އުމަރު ނަސީރުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މާދަމާ އަށް ޝެޑިއުލްކޮށްފި އެވެ.
އުމަރުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިދިޔަ ބުރާސްފަތި ދުވަހު ވެސް ބޭއްވި އެވެ.
އުމަރުގެ ޝަރީއަތުގެ އަޑުއެހުން މާދަމާ އަށް ޝެޑިއުލް ކުރީ މެންދުރު 2:00 އަށެވެ.
އުމަރުގެ މައްޗަށް ދައުވާ ކުރަނީ އާންމު ގާނޫނުގެ އަށް ވަނަ މާއްދާގެ ދެ ވަނަ ނަމްބަރާ ހަވާލާދީ، ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ. ގެ ދަށުންނެވެ. އެ ދައުވާކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި، ރާއްޖޭގެ އަމަން އާންމަށް ގެއްލުން ލިބިދާނެ ފަދަ ގޮތަކަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ. އެ މާއްދާ އުވާލުމަށް އުމަރުގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ.
އެ މާއްދާ ބާތިލް ކުރަން އުމަރުގެ ފަރާތުން އެދިވަޑައިގެންފައި ވާތީ ދައުލަތުން ޖަވާބުދާރީވަމުން، ކްރިމިނަލް ކޯޓުގައި ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުގައި ދައުލަތުގެ ވަކީލް އަބްދުﷲ ރާބިއު ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ވަނީ އިސްލާމް ދީނުގެ އަސްލަކާ ޚިލާފް ނުވާނެ ގޮތަށް ޚިޔާލުފާޅު ކުރެވޭނެ ވާހަކަ ކަމަށެވެ. ނަމަވެސް އުމަރުގެ އެ ވާހަކަ އަކީ ރާއްޖޭގެ އަމަން އަމާން ކަމަށް ގެއްލުން ލިބިދާނެ ފަދަ ވާހަކައެއް ކަމަށާއި އެހެންވެ އެއީ އިސްލާމީ ޝަރީއަތާ ޚިލާފް ވާހަކައެއް ކަމަށް ވިދާޅުވި އެވެ. އަދި އެކަމާ ބެހޭ ގުރުއާނުގެ ބައެއް އާޔަތްތަކާއި އެ އާޔަތްތަކުގެ މާނަ ވެސް ރާބިއު ޝަރީއަތުގައި ވިދާޅުވި އެވެ.
އުމަރު ވެސް ހާޒިރުވެ އިންނެވި ޝަރީއަތުގެ މަޖިލީހުގައި ފާހަގަ ކުރެއްވި ކަންކަމަށް އިޝާރާތް ކުރައްވަމުން ރާބިއު އެދިވަޑައިގަތީ އުމަރު އެދިވަޑައިގެންފައިވާ މާއްދާ ބާތިލް ކުރެވެން ނެތް ކަމަށް ނިންމައި ދިނުމަށެވެ.
ދައުލަތުގެ އެ ވާހަކަތަކަށް ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތަކަށް އުމަރުގެ ފަރާތުން އެދުމުން ގާޒީ އަބްދުﷲ ދީދީ ވަނީ އުމަރުގެ ވަކީލަށް އެ ފުރުސަތު ދެއްވައިފަ އެވެ.
މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ދައުލަތުގެ ވަޒީރެއްގެ މައްޗަށް ޝަރީއަތް ހިންގާ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ