ޖުމްހޫރީ ގުޅުމުގެ ސަރުކާރެއް ގާއިމުވެއްޖެ ނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަނެއް ތިން ރިޔާސީކެންޑިޑޭޓުން ބައިވެރިކޮށްގެން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރާކަމުގެ ވައުދު ގާސިމް އިބްރާހީމް ވެވަޑައިގެންފިއެވެ.
އެމްބީސީ އާއި ގައުމީ ޔުނިވަސިޓީގުޅިގެން މިރޭ ދަރުބާރުގޭގައި ބޭއްވި ރިޔާސީ ކެންޑިޑޭޓުގެ ބަހުސް ނިންމާލުމުގެ ގޮތުން ގާސިމަށް ދެއްވި ފަހު ބަސް ބުނުމުގެ ފުރުސަތުގައި ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއް ގާއިމުވެއްޖެނަމަ އިންތިހާބުގައި ވާދަކުރެއްވި އަނެއް ތިން ބޭފުޅުން ބައިވެރިކޮށްގެން ގައުމީއެއްބައިވަންތަކުގެ ސަރުކާރެއް ގާއިމުކޮށް އެ ބޭފުޅުންނަށް ދޭން ޖެހޭ އިހުތިރާމާއި ގަދަރު ދެއްވާނެކަމަށެވެ.
"އަޅުގަނޑަށް އިނތިހާބު ކާމިޔާބުވެއްޖެނަމަ މިތިންބޭފުޅުން ބައިވެރިކޮށްގެން އެއްބައިވަންތަ ސަރުކާރެއް ގާއިމުކުރާނަން. އަދި އެބޭފުޅުންނަށް ދޭންޖެހޭ ގަދަރާއި އިހުތިރާމް ދޭނަށް. އެތިން ބޭފުޅުންނާއެކު ގައުމު ހަމަމަގަށް އަޅުވާ ސުލަހަވެރިކުރާނަން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނަށް އިންތިހާބު ކާމިޔާބުވެއްޖެނަމަ ގައުމަށް އުޖާލާކަމަށާއި ހަމަޖެހުން ގެނެސްދެއްވާނެކަމަށާއި ގައުމު ތަރައްގީކޮށް އާރާސްތުކުރެވޭނީ ތަޖުރިބާ ހުރި އަދި ކަންކަންކޮށް ނަތީޖާ ނެރެފައިވާ މީހުންނަށްކަމަށެވެ.
ގާސިމު ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ގައުމު ތަރައްގީކުރާނެގޮތް ސާފުކޮށް ދެއްވާ، ރާއްޖެ ތަރައްގީކުރާނީ ސިންގަޕޫރާއި ޑުބާއީ ފަދަ ގައުމުތައް ނަމޫނާއަކަށް ބަލައިގެން އެގޮތަށް ކަމަށް ވިދާޅުވަމުންގެންދަވާ ވާހަކަފުޅު ތަކުރާރުކުރައްވާފައެވެ.
ގާސިމު ވިދާޅުވީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނީ ސުލަވެރިކަމާއެކު ގައުމު ހިންގޭވަރުގެ ވެރިއަކަށް ކަމަށާއި އަދި އެންމެން ގޮވައިގެން އުޅެވޭވަރުގެ މީހަކަށް ކަމަށެވެ. އެމީހަކީ ގާސިމް އިބްރާހީމް ކަމަށާއި އެހެން ކަމުން އެމަނިކުފާނަށް ވޯޓް ދެއްވުން ކޮންމެހެން މުހިންމުކަމަށް ގާސިމު ވިދާޅުވިއެވެ.
އަނެއް ތިން ކެންޑިޑޭޓުން ބައިވެރިކޮށްގެން ސަރުކާރެއް ގާއިމުކުރާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ