އާތިފާ އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް: ރައީސް މައުމޫން

މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު އާތިފާ މަގާމުން އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ސިއްހީ ހާލުކޮޅު ހުރި ގޮތުން މަގާމުގެ ވާޖިބު އަދާކުރެއްވުމަށް އުޒުރުވެވަޑައިގަންނަވާތީ އާތިފާ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުއްވީ އިއްޔެއެވެ. އަދި ރައީސް މިއަދު ވަނީ އާތިފާގެ އިސްތިއުފާ ގަބޫލުފުޅުކުރައްވާ އޭނާ ކޮށްދެއްވި އިހުލާސްތެރި ހިދުމަތްތަކަށް ޝުކުރުއަދާކުރައްވައިފައެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިނިސްޓަރު އާތިފާ އަކީ ކެރުންތެރި އަދި ތެދުވެރިކަމުގެ ނަމޫނާއެއް ކަމަށެވެ. އަދި އޭނާ ރައްޔިތުންނަށް ހިދުމަތް ކުރެއްވީ އިހުލާސްތެރިކަމާއެކު އެންމެ ފުރިހަމަ ގޮތުގައިކަމަށާއި އާތިފާ އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހައުސިން މިނިސްޓަރުކަމުން އާތިފާ އިސްތިއުފާ ދެއްވުމުން ރައީސް ސޯލިހު މިއަދު ވަނީ އެ މިނިސްޓްރީ އުވާލައްވައި، އެ މިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވައިފައެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ