ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމުންވެސް ފައިސާ ދައްކައިފި

ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމުން އެ ފައިސާ ވެސް މިއަދު ދައްކައިފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ޖޫރިމަނާކުރީ ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް ހުތުރުވާ ފަދަ ދޮގު މައުލޫމާތު ގެނެސްދީފައިވާތީ އާއި ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބުނެ މިދިޔަ އޯގަސްޓް މަހުގެ އަށްވަނަ ދުވަހު އެވެ.
މިފައިސާ ދައްކަން ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއަށް ދީފައިވަނީ އެންމެ 30 ދުވަހެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިގެން ރާއްޖެ ޓީވީން މިއަދު ޖޫރިމަނާ ފައިސާ ދެއްކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. މީރާ އިން މިހާރު ގެންދަނީ ރާއްޖެ ޓީވީގެ ޖޫރިމަނާ ފައިސާ ބަލައިގަނެ ފައިސާގެ އަދަދުތައް ގުނަމުންނެވެ.
މީރާގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ބަންދުކުރަން މަސައްކަތް ކުރި ނަމަވެސް ދިވެހި ރައްޔިތުން އެކަމަށް ފުރުސަތު ނުދޭނެކަން މިއަދު ވެސް އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި ﷲގެ ނިންމެވުން މާމަތިވެރި ކަމަށްވެސް ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވީ ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރި ކުރުމަކީ ފޭރިގަތުމުގެ އަމަލެއް ކަމަށާއި ރާއްޖެ ޓީވީއަށް ޖޫރިމަނާ ފައިސާ ދައްކައިދެނީ ދިވެހި ރައްޔިތުންނާއި ހެޔޮ އެދޭ ފަރާތްތައް ކަަމަށެވެ.
ރާއްޖެ ޓީވީގެ ޓީމާއެކު މީރާގެ ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވީމީޑިއާގެ ޑިރެކްޓަރ ޖެނަރަލް ނިއުސް އެންޑް ކަރަންޓް އެފެއާޒު އިމާދު ލަތީފް ވިދާޅުވީ ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި މައްސަލަ ވީމީޑިއާ އިން ކުށްވެރި ކުރާ ކަމަށެވެ. މީޑިއާގެ އަޑުކަނޑުވާލާ މީޑިއާ ހައުސްތައް ބަންދުކުރުމަށް ރާވައިގެން ހިންގާ އަމަލުތަކުގެ ތެރެއިން ރާއްޖެ ޓީވީއާ އަދި އެހެން ނޫސްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާ ގުޅިގެން އެ ނޫސްތަކާ އެކު ވީމީޑިއާ ދެމިއޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
އިމާދު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެރިކަން ބަދަލުވެ އާސަރުކާރެއް އިންތިހާބު ވެއްޖެނަމަ މިހާރުގެ ސަރުކާރުން ގާނޫނުތައް އިސްލާހުކޮށްގެންނާއި ގާނޫނުތައް ވުޖޫދުކޮށްގެން މީޑިއާ ނައްތާލުމަށް ކޮށްފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރާ ވާހަކަދައްކަވާނެ ކަމަށެވެ.
ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމުން ވީމީޑިއާގެ މުވައްޒަފުން ވަނީ ރާއްޖެ ޓީވީގެ "އަނބުރުފުޅު" ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ރާއްޖެ ޓީވީގެ ގާނޫނީ ވަކީލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެ މިލިއަން ރުފިޔާ މިއަދު ދެއްކި ނަމަވެސް މިފައިސާ ދައްކަން ޖެހޭ ސަބަބު މިއަދާ ހަމައަށްވެސް ސާފުވެފައި ނުވާ ކަމަށެވެ. އަދި ދެ މިލިއަން ރުފިޔާ މިއަދު ދެއްކުމަށްފަހު މިމައްސަލަ މާދަމާ ކޯޓަށް ހުށަހަޅާނެ ކަމަށްވެސް ގާނޫނީ ވަކީލު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރިއިރު މީގެ ކުރިން އެކި ފަހަރު މަތިން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ 1.7 މިލިއަން ރުފިޔާ އިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފަ އެވެ.
ރާއްޖެ ޓީވީ ޖޫރިމަނާކުރި ކޮންމެ ފަހަަރަކު ވެސް އެސްޓޭޝަނުން ވަނީ މީގެކުރިން ވެސް ޖޫރިމަނާ ފައިސާ ދައްކާފަ އެވެ. އަދި މީގެ ބައެއް މައްސަލަތައް ރާއްޖެ ޓީވީން ވަނީ ޝަރުއީ ކޯޓު ތަކަށް ވެސް ހުށަހަޅާފަ އެވެ. އެކަމަކު މިމައްސަލަތައް ކުރިއަށް ނުދާ ކަން ފާހަގަކުރެވެ އެވެ.
ރާއްޖެ ޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް އެ ސްޓޭޝަނާ ދެކޮޅަށް ތަފާތު ފިޔަވަޅު އަޅަމުން ގެންދަނީ އެ ސްޓޭޝަން ބަންދުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ތެރެއިން ކަމަށް ރާއްޖެ ޓީވީން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ