ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމުގައި ބޭފުޅަކު ނެތުމުން ކްރިމިނަލް ކޯޓުގެ ހުރިހާ ޝަރީއަތްތައް ހުއްޓާލައި އެ ކޯޓަށް މައްސަލަ ބަލައިގަތުން މަޑުޖައްސާލަން ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައިފި އެވެ.
ޕީޖީގެ މަގާމަށް މީހަކު އައްޔަންކުރަން އޮންނަ 30 ދުވަސް ހަމަވިއިރު އެކަން ކޮށްފައިނުވާތީ އެ ކޯޓުން މިއަދު ނިންމީ އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ލިބެންދެން ހުރިހާ ޝަރީއަތްތަކެއް ހުއްޓާލުމަށާއި އެ ކޯޓަށް މައްސަލަ ބަލައިގަތުން ވެސް މަޑުޖައްސާލުމަށެވެ.
ޕީޖީ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރަން 30 ދުވަހުގެ މުއްދަތެއް ގާނޫނުގައި ދީފައި އޮތް ނަމަވެސް އެ މުއްދަތު ހަމަވުމަށް ފަހު ޑެޕިއުޓީ ޕީޖީ އަށް ޕީޖީގެ ޒިންމާ އަދާ ނުކުރެވޭނެ ކަމަށް ގާނޫނުގައި ނެތް ކަމަށެވެ. ޕީޖީއަކު އައްޔަން ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ކަމެއް ނަމަވެސް މައްސަލަ ދިމާވުމުން އެ މަޖިލީހުގައި އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.
"ޕީޖީ އިސްތިއުފާ ދެއްވައިފިއްޔާ ނުވަތަ ޕީޖީ އެ މަގާމު އަދާ ނުކުރެވޭ ފަދަ ހާލަތަކަށް ގޮސްފި ނަމަ ޕީޖީގެ މަގާމުގެ މަސްއޫލިއްޔަތު ޑެޕިއުޓީ ޕީޖީ އަށް އަދާކުރެވޭނީ ގިނަވެގެން 30 ދުވަހަށޭ ބުނާ މާއްދާއެއް ގާނޫނަކުން އަޅުގަނޑުމެނަކަށް ނުފެނުނު. ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް ޕީޖީއަކު އައްޔަން ކުރުމަކީ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުގެ އެ ނިންމުން އެ އޮފީހަށް ލިޔުމުން އަދި ލިބިފައިނުވާ ކަމަށެވެ. ނަމަވެސް މިއަދުގެ ވަގުތެއްގައި އެ ލިޔުން ލިބޭނެ ކަމަށް އަންގާފައިވާ ކަމަށާއި އެ ލިބުމާ އެކު މާދަމާގެ ވަގުތެއްގައި ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އޮންނާނެ ގޮތަކީ ކޯޓުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ މަތީ ކޯޓެއްގައި އިސްތިއުނާފް ކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާދަމާ އެ މައްސަލަ އިސްތިއުނާފް ކުރެވޭތޯ އެބަ މަސައްކަތް ކުރަން. މިހެން ބުނި ނަމަވެސް އަޅުގަނޑުމެނަށް އިސްތިއުނާފެއް ނުކުރެވޭނެ އެ ލިޔުން ނުލިބެނީހެއް،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝަރީއަތްތައް ހުއްޓާލަން ނިންމި ފަހުން ދެ މައްސަލައެއްގެ ޝަރީއަތް މާދަމާ ކުރިއަށް ގެންދަން ޕީޖީ އޮފީހަށް އަންގާފައިވާ ކަމަށެވެ. އަދި ޕީޖީ އޮފީހުގެ ވަކީލުން ކޯޓަށް ދާނެ ކަމަށް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓު ފިޔަވައި އެހެން އެއްވެސް ކޯޓަކުން ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ހުއްޓާލަން ނިންމިކަން އަންގާފައެއް ނުވެ އެވެ.
ދެ މައްސަލައެއްގެ ޝަރީއަތް މާދަމާ ކުރިއަށް ގެންދަން ކޯޓުން ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވި ނަމަވެސް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މައްސަލައިގެ ޝަރީއަތް ބާއްވަން ތާވަލްކުރީ އެ ގަޑިއަށް ސުޕްރީމް ކޯޓުގެ ލަފައެއް އެކަމުގައި ލިބޭނެ ކަމަށް ބަލާފައި ކަމަށެވެ.
ނަމަވެސް އެ ގަޑިއަށް އެ ކޯޓުގެ ލަފައެއް ނުލިބިއްޖެ ނަމަ އެ ދެ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ނުގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހުމަދު މުއިއްޒު އެ މަގާމުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ޕީޖީގެ ގާނޫނު ބުނާ ގޮތުން އެ މަގާމު ހުސްވާތާ ގިނަވެގެން 30 ދުވަސް ތެރޭގައި އެ މަގާމަށް މީހަކު އައްޔަންކުރަން ޖެހޭ އިރު މުއިއްޒު އިސްތިއުފާ ދެއްވިތާ 30 ދުވަހަށް ވުރެ ގިނަ ދުވަސް މިހާރު ވަނީ ވެފަ އެވެ.
ޝަރީއަތްތައް ހުއްޓާލަން ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ