ނިއުޒިލެންޑްގެ ރައްޔިތުން އައިއެސް އާއި ގުޅޭތީ ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ނިއުޒިލެންޑްގެ ރައްޔިތުން އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ގުޅުނަ ނުދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޖޯން ކީ ވިދާޅުވެެއްޖެ އެވެ.
ބޮޑުވަޒީރު ކީ ވިދާޅުވީ އައިއެސްގެ ނުރައްކާ އެގައުމަށް ކުރިމަތިވެފައިވާ ކަމަށާއި އެ ނުރައްކާތައް ކުރިމަތިވާކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި، ނިއުޒިލެންޑްގެ ބައެއް ރައްޔިތުން އައިއެސް އަށް ހަނގުރާމަކޮށްދީ އެ ޖަމާއަތަށް ފައިސާ ހޯދާ އެ ޖަމާއަތުގެ ހަނގުރާމަވެރިން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން ޕާސްޕޯޓުތައް ސަސްޕެންޑު ކުރުމާއި ހިފެހެއްޓުމުގެ ބާރުތައް ސަރުކާރަށް ހޯދައިދޭނެ ކަމަށާއި ސަލާމަތީ ހިދުމަތްތަކަށް ދޭ ފައިސާ އިތުރުކޮށް އައިއެސްގެ ބައިވެރިންކަމަށް ޝައްކުވާ ފަރާތްތަކަށް ޖާސޫސުކުރުމުގެ ބާރު ހޯދައިދޭނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ. ގާތްގަނޑަކަށް 30 އާއި 40 ނިއުޒިލެންޑް ރައްޔިތުން އައިއެސް އާއި އެއްބައިވާ ކަމަށް ޝައްކުކުރެވޭ ކަމަށާއި މި ފަރާތްތަކުގެ ތަހުގީގު ކުރަންޖެހޭ ކަމަށް ކީ ވިދާޅުވި އެވެ.
ނިއުޒިލެންޑްގެ އަސްކަރިއްޔާ އިން އިރާގު ސިފައިން ތަމްރީނުކުރުމަށް މަސައްކަތްކުރާނެ ކަމަށާއި ހަނގުރާމައިގެ ސަބަބުން ރެފިއުޖީންނަށް ދޭ އެހީ އިތުރުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އައިއެސް އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ނިއުޒިލެންޑުން އަދި ބައިވެރިނުވާނޭ ކަމަށް ކީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ