ހިބަޅިދޫ އެހެން ބަޔަކަށް ދިނުން ހުއްޓުވެން ނެތް ކަމަށް ކޯޓުން ނިންމައިފި

ބ. ހިބަޅިދޫ އެހެން ބަޔަކަށް ކުއްޔަށް ދިނުން ހުއްޓަވައި ދިނުމަށް ދައުލަތުގެ މައްޗަށް އަމުރެއް ނެރެދެވެން ނެތް ކަަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ސިވިލް ކޯޓުން މިގޮތަށް ނިންމީ ހިބަޅިދޫ ކުއްޔަށް ހިފާފައިވާ ކުންފުނި، ބިޒްނާސް މޯލްޑިވްސްއާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެކުންފުނިން ކޯޓަށް ހުށަހެޅި މައްސަލާގައި ގޮތެއް ނިންމާ އިއްޔެ އިއްވި ހުކުމްގަ އެވެ.
ޓޫރިޒަމް މިނިސްޓްރީއާއި ބިޒްނާސް މޯލްޑިވްސްއާ ދެމެދު ހަދާފައިވާ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ މިދިޔަ އަހަރުގެ ތެރޭގައި އެރަށުން ހަނގުރާމަވެރި ހަތިޔާރާއި ގޮވާ ތަކެތި ފެނުނު މައްސަލައާއި ގުޅިގެންނެވެ.
ހިބަޅިދޫ ކުއްޔަށް ދޫކޮށްފައި އޮތީ އެރަށުގައި ރިސޯޓެއް ތަރައްގީކޮށްގެން ހިންގުމަށެެވެ.
ބިޒްނަސް މޯލްޑިވްސް އިން ކޯޓުގައި އެދުނީ ސަރުކާރުން އެކުންފުނީގެ އަތުން އެރަށް އަތުލުމާ ގުޅިގެން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނިންމަންދެން ސަރުކާރުން އެރަށް އެހެން ބަޔަކަށް ދޫކުރުން ހުއްޓުވައިދިނުމުގެ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނުނިންމަނީ މައްސަލައަށް އަސަރުކުރާ ގޮތަކަށް އަމުރެއް ނެރެދިނުމަކީ އެ ކޯޓަށް ލިބިފައިވާ ބާރެއް ނޫން ކަމަށެވެ. އެފަދަ އަމުރެއް ނެރެފިނަމަ އެކަން ވެގެންދާނީ އަސްލު މައްސަލައާއި މެދު ގޮތެއް ނިންމުން ކަހަލަ ކަމަކަށް ކަމަށާއި އެދިފައިވާ ފަަދަ އަމުރެއް ނެރެންޖެހޭ ކަމެއް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ނެތް ކަމަށްވެސް ހުކުމްގައިވެ އެވެ.
ބިޒްނަސް މޯލްޑިވްސް އަށް ހިބަޅިދޫ ކުއްޔަށް ދީފައިވަނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެވަޑައިގެން ހުންނެވި ދުވަސްވަރު އެވެ.
ބިޒްނަސް މޯލްޑިވްސްގެ މެޖޯރިޓީ ހިއްސާދަރަކީ އަދީބްގެ ގާތް މީހެއް ކަމަށްވާ މ. ސެސްނާ، އައްލާމް ލަތީފް (މޮހޯ) އެވެ. އޭނާ އަކީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާއި އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ތަހުގީގަށް ހޯދަމުންދާ މީހެކެވެ. ނަމަވެސް އޭނާ ފިލައިގެން އުޅެނީ އިނގިރޭސިވިލާތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ