ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ހުށަހަޅާ މައްސަލަތައް ބަލައިގަތުން ކުރިމިނަލް ކޯޓުން މެދުކަނޑާލާފައި އޮތް ނަމަވެސް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަންދާ ގުޅިގެން ނެރޭ އަމުރުފަދަ ޟަރޫރީ ކަންތައްތައް ކުރިއެކޭވެސް އެއްފަދައިން ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް ކްރިމިނަލް ކޯޓުން އަމަލުކުރަމުން ނުދާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވީ ނަމަވެސް ޕީޖީ އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ފޮނުވި އެއްވެސް މައްސަލައެއް ކޯޓުން ބަލައިނުގަނެ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
"ދެން ކޯޓުން ބުނަނީ ސުޕްރީމް ކޯޓުގެ އަމުރުގައި ބުނާ ޟަރޫރީ މައްސަލަތަކެއް ނޫން ކަމަށް މިއީ. އެހެން ކިޔާފައި ފޮނުވާލާފައި ވަނީ" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޖީ އޮފީހުން އަމަލުކުރާ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، އަދި ކޯޓުގެ އެ އަމަލާއި ގުޅިގެން އެތައް ބައެއްގެ ހައްގުތައް ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ޝަމީމް އިތުރަށް ވިދާޅުވީ ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް ކްރިމިނަލް ކޯޓުން ބަލައިނުގަތުމަށް ނިންމުމާއި ގުޅިގެން ކޯޓުގެ ނިންމުން ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ އެމައްސަލައިގައި ޕީޖީ އޮފީހުން ކުރިއަށްދާނެ ކަމަށެވެ.
ޕީޖީ އޮފީހުން ކްރިމިނިލް ކޯޓަށް ފޮނުވާ މައްސަލަތައް ބަލައިގަތުން މިމަހުގެ އަށްވަނަ ދުވަހު ކޯޓުން މެދުކަނޑާލީ ޕީޖީގެ ގާނޫނުގައި ޕީޖީގެ މަގާމު ހުސްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަންޖެހޭނެ ކަމަށް ބުނެފައިވާތީ އެމުއްދަތުގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވިފައި ނުވާ ކަމަށް ބުނެ އެވެ. ނަމަވެސް ކޯޓުން އެދުވަހު ބުނީ ސުޕްރީމް ކޯޓުން އަންގާ ގޮތަކަށް އަމަލުކުރާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން މިމަހުގެ ނުވަވަނަ ދުވަހު ކްރިމިނަލް ކޯޓަށް އެންގި އެންގުމުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ހިނގަހިނގާއޮތް ގޮތުގެމަތިން ހިނގަހިނގާ އޮތުމަކީ ގާނޫނުއަސާސީގެ ދަށުން ނަގަހައްޓަންޖެހޭ ގާނޫނުގެ ހުކުމް ނެގެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލަތައް ހިނގުމަށް ހުރަސްތަކެއް ކުރިމަތިވިޔަނުދީ ކުރިއަށް ގެންދިއުމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކްރިމިނަލް ކޯޓުން ދެމުންގެންދާ ބަންދާ ގުޅިގެން ނެރޭ އަމުރުފަދަ ޟަރޫރީ ކަންތައްތައް ކުރިއެކޭވެސް އެއްފަދައިން ކުރިއަށް ގެންދިއުމަށް އަންގާ ކަމަށެވެ.
ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރު ނެރުނު ދުވަހު ޝަމީމް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަންދާ ގުޅިގެން ނެރޭ އަމުރުފަދަ ޟަރޫރީ ކަންތައްތައް ކުރިއެކޭވެސް އެއްފަދައިން ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް އަންގާފައި އޮތް އޮތުމުގެ މާނައަކީ ކުރިންވެސް އަމަލުކުރި ގޮތަށް އަމަލުކުރުން ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ އަމުރާއެކު އަޅުގަނޑު ދެކެނީ ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަންނަންޖެހޭނެ ކަމަށް. އަދި އެގޮތަށް ދެން ކުރިއަށްދާނެ ކަމަށް. ޕީޖީ އޮފީހުން ހުށަހަޅާ ކޮންމެ މައްސަލައަކީ ހަމަ ޟަރޫރީ މައްސަލަ. އެތައް ބައެއްގެ ހައްގުތަކާއި އެމައްސަލަތައް ވަނީ ގުޅިފައި" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް އިތުރަށް ވިދާޅުވީ ކްރިމިނަލް ކޯޓަށް ހުށަހަޅާ ބައެއް މައްސަލަ ޟަރޫރީ މައްސަލައިގެ ގޮތުގައި ބަލައިގަތުމަށްފަހު އެހެން ބައެއް މައްސަލަތައް އެއީ ޟަރޫރީ މައްސަލަތައް ނޫން ކަމަށް ނިންމުމަކީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާއާ ފުށު އަރާ ކަމެއް ކަމަށެވެ. އަދި ޕީޖީ ނެތިގެން ކަމަށް ބުނެ ހުއްޓާލާ މައްސަލަތަކުގައި ތަފާތު މައްސަލަތަކުގައި ތަފާތު ގޮތަކަށް އަމަލުކުރެވިދާނެ ކަމަށް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނުގެ ކުރިމަތީގައި އަދި އެމީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއް ކަމަށެވެ. އަދި ގާނޫނުގެ ރައްކާތެރިކާމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމައެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށެވެ.
ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް ކްރިމިނަލް ކޯޓުން ބަލައިނުގަންނަ ސަބަބެއް ސާފުކުރުމަށް ގުޅާލުމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ ކޯޓުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ބަލައެއް ނުގަނޭ: ޕީޖީ އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ