ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުށަހެޅުއްވި އިސްލާހަށް ތާއީދު ނުކުރަން އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފިއެވެ.
ހިންގާ ކޮމިޓީން މިގޮތަށް ނިންމާފައިވަނީ މީގެއިރުކޮޅެއް ކުރިން ބޭއްވި ބައްދަލުވުމަކަށްފަހުއެވެ.
މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވާ ހަތް ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަހްމަދު މުއުތަސިމެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި ޝަރީފް މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ލީޑާޝިޕްގައި މަޝްވަރާ ނުކޮށެވެ. އެ އިސްލާހު އަމިއްލަ ގޮތުން ޝަރީފް ހުށަހެޅުއްވިކަން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެނގުމާއިއެކު އެ އިސްލާހު އަނބުރާ ގެންނަވަން އެމްޑީޕީގެ އިސް ބޭފުޅުން ޝަރީފަށް އެންގެވިއެވެ.
މި އިސްލާހަށް ތާއީދުކުރުމާއި ގުޅޭ ގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ވަކި ގޮތެއް ނުނިންމި ނަމަވެސް މީގެކުރިން ޕީޕީއެމް ބައެއް މެންބަރުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ނުފެންނަ ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ޕީޕީއެމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި އެއީ ޕީޕީއެމުން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ ތުހުމަތުކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް އެޕާޓީން ބޭނުންވާ ކަމަށެވެ. ނަމަވެސް މިއަދު ފެނިގެން މިދަނީ އެނިޒާމު އިސްލާހު ކުރުމުގެ ބަދަލުގައި ރައީސް ޔާމީންގެ އަތަށް ހެޔޮ ވަރުކޮށް ސުޕްރީމް ކޯޓު “ކޮށާލާ” ތަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފަނޑިޔާރުންގެ އަދަދު ފަހަކަށް ތިރި ކުރުމަކީ ސީދާ ރައިސް ޔާމީންގެ އަތްފުޅުގެ ތެރެއަށް އެކޯޓު ގެންދިއުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މީގެކުރިން ވަނީ ގޮވާލައްވާފައެވެ.
ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު މަދުކުރަން އެމްޑީޕީގެ ތާއީދެއް ނެތް - ހިންގާ ކޮމިޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ