ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!

ލ. ފޮނަދޫގެ ކަރަންޓް މައްސަލަ ހައްލު ނުވެ، ގިނަ ދުވަސްތަކެއް ވުމުން އެންމެ ފަހުން ކައުންސިލް މެމްބަރެއްް ރައްޔިތުންގެ ހައްގުގައި އިހްތިޖާޖްކޮށްފި އެވެ. 
ފޮނަދޫ ކައުންސިލް މެމްބަރު އަބްދުﷲ ފައިސަލް އިހްތިޖާޖުކުރީ ހުކުރު ދުވަހުގެ ހަވީރު ފޮނަދޫ އިންޖީނުގޭގެ ކުރިމަތީގަ އެވެ. އަސުރުމާ ކުލައިގެ ގަމީހެއްގައި ހުރި ފައިސަލް ހިފައިގެން ހުރި އަސުރުމާ ކުލައިގެ  ބޯޑުގައި ލިޔެފައިވަނީ ފެނަކަ ފެއިލް ވެފައިވާ ކަމަށާއި، ކޮންމެ ރައްޔިތަކަށް ވެސް ހަމަހަމަކަމާއެކު ކަރަންޓް ފޯރުކޮށްދޭންޖެހޭ ކަމަށެވެ. 
#BreakingNews : karantu ge haalathu inthiha ah goas wumun L.fonadhoo PPM councilor Faisal raiyyithun ge hahguga ikhthijaaju kuramun ebadhe pic.twitter.com/WKfeFVnRUF
ކަރަންޓްގެ މައްސަލައަށް ހައްލެއް ނުލިބޭއިރު، ފޮނަދޫގެ ވިޔަފާރިތަކަށް ވެސް ގެއްލުން ލިބި އާންމުންނަށް ވެސް ގިނަ ދަތިތަކެއް ކުރިމަތިވަމުންދާތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. 
އަމިއްލަ ގޮތުން ވާދަކޮށްގެން ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރުމަށް ފަހު، ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ފައިސަލް ވިދާޅުވީ ގިނިކަންޏާ އިހްތިޖާޖަށް ނުކުތީ ކަރަންޓްގެ މައްސަލައަށް ހައްލެއް ލިބޭނެ ދުވަހެއް ފެންނަން ނެތުމުން ކަމަށެވެ. 
"ޕީޕީއެމް އަށް ސޮއި ކުރީ ވެސް ކަރަންޓް ކަރަންޓް ރަނގަޅު ކޮށްދޭނެ ކަމަށް، އެކަމަކު އެ ވައުދެއް އަދި ނުފައްދާ، އެހެންވެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކާއި ދަތިތައް ކުރިމަތިވަމުންދާތީ އިހްތިޖާޖަށް ނުކުތީ،" އޭނާ ވިދާޅުވި އެވެ. 
ފޮނަދޫ ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރު އިބްރާހިމް ރަޝީދު ވެސް ވިދާޅުވީ އެ ރަށުގެ ކަރަންޓް މައްސަލައަށް ހައްލެއް ލިބޭނެ ދުވަހެއް ފެންނަން ނެތް ކަމަށެވެ. އިންޖީނުގޭގެ ހާލަތު ގޯސްވަމުން ގޮސް ތެޔޮ ބަދަލުކުރުމަށްޓަކައި ވެސް މުޅި ރަށުށް ކަރަންޓް ކަނޑާލަން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ދެ ހަފުތާއިން އެއް ހަފުތާ ކަހަލަ ގޮތަށް ތެޔޮ ބަދަލުކުރަން ވެސް ކަރަންޓް ކަނޑާލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މާދަމާ ހަވީރު 15:00 އިން 18:00 އަށް ފޮނަދޫން ކަރަންޓް ކަނޑާލަންޖެހޭ ކަމަށް ފެނައިކަ ކޯޕަރޭޝަނުން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.
ކަރަންޓްގެ މައްސަލަ އަށް ހައްލެއް ނުލިބި ގިނަ ދުވަސްވަމުންދާއިރު، ފިނިކޮށްގެން ވިއްކަންޖެހޭ މުދަލަށް ގެއްލުންވެ، ކަރަންޓް ސާމާނަށް ވެސް ގެއްލުންވަމުންދާ ކަމަށް، ފޮނަދޫން ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުންޏެވެ. 
ކައުންސިލް މެމްބަރު ފައިސަލް ވެސް ބުނި ގޮތުގައި ބައެއް ގޭގެއަށް އެކަށީގެންވާ މިންވަރަށް ކަރަންޓް ނުލިބޭތީ، ފެން މޯޓަރުތަކާއި އެހެން ބައެއް ސާމާނުތައް ވެސް ހަލާކުވަމުންދާ ކަމަށެވެ. 
"މިދާވަރުން ދަންޏާ ރޯދަ މަހު މިފަހަރު ތިބެން ޖެހޭނީ ކަނު އަނދިރީގައި. އެހެންވެ، އިހްތިޖާޖުކުރީ، އަދިވެސް ކުރާނަން. އަދި ބޮޑު އިހްތިޖާޖަކަށް ނުކުންނާނަން، މިކަން ހައްލު ނުވަންޏާ،" އޭނާ ވިދާޅުވި އެވެ. 
ފައިސަލް ވިދާޅުވި ގޮތުގައި ރަށުގެ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެފައި ވާއިރު، އެކަން ހައްލުކުރަން ސަރުކާރުން މަސައްކަތް ކޮށްފައެއް ނެތެވެ. 
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ގާދޫ މީހުން ފޮނަދުއަށް ބަދަލުކުރުމަށް ފަހު ކަރަންޓްގެ ހިދުމަތް ރަނގަޅު ކުރަން އެރަށަށް ގެންގޮސްފައި ހުރި ބައެއް ސާމާނު އަދިވެސް ބޭނުމެއް ނުކުރެ އެވެ. އެކަން ފައިސަލް ވެސް ކަށަވަރުކޮށްދެްވި އެވެ. 
ފޮނަދޫ ކަރަންޓްގެ މައްސަލައާ ގުޅޭ ގޮތުން އެރަށުގެ އިންޖީނުގޭގެ މެނޭޖަރަށް ގުޅުމުން، ޖަވާބު ދެއްވަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ