ޖަލުގައި ހުކުމް ތަންފީޒުކުރަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ ވާހަކަ ދައްކަވައި، މެންބަރު ސިރާޖަށް ކީރިތިކުރެއްވިއްޖެ

ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ކުރި، މޭ ޑޭގެ މުޒާހަރާގައި ފުލުހަކަށް އަނިޔާކޮށްގެން، މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ މައްސަލަޔަކީ، މިނިވަން މުއައްސަސާތަކުގެ އިހުމާލު ވަރަށްބޮޑަށް އޮތް ކަމެއްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކީރިތި ކުރައްވައިފިއެވެ.
ސިރާޖު ވިދާޅުވީ، އަބްދުﷲ ރަޝީދުގެ ވަކީލުގެ ގޮތުގައިވެސް އޭނާ މަސައްކަތް ކުރެއްވި ކަމަށެވެ.
ޖަލުގައި ހުއްޓައި އަބްދުﷲ ރަޝީދު މަރުވީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު، އެތެރެ ހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެނިކޮށެވެ. އެ މައްސަލައިގައި، އާއިލާއިން ތުހުމަތު ކުރަނީ، އޭނާ މަރުވީ އެކަށީގެންވާ ފަރުވާ ނުލިބި، ޖަލުގައި ބޭއްވުމުން ކަމަށެވެ.
އަބްދުﷲ ރަޝީދަކީ ފަސް ކުދިންގެ ބައްޕަ އެކެވެ.
ސިރާޖު ވިދާޅުވީ، އަބްދުﷲ ރަޝީދަށް އަޅައިނުލައި ބޭސްފަރުވާ ނުކޮށް އިހުމާލުވުމުގެ ސަބަބުން މި ދުނިޔެއާ ވަކިވާން ޖެހުނު މައްސަލައިގައި ކޮންމެވެސް ބަޔަކު ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.
"އަބްދުﷲ ރަޝީދަށް އަޅައިނުލައި ބޭސްފަރުވާ ނުކޮށް އިހުމާލުވުމުގެ ސަބަބުން ދުނިޔެއާ ވަކިވާން ޖެހުމުން ކޮންމެވެސް ބަޔަކު އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ. ފުލުހެއްގެ ގައިގައި ޖެހީމަ އެ ލިބޭ އަނިޔާއަށް ވުރެ މީހަކު ދުނިޔެއިން އަލްވަދާއު ކީމަ އެލިބޭ ގެއްލުން މާ ބޮޑު،" ސިރާޖް ވިދާޅުވި އެވެ.
މެންބަރު ސިރާޖު ވިދާޅުވީ، މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން އިހުމާލުވީމަ ހަމައެކަނި ކުރާ ކަމަކީ ވަކި ކުރުން ކަމަށެވެ. ނަމަވެސް އެއީ އެފަރާތްތަކުން ކުރާ ޖިނާއީ ކުށެއް ކަމަށާއި، އެފަރާތްތަކަށް ޖިނާއީ ދައުވާ ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ދައްކަވަމުން ގެންދެވި ވާހަކައިގެ ވަކި ހިސާބަކުން މެންބަރު ސިރާޖު ކީރިތި ކުރައްވަން ފެއްޓެވުމުން ވާހަކަ ކުރިޔަށް ނުގެންދެވިގެން ހުއްޓައިލެއްވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ