ޝަވީދުގެ ނައިބަކަށް އަލީ އުމަރު

އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވާ މިހާރު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދުގެ ނައިބަކަށް އޭނާއައެކު އެފްއޭއެމްގައި މަސައްކަތް ކުރަމުން އަންނަ ކުރީގެ އެއް ވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އުމަރު ހަމަޖައްސަވައިފިއެވެ. ޝަވީދުގެ ނައިބަކަށް އަލީ އުމަރު ހަމަޖައްސާފައިވާކަން ޝަވީދުގެ އަރިސްބޭފުޅަކު ވަނީ ސަންއަށް ކަށަވަރުކޮށްދެއްވާފައެވެ. އަންނަ މަހު 22 ވަނަ ދުވަހު ބާއްވާ އިންތިޚާބަށް ޝަވީދު އެކަނި ކުރިމަތިލައްވާފައިވާއިރު އެދުވަހު ބާއްވާ އިންތިޚާބުގައި ފެންނަ ނުފެންނަ ވޯޓުގައި ޝަވީދުގެ ޓީމް އިންތިޚާބު ވެއްޖެނަމަ އެފްއޭއެމްގެ ނައިބު ރައީސްއަށް ވެވަޑައިގަންނަވާނީ މިހާރުގެ ނޯމަލއިޒޭޝަން ކޮމިޓީގެ މެންބަރުކަންވެސް ކުރަމުންދާ އަލީ އުމަރެވެ. އެފްއޭއެމްގެ އެގްޒެކެޓިވް ކޮމީޓީގެ ނުވަ މަގާމަކަށް މެންބަރުން އިންތިޚާބު ކުރާއިރު އަނެއް އަށް މަގާމަށް ނަންތައް ހުށަހަޅާނީ އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާ ކެނޑިޑޭޓުން އޭނާގެ ޓީމްގެ ގޮތުގައެވެ. ސަންއާ ވާހަކަދެއްކެވި ޝަވީދުގެ އަރިސްބޭފުޅަކު ވިދާޅުވީ އޭނާގެ ޓީމްގައި ދެން ހިމެނޭ މެންބަރުންގެ ނަންތައް މީޑީއާގެ ހާޒިރުގައި މިހަފުތާގައި އިއުލާން ކުރާނެކަމަށެވެ. އެފްއޭއެމްގެ އާ ގަވާއިދުގެ ދަށުން ބާއްވާ ފުރަތަމަ އިންތިޚާބުގައި އެފްއޭއެމްގެ މެންބަރު 44 ކްލަބަށް ވޯޓް ދިނުމުގެ ހައްގު ލިބިގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ