އދ.ގެ ރެޕަޓުއާ ކަމުން ޑރ. ޝަހީދު ވަކިކުރުމުގެ ގަރާރު ބޭރުކޮށްފި

އީރާންގެ އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތައް ބެލުމަށްޓަކައި ރެޕަޓުއާއަކަށް އދ. އިން ކަނޑައަޅާފައިވާ ޑރ. އަހްމަދު ޝަހީދު އެ މަގާމުން ވަކިކުރުމަށް ގޮވާލައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މިއަދުގެ ޖަލްސާ ފެށުމާ އެކު ރިއާސަތުން މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ އެ ގަރާރު މަޖިލީހަށް އެޖެންޑާ ނުކުރެވޭނެ ކަމަށްވާތީ އެ ގަރާރު މިހާ ހިސާބުން ބޭރުވީ ކަމަށެވެ.
އެ ގަރާރު އެޖެންޑާ ނުކުރަން ނިންމުމާ ގުޅިގެން ބައެއް މެންބަރުން ނިޒާމީ މައްސަލަތައް ފާހަގަކުރައްވައި ވިދާޅުވީ ރިއާސަތުން ބޭނުންހާ ގޮތަކަށް ކަންތައްކުރަނީ ކަމަށެވެ. ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ އެ މައްސަލަ ބޭރުކޮށްލީ ގަވާއިދާ ޚިލާފަށް ކަމަށެވެ.
ރިޔާސަތުން ނާޒިމް ވިދާޅުވީ އެ ގަރާރު އެޖެންޑާ ނުކުރީ، އެ ގަރާރުގެ އިބާރާތުގައި، ޑރ. ޝަހީދު ހުންނެވީ ޔޫއެން އިން ލިބުނު ފުރުސަތެއްގައި ކަމަށް ބުނެފައި އޮތުމުން ކަމަށެވެ. ދިއްދޫ ދާއިރާގެ އަހްމަދު ސަމީރު ވިދާޅުވީ މަގާމުގެ ހައިސިއްޔަތުން އެ ކަމަށް މަޖިލީހުގެ ނާއިބު ރައީސް މައާފަށް އެދެންޖެހޭނެ ކަމަށެވެ. އަދި މަޖިލީހަށް ގަރާރެއް ހުށަހަޅާފައި އެ ގަރާރެއް އަނބުރާ ގެންދަންޖެހޭނީ މީހެއްގެ އަބުރު ގެއްލުވައިލުމަށް ފަހު ނޫން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
ސަމީރުގެ ނިޒާމީ މައްސަލަ ބަލައިގަންނަމުން މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވީ އެ ގަރާރު އެޖެންޑާކުރަންޖެހޭނީ އެއީ ރަނގަޅު އެއްޗެއްތޯ ބަލާފައި ކަމަށެވެ. އެހެންކަމުން އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވުނު ކަމަށްޓަކައި މައާފަށް އެދޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެ މައްސަލައިގައި ރިއާސަތުން މައާފަށް އެދިވަޑައިގެންނެވި ކަމަށް ވިޔަސް، އެމްޑީޕީ މެމްބަރުންގެ ނިޒާމީ މައްސަލަތަކާ ހެދި މަޖިލިސް ކުރިއަށް ނުގެންދެވިގެން 22: 9 ހާއިރު ވަނީ ޖަލްސާ މެދުކަނޑާލައިފަ އެވެ. ދެން ޖަލްސާ ފެށުމަށް ނިންމާފައިވަނީ 10 ޖަހާއިރެވެ.
ގަރާރުގެ މައްސަލައަށް ފަހު އެމްޑީޕީ މެމްބަރުން ނިޒާމީ މައްސަލަތައް ނަންގަވަމުން ގެންދެވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ 30 ޕަސެންޓް ހިއްސާ، 60 މިލިއަން ރުފިޔާ އަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފްގެ ކާސާ ހޯލްޑިންގް އަށް ވިއްކާލުމުން އެ ކަމާ ދެކޮޅުހެދުމުގެ ގޮތުންނެވެ.
ރިއާސަތުން ނާޒިމް ވިދާޅުވީ އެ މައްސަލައިގައި ނިޒާމީ މައްސަލަ އަށް ފުރުސަތު ނުދެވޭނެ ކަމަށާއި މެމްބަރުން އެކަމާ ބަހުސްކުރައްވަން ބޭނުންފުޅު ނަމަ އެ މައްސަލަ ހުށަހަޅައިގެން ބަހުސްކުރެވިދާނެ ކަމަށެވެ. އަދި އައްޑޫ އެއާޕޯޓްގެ މައްސަލައިގައި އެމްޑީޕީގެ މެމްބަރުން ކުއްލި މައްސަލައެއް އިއްޔެ ހުށަހެޅުއްވި ކަމަށާއި ނަމަވެސް އެ މެންބަރުން އެ މައްސަލަ އަނބުރާ ގެންދެވުމަށް ފަހު، މިއަދު އެ ކަމަށް ނިޒާމީ މައްސަލަ ނެގުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ