައިލް ތެރެއިން މަސައްކަތްކުރަން ޖެހޭނީ. އެހެންވީމާ ރިއާސީ ކެންޑިޑޭޓަކީ ވަރަށް ފާމްކޮށް މަސައްކަތްކުރާ، ކެރޭ މީހަކަށް ވާންޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިއާސީ ޕްރައިމަރީ އަށް އުމަރު ވާދަކުރައްވަން ނިންމަވާފައިވާ އިރު އަންނަ މަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައި ނާއިބު ރައީސް ކަމަށް ކުރިމަތިލައްވަން ވެސް އަުމަރުވަނީ ނިންމަވައިފަ އެވެ. އަދި އޭނާ ވިދާޅުވީ ޕާޓީގެ ރައީސް ކަމަށް ގެންނަން ބޭނުންވަނީ މައުމޫން ކަމަށެވެ.
"މައުމޫނަކީ ފާދާ ފިގާއެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ. ޕާޓީގެ ރައީސް ކަމަށް ރައީސް މައުމޫން އެންޑޯސްކުރަން ބޭނުންވަނީ ޕާޓީގެ އެއްބައިވަންތަ ކަމަށްޓަކައި،" އުމަރު ވިދާޅުވި އެވެ.
އަންނަ މަހުގެ ،15 16 އަދި 17 ގައި ބާއްވާ ޕީޕީއެމްގެ ކޮންގްރެސްގެ މަގާމުތަކަށް އަދި އިއުލާނެއްނުކުރެ އެވެ. ނަމަވެސް ބައެއް ބޭފުޅުން ގެންދަވަނީ ސޯޝަލް މީޑިއާގައި ކެމްޕޭން ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ