ޖަޒީރާ ރާއްޖެ ޝިއާރާއި އެކު ފައިސާ ބަހަން ފަށައިފި
ޖަޒީރާ ރާއްޖެ ޝިއާރާއި އެކު ފައިސާ ބަހަން ފަށައިފިއެވެ.އެމްޑީޕީގެ ކެމްޕޭން ކަމަށްވާ ޖަޒީރާ ރާއްޖެ ޝިއާރު ހިމެނޭ ކަރުދާހާއި އެކު ފައިސާ އާއްމުންނަށް ބަހަމުން ދާ ކަން ޗެނަލް 13 އަށް ވަނީ ކަށަވަރުވެފައެވެ. އެމްޑީޕީގެ ޝިއާރާއި އެކު ފައިސާ ބަހަން ފަށާފައިވަނީ އެމްޑީޕީގެ ޖަލްސާއަށް ކުޑަތަންވެފައިވަނިކޮށެވެ. އެގޮތުން 8 ސެޕްޓެމްބަރު ވާ ހޮނިހިރު ދުވަހު އެމްޑީޕީގެ ޖަލްސާ ބާއްވަން ނިންމާފައިވާކަމަށް އެ ޕާޓީން ވަނީ އިއުލާންކޮށްފައެވެ. ރިޔާސީ އިންތިހާބަށް ކުޑަތަންވެފައިވަނިކޮށް އެމްޑީޕީގެ ޝިއާރު ހިމެނޭ ސިޓީ އުރައަށް ފައިސާ އަޅައިގެން އާއްމުންނަށް ދޭން ފަށާފައިވާއިރު، ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ. މިއަދު މީސް މީޑިއާގައި ޖަޒީރާ ކެމްޕޭން ލޯގޯ ހިމެނޭ ސިޓީ އުރައެއްގަ ފައިިސާ ހުރިކަން ދައްކުވައިދޭ ފޮޓޯއެއް ވަނީ އާއްމުވެފައެވެ. އިންތިހާބުތަކާއި ބެހޭ އާއްމު ޤަނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރުގައި އިންތިހާބާ ގުޅިގެން އެ ޤާނޫނުގެ 69 ވަނަ މައްދާގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ހަރަދުކުރުމަކީ މަނާ ކަމެކެވެ. އެގޮތުން އެ ޤަނޫނުގެ 69 ވަނަ މައްދާގައި އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކަށް ހަރަދު ކުރެވޭނީ އިންތިހާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2000 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަދަށް ވުރެ އިތުރު ނުވާނެ އަދަދެއް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން އެ ޤަނޫނުގެ 74 ވަނަ މައްދާގެ (ހ) ގެ 11 ވަނަ ނަންބަރުގައި އެއްވެސް އިންތިހާބީ ހައްޤެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ހައްޤެއްގެ ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ދިނުމަކީ ރިޝްވަތު ކަމުގައި ބެލެވޭނެ އެވެ. އެގޮތުން 74 ވަނަ މައްދާގެ (ނ) ގައި ބުނެފައިވާގޮތުން އެފަދަ ގޮތަކައް ކެންޑިޑޭޓަކު ރިޝްވަތު ދީފައިވާނަމަ 1 އަހަރާއި 4 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ބާރާ ހާހާއި ސާޅީސް އަށްހާސް ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ޤާނޫނުގައި މިފަދައިން ބަޔާންކޮށްފައިވާއިރު، ޖަޒީރާ ލޯގޯ ޖަހައިގެން ފައިސާ ސިޓީއުރަތައް ބަހަމުން ދާ މަންޒަރު ފެންނަމުން ދާތީ އެކަމުގެ ކަންބޮޑުވުން އާންމުން ދަނީ ފާޅުކުރަމުންނެވެ. މި ފޮޓޯ ހަގީގަތާއި ގުޅޭގޮތުން އެމްޑީޕީ އަދި އެއްޗެއް ވިދާޅުވެފައި އެއް ނުވޭ އަދި އެކަން ދޮގު ކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ