ބައިބައިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ މެންބަރުންނަށް މަޖިލީހުގައި ފުރުސަތު ނުދީ އެ މެންބަރުން ނިސްބަތްވާ ދާއިރާގެ އަޑު މަޖިލީހުގެ ތެރެއިން ކަނޑުވާލުމަށް މަސައްކަތްކުރަމުން ގެންދާކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކްފާނު މިހެން ވިދާޅުވީ ޕީޕީއެމްގެ ރައީސްގެ އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ 85 ދާއިރާގެ މައްޗަށް އެކުލެވޭ މަޖިލީހެއްކަމަށާ މި 85 ދާއިރާ ތަމްސީލު ކުރައްވަނީ އެކިއެކި ޕާޓީގެ ޓިކެޓްގައާއި އަދި މިނިވަން މެންބަރުންގެ ގޮތުގައި އެދާއިރާގެ ރައްޔިތުން އިންތިހާބު ކުރައްވާފައިވާ އިއްޒަތްތެރި މެންބަރުންކަމަށެވެ. އަދި ކޮންމެ މަޖިލިސް މެންބަރަކީ އިންތިހާބު ވުމަށްފަހު ހުވައެއް ކުރައްވައިގެން، ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި މަޖިލީހުގައި ހެދިފައި ހުންނަ ގަވައިދުތަކާއި އުސޫލު ތަކުގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދަވާ މެންބަރެއްކަމަށެވެ.
މީގެ އިތުރަށް ކޮންމެ މެންބަރަކީ ވެސް އެދާއިރާއެއްގެ ރައްޔިތުންގެ އިތުރުން އެންމެހާ ދިވެހި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މެންބަރެއްކަމަށް ދެކޭކަމަށާ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އިއްޒަތްތެރި މެންބަރަކީ، މަޖިލީހަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ނުވަތަ ބިލެއްގައި، ޕާޓީތަކަށާއި މިނިވަން މެންބަރުންނަށް ކަނޑައަޅުއްވާފައިވާ ވަގުތު ތަކުގައި، ކޮންމެ މެންބަރެއްވެސް އެ މެންބަރެއްގެ ނުވަތަ އެދާއިރާ ގެ ރައްޔިތުންގެ ހިޔާލު ހުށަހަޅުއްވައި ބަހުސް ކުރެއްވުމަށް ބޭނުންފުޅުވާނެ މެންބަރެއްކަމަށެވެ.
ކަންމިހެން އޮތް ނަމަވެސް މި ފަހަކަށް އައިސް މަޖިލިސް ތަޅުމުގައި ބަހުސް ކުރައްވަން ބޭނުންފުޅުވާ މެންބަރުންނަށް ވަގުތު ދެއްވުމުގައި ތަފާތު ކުރުން ތަކެއް ގެންގުޅުއްވާ ކަން ވަނީ ފާހަގަ ކުރެވިފައިކަމަށް ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެދިފައި ހުރި ގަވާއިދުތަކު ގެ ދަށުން އެކިއެކި ޕާޓީ ތަކަށް ވަގުތު ދެއްވުމުގައި ހަމަހަމަ އުސޫލު ތަކެއް ހެދިފައިވާކަމަށާ އަދި މަޖިލިސް ތަޅުމުގައި މެންބަރުންނަށް ވަގުތު ދެއްވުމުގައި ޒިންމާ ނަންގަވައިގެން ތިއްބެވި އެންމެހާ ފަރާތްތަކުން މަޖިލީހުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ކަމޭ ހިއްތަވާ ހަމަހަމަ ކަން ގެންގުޅުއްވުމަކީ އެ ފަރާތްތަކުގެ ޒިންމާއެއްކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއްދާއިރާތައް ތަމްސީލު ކުރަށްވާ ބައެއް އިއްޒަތްތެރި މެންބަރުންނަށް ފުރުސަތު ނުދީ، ބައެއް ދާއިރާ ތަކުގެ ރައްޔިތުންގެ އަޑު މަޖިލީހުން ކަނޑުވާލެއްވުމަށް ކުރަށްވަމުން ގެންދަވާ މަސައްކަތް ކުށްވެރިކުރައްވާކަމަށްވެސްް މައުމޫން ވިދާޅުވިއެވެ.
މީގެ ތެރޭގައި ތުލުސްދު ދާއިރާ، ދިއްގަރު ދާއިރާ، ތިމަރަފުށި ދާއިރާ އާއި ނޮޅިވަރަމް ދާއިރާ ރައީސް މައުމޫންގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެެވެ.
ރައީސް މައުމޫން ވިދާޅުވީ މިފަދަ ޑިމޮކްރެޓިކް ޒަމާނެއްގައި، ޑިމޮކްރަސީގެ ރިވެތި އުސޫލާއި ހަމަތަކުގެ މަތިން ވަކި މެންބަރަކާއި މެދު ތަފާތު ކުރެއްވުން ނުގެންގުޅުއްވައި، ހުރިހާ މެންބަރުންނަށްވެސް ދާއިރާ ތަކުގެ ރައްޔިތުންގެ ހިޔާލުތައް ހުށަހެޅުއްވުމަށް ހަމަހަމަ ފުރުސަތު ތަކެއް މަޖިލީހުގެ ތަޅުމުގައި ހޯއްދަވައި ދެއްވުމަށް ގޮވާލައްވާކަމަށެވެ.
މައުމޫން ފެކްޝަނަށް ނިސްބަތްވާ މެންބަރުންނަށް މަޖިލީހުގައި ފުރުސަތު ނުދީ އެ މެންބަރުން ނިސްބަތްވާ ދާއިރާގެ އަޑު މަޖިލީހުގެ ތެރެއިން ކަނޑުވާލުމަށް މަސައްކަތްކުރަމުން ގެންދާކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާއިރު، ރައީސް މައުމޫންގެ އިރުޝާދުގެ ދަށުން ފާރިޝް މައުމޫން ވަނީ ޕީޕީއެމްގެ ޕީޖީ ގުރޫޕާއި ވަކިން ޕީޖީ ގުރޫޕެއް އުފައްދަވާ މަސައްކަތް ކުރައްވަންވެސް ފައްޓަވާފައެވެ.
މައުމޫން ފެކްޝަންގެ އަޑު ކަނޑުވާލުމަށް ދަނީ މަސައްކަތްކުރަމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ