މުދަލާއި މީހުން އެއް ތަނުން އަނެއް ތަނަށް ފަސޭހައިން އުފުލުމަކީ އިގްތިސާދީ ތަރައްގީގެ އެއް އަސާސް ކަމަށާއި ރާއްޖޭގައި ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށް ހަގީގީ މާނާގައި ރައްިތުން ރަށު ބަންދުން ވީއްލުމަކީ މިއަދުގެ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށް އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ކަނޑު ދަތުރުފަތުރުގެ މާސްޓާ ޕްލޭން ތައްޔާރުކުރުމުގެ މަޝްރޫއުއާ ގުޅޭ ގޮތުން ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ފެށި ސެމިނާ ހުޅުވައިދެއްވަމުން ކާނަލް (ރިޓަޔަޑް) ނާޒިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ތަރައްގީ އާއި ދިވެހިންގެ އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކައި ކަނޑު ދަތުރުފަތުރުގެ ނިޒާމް މިހާރަށް ވުރެ ހަރުދަނާކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުންނާއި އިގްތިސާދީ ހާލަތުގެ ހުރި ގޮތުން މިއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ދުރާލާ ރޭވިގެން ދިގު މުއްދަތަކަށްޓަކައި ޕްލޭންކޮށްގެން މެނުވީ ހާސިލްކުރެވޭނެ ލަނޑުދަނޑިތަކެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
އޮސްޓްރޭލިއާ ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި އެކުލަވައިލަމުން އަންނަ މާސްޓާ ޕްލޭނާ ބެހޭ ގޮތުން ނާޒިމް ވިދާޅުވީ މި މާސްޓާ ޕްލޭނުގައި ދުރު ރާސްތާގައި ރާއްޖޭގެ ކަނޑު ދަތުރުފަތުރު ތަރައްގީކުރެވޭނެ ގޮތާއި ރެގިއުލޭޓަރީ ފްރޭމްވޯކެއް ހިމެނޭނެ ކަމަށެވެ.
"އަޅުގަނޑުމެން ކުރާ ދަތުރުތަކަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ތަރައްގީ އަށް މަގުފަހިކޮށްދޭ ދަތުރުތަކަކަށް ހަދާނެ ގޮތް މި ޕްލޭނުން ދެނެގެނެވިގެންދާނެ. އަދި ޓްރާންސްޕޯޓް މާސްޓާ ޕްލޭން ވެގެންދާނީ ރާއްޖޭގެ ގައުމީ ތަރައްގީގެ ސްޓްރެޖީގެ ބައެއް ކަމުގައި ވެސް ދަންނަވާލަން،" ނާޒިމް ވިދާޅުވި އެވެ.
އެއް ދުވަހަށް ކުރިއަށް ދާ މި ސެމިނާގެ ބޭނުމަކީ ތަޖުރިބާކާރުންނާއި ކަމާ ގުޅުން ހުރި ދާއިރާތަކުގެ މަންދޫބުންގެ ހިޔާލު ހޯދައި މަޝްވަރާކުރުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.
ހަގީގީ މާނާގައި ރައްޔިތުން ރަށު ބަންދުން ވީއްލަން ސަރުކާރުން ބޭނުންވޭ: ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ