މި މަހުގެ 19 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ކަނޑައެޅުމަށް، ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް، ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާބޭސް އިލެކްޝަންސް ކޮމިޝަނާ މިއަދު ހަވާލުކޮށްފި އެވެ.
ސެޕްޓެމްބަރު ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އުމުރުގެ ގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ކަނޑައެޅުމުގައި މައިގަނޑު މަސްދަރުގެ ގޮތުގައި ބަލަން ޖެހޭނީ ޑީއެންއާރުގެ ޑޭޓާބޭސް އަށް ކަމަށެވެ.
އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ފަރީދާ ޔޫސުފް މިއަދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ އެދުމުގެ މަތިން އެ ކޮމިޝަނުން އެދުނު ހުރިހާ މައުލޫމާތުތަކެއް މިހާރު ފޯރުކޮށްދީފައިވާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަށް ފޮނުވީ އަންނަ މަހުގެ 19 އާ ހަމައަށް 18 އަހަރު ފުރޭ އެންމެންގެ މައުލޫމާތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ޑީއެންއާރުގެ ޑޭޓާބޭސް އަށް އިލެކްޝަންސް ކޮމިޝަނަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސާދީފައިވެ އެވެ. އެކަމަކު އިންތިހާބުގެ ވޯޓާސް ލިސްޓު އެކުލަވާލަން އިލެކްޝަންސް އިން ބޮޑަށް ބޭނުންކޮށްފައި ވަނީ އެ ކޮމިޝަނުގައި ހުރި މައުލޫމާތުތަކާއި ކައުންސިލްތަކުން ފޯރުކޮށްދިން މައުލޫމާތުތަކަށެވެ.
"އަޅުގަނޑުމެން އަބަދުވެސް އެބޭފުޅުންނަށް ލިންކެއް އަޅައިދީފައި ވާނީ. އެކަމަކު ޑޭޓާބޭސް ވަކިން މި ފޮނުވީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން،" ފަރީދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑޭޓާބޭސްގެ ސޮފްޓް ކޮޕީއެއް ފޮނުވާފައިވާއިރު، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ކަނޑައެޅުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަން ނުޖެހި އިލެކްޝަންސް ކޮމިޝަނަށް ފަސޭހަވެގެންދާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި ވޯޓުލުން ކުރިއަށް ގެންދާނީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ ސާވާ އާއި ޑޭޓާބޭސް އާއި މުޅި ނިޒާމަކީ ވެސް އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށްޓަކައި ބޭނުންވާ ފަންނީ ލަފާ ނެޝެނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީގެ ފަރާތުން ހޯދާނެ އެވެ. އަދި ފަންނީ ލަފާ ދޭނޭ ކަމަށް އެތަނުން އިލެކްޝަންސް އަށް ވެސް މިހާރު ވަނީ އަންގައިފަ އެވެ.
ފުރަތަމަ ބުރުގެ ވޯޓު ބާތިލްކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި މައިގަނޑު ގޮތެއްގައި ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި ހަތް ކުޑަކުއްޖަކު ވޯޓު ލާފައިވުމާއި ތިން މީހަކު ދެ ފަހަރު ވޯޓު ލާފައިވުމާއި މަރުވެފައިވާ މީހުންގެ ނަމުގައި 18 މީހަކު ވޯޓުލުން ހިމެނެ އެވެ. އަދި އައިޑީ ކާޑުގެ މައުލޫމާތުގައި ތަފާތު ހުރި 819 މީހުން ލިސްޓުގައި އޮތުމާއި ދާއިމީ އެޑްރެސް ދިމާނުވާ 2،830 މީހަކު ވޯޓުލުމާއި ނަމުގައި ތަފާތު ހުރި 952 މީހެއްގެ ނަން ލިސްޓުގައި އޮތުން ވެސް ހުކުމުގައި އަޣުލަބިއްޔަތު ލިބުނު ހަތަރު ފަނޑިޔާރުން ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި ހިމެނެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ޑީއެންއާރުގެ ޑޭޓާބޭސް އިލެކްޝަންސްއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ