ވޯލްޑް ކަޕް 2018: ނައިޖީރިއާގެ މައްޗަށް ކްރޮއޭޝިޔާ 2-0 ގެ ނަތީޖާއަކުން ކުރި ހޯދައިފި

ނައިޖީރިއާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައި ކްރޮއޭޝިޔާއިން ވޯލްޑްކަޕް 2018 ފަށައިފިއެވެ.
މިއީ ފާއިތުވި ވިހި އަހަރުގެ ތެރޭގައި މޮޅަކާއެކު ކްރޮއޭޝިޔާއިން ވޯލްޑް ކަޕް ފެށި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ކްރޮއޭޝިއާއިން ވޯލްޑް ކަޕެއް ފަށާފައިވަނީ 1998 ވަނަ އަހަރެވެ. ފްރާންސްގައި ބޭއްވި މި ވޯލްޑް ކަޕުގައި ކްރޮއޭޝިޔާއިން މެޗު ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުން ޖަމައިކާގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ނައިޖީރިއާ އާއި ކްރޮއޭޝިޔާ ރޭ ބައްދަލުކުރި މެޗުގައި އެންމެ ފުރަތަމަ ހަމަލާ ފޮނުވާލާފައިވަނީ، ކޮރޭޝިއާއިންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި އެ ޓީމުގެ އީވާން ޕެރިސިޗް ނަގައިދިން ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ރޭގެ މެޗުގައި ކޮރޭޝިއާގެ ލަނޑަކީ، ނައީޖީރިއާގެ އޮގޮހެންކާރޯ އެޓޯބާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނައިޖީރިއާގެ ހާފުގެ އަރިމަތިން ކޮރޭޝިއާގެ އެންޓޭ ރެބިޗް ނަގައިދިން ބޯޅަ އެންޑްރެޖް ކަރަމިކް ބޮލުގައި ޖެހިފައި ދިޔަ ބޯޅަ އެޓޯބާ ފައިގައި ޖެހިފައި މިސްރާބު ބަދަލު ވެގެންގޮސް ބޯޅަ ވަނީ ނައިޖީރިއާގެ ގޯލަށެވެ.
މެޗުގެ 54 ވަނަ މިނެޓްގައި ޕެރެސިޗް ނަގައިދިން ހުރަސް ރެބިޗް ފޮނުވާލުމުން ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
ނައިޖީރިއާ ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ބޯޅަ މެޗުގެ 59 ވަނަ މިނެޓްގައި އޮޑިން އިގާލޯ ބޮލުން ފޮނުވާލުމުން، އެ ބޯޅަ ހޯދީ ކޮރޭޝިއާގެ ކީޕަރު ޑެނިއަލް ޝްބަޝިޗެވެ.
ކޮރޭޝިއާ ލީޑް ފުޅާ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ އެއްގައި ކެޕްޓަން ލުކަ މޮޑްރިޗެވެ. އެ ޕެނަލްޓީ އަކީ ނައިޖީރިއާގެ ޕަނަލްޓީ އޭރިއާ ތެރެއިން، ކޮރޭޝިއާގެ މާރިއޯ މަންޒޫކިޗަށް، ނައިޖީރިއާގެ ޓްރޫސްޓް އިކޯންގް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. މޮޑްރިޗް ޕެނަލްޓީ ކާމިޔާބު ކުރީ މެޗުގެ 71 ވަނަ މިނެޓްގަ އެވެ.
ރޭގެ މެޗަށް ނައިޖީރިއާއިން ނިކުތީ ޒުވާން ޓީމަކާއެކުއެވެ. އެ ޓީމުގެ ކެޕްޓަން ޖޯން އޮބީ މިކޭލް އާއި ވިކްޓާ މޫސަސް ވަނީ ޓީމުގެ ޒުވާން ކުޅުންތެރިން ލައްވައި ކުޅުވަން މަސައްކަތް ކޮށްފަ އެވެ.
މި ގުރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ، އާޖެންޓިނާ އާއި އައިސްލެންޑް ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ