މާޒު ސަލީމަށް ހެންވޭރު އުތުރު ދާއިރާގެ ޓިކެޓް ދެއްވައިފި

ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލީޝަންގެ ކެންޑިޑޭޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު އަހްމަދު ސަލީމަށް ޓިކެޓް ކަށަވަރުވެއްޖެ އެވެ.
މިހާރު ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސަލީމަށް ޓިކެޓް ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީންނެވެ. ހެންވޭރު އުތުރަކީ ޖުމްހޫރީ ޕާޓީއަށް ސަރުކާރު ކޯލީޝަންގެ ތެރެއިން ލިބިފައިވާ ދާއިރާއެކެވެ.
ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސަލީމް ވިދާޅުވީ އޭނާ ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވަން ނިންމެވީ އެދާއިރާގެ ގިނަ ރައްޔިތުންގެ އެދުމަށް ކަމަށެވެ.
"އަޅުގަނޑަށް ހެންވޭރު އުތުރު ދާއިރާގެ ޓިކެޓް ލިބިފައިވާ ކަން ޕާޓީން މިހާރު ވަނީ އަންގާފައި. އެހެންވީމާ އަޅުގަނޑުގެ ކެމްޕޭން ގިނަވެގެން ހަފްތާއެއްގެ ތެރޭގައި ރަސްމީކޮށް ފެށޭނެ. މިދާއިރާގެ ރައްޔިތުންނަށް އިނގޭނެ މިދިޔަ ދުވަސްތަކުގައި އެ ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ކުރީ ކާކުކަން. ކާކުކަން ރައްޔިތުންގެ ކަންކަމުގައި އުޅުނީ" ސަލީމް ވިދާޅުވި އެވެ.
ހެންވޭރު އުތުރު ދާއިރާއަށް އެމްޑީޕީން ކުރިމަތިލަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ތަފާތު ބޮޑު ނަތީޖާއަކާއެކު ޝާހިދު ވަނީ އެދާއިރާގެ ޓިކެޓް ހޯއްދަވާފަ އެވެ.
އަބްދުﷲ ޝާހިދާ ވާދަކޮށް ހެންވޭރު އުތުރު ދާއިރާ އިން ކާމިޔާބު ލިބިދާނެތޯ ދެންނެވުމުން ސަލީމް ވިދާޅުވީ އޭނާ މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމެވީ ވަކި މީހަކާ ވާދަކޮށް ކާމިޔާބު ހޯދުމަށް ނޫން ކަމަށެވެ. ހުރިހާވެސް ބޭނުމަކީ އަލަށް އުފެދުނު ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންނަށް މަޖިލީހުގެ ތެރެއިން ހިދުމަތްކޮށްދިނުން ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ